އެކި ކުންފުނިތަކާއި އެކު، ދައުލަތުން ގާއިމްކުރާ އެއްބަސްވުންތައް އުވާލުމުން، މައްސަލަ ކޯޓަށް ހުށަހަޅި ހާލަތެއްގައި ދައުލަތުގެ ފަރާތުން އަދާ ކުރަން ޖެހޭ މާލީ ބަދަލުގެ މަތީ އަދަދެއް ކަނޑައަޅަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ދައުލަތުން އެކި ފަރާތްތަކާއެކު ހަދާ އެއްބަސްވުންތަކުގެ ދަށުން ދޭންޖެހޭ މާލީ ބަދަލުތައް ދިނުމުގައި ދައުލަތަށް ބުރަ ނުވާނޭ އުސޫލެއް ގާއިމުކޮށް އެ އުސޫލުގެ ދަށުން ބަދަލު ދިނުމަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ތުޅާދޫ ދާއިރާ މެމްބަރު ހިސާން ހުސައިން އެވެ.
ހިސާން މަޖިލީހަށް ހުށަހެޅުއްވި ގަރާރު ދިރާސާކޮށް މާލިއްޔަތު ކޮމިޓީން ތަޅުމަށް ހުށަހެޅި ރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ 62 މެންބަރުންގެ ވޯޓުންނެވެ.
އެ ކުންފުނިތަކަށް މިހާރު ދީފައިވާ ބަދަލުތަކަކީ ލިބުނު ގެއްލުމަށްވުރެ ބޮޑު ބަދަލެއް ކަމަށް ގަރާރުގައި ބުނެފައި އޮތް ނަމަވެސް އެކަން އެގޮތަށް ދިމާވީ ކުރީގެ ސަރުކާރުތަކުން ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ ކަންކަން ފުރިހަމަ ނުކޮށްގެން ކަމަގަރާރުގައި ގޮވާލާފައިވާ އެންމެ މުހިންމު އެއް ކަމަކީ، ދައުލަތުން ބަދަލު ދޭންޖެހޭ ހާލަތުގައި ބަދަލުގެ ގޮތުގައި ދޭނެ އެންމެ މަތީ މިންވަރެއް ކަނޑައެޅުމަށެވެ.
އެ ގަރާރާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މިހާރުވެސް ގެއްލުމާއި ލަފާކުރެވޭ ގެއްލުމަށް ނުވަތަ ފޯސިއަބަލް ލޮސްއަށް ބަލައި ގެއްލުމުގެ ބަދަލު ނެގޭނެކަމަށް ކޮންޓްރެކްޓް ގާނޫނުގައި ހިމަނާފައިވާ ކަމަށެވެ.
ކޯޓަށް ނުވަތަ އާބިޓްރޭޝަނަށް ހުށަހެޅިފައިވާ، ދިވެހި ސަރުކާރު ޝާމިލްވާ އެކި އެކި މައްސަލަތަކާއި، ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާ ޙަވާލުކޮށްގެން ހިންގާފައިވާ އެކި މަޝްރޫއުތަކާއި އެ މަޝްރޫޢުތަކާ ގުޅޭ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތަކުގެ ތެރެއިން، މާލީގޮތުން ދައުލަތުން މި އަހަރުގެ ތެރޭގައި ބޮޑު ބުރަތަކެއް ވަނީ އުފުލަން ޖެހިފައެވެ.
އެގޮތުން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި ސަރުކާރުން މިހާތަނަށް ބަދަލުގެ ގޮތުގައި ބިލިއަަނެއްހާ ރުފިޔާ ވަނީ ކުންފުނިތަކަށް ދޫކޮށްފަ އެވެ.
މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ވާގޮތުން، ސަރުކާރުން ސޮއިކުރާ އެއްބަސްވުންތަކުގައި ބަދަލުގެ ގޮތުގައި ދެވޭނެ އެންމެ މަތީ މިންވަރެއް ކަނޑައަޅަން ޖެހޭނެ ކަމަށް ސަރުކާރުގެ ހުރިހާ ވުޒާރާތައް ލާޒިމުކުރާ ގޮތަށް ދައުލަތުގެ މާލިއްޔަތު ގަވާއިދު އިސްލާހު ކުރަން ފިނޭންސް މިނިސްޓްރީއަށް އެންގުމަށެވެ. އަދި އެފަދަ އެއްބަސްވުންތަކުގައި ބަދަލު ދެވޭނެ އެންމެ މަތީ މިންގަނޑު ކަނޑައަޅައި، އެއްބަސްވުންތަކުގައި ހިމެނުމަށް އެޓާނީ ޖެނެރަލް (އޭޖީ) އަށް އެންގުމަށް ރިޕޯޓްގައިވެ އެވެ.
ރިޕޯޓުގައި މަދަނީ އިޖުރާތްތަކުގެ ގާނޫނުގެ ބިލާއި، ދައުލަތުގެ މާލިއްޔަތު ގާނޫނު އިިސްލާހު ކުރުމުގެ ބިލެއް އެކުލަވާލައި މަޖިލީހަށް ފޮނުވަން އޭޖީއަށް އަންގަން ވަނީ ބުނެފައެވެ.

