ރާއްޖެ އިން ބޭރަށް ފުރާ މީހުންގެ އަތުން އެއާޕޯޓު ސާވިސް ޗާޖް ނެގުން ހުއްޓާލައި އާ ޓެކުހެއް ތައާރަފް ކުރަން ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ނިންމައިފިއެވެ.
ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު އެ ބިލްގައި ބުނެފައިވާ ގޮތުގައި ބިލް ހުށަހެޅި އެއް މަގްސަދަކީ އެއާޕޯޓް ސާވިސް ޗާޖުގެ ނަމުގައި ފީ ނެގުން ހުއްޓާލައި، ޑިޕާޗަ ޓެކްސްގެ ނަމުގައި ޓެކުހެއް ނެގުމެވެ.
މީގެއިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ފަސެންޖަރުންގެ އަތުން ފީގެ ގޮތުގައި ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ) ގެ ރޭޓްތައް ފަސެންޖަރުން ދަތުރު ކުރާ ކްލާހަށް ބިނާކޮށް ކަނޑައެޅުމަކީ ވެސް މި ބިލްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބުނެފައިވެ އެވެ.
ބިލްގައިވާ ގޮތުން އެއާޕޯޓް ސާވިސް ޗާޖް ނެގުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށެވެ. އަދި ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސެންޖަރުންގެ އަތުން ޑިޕާޗަ ޓެކްސްގެ ނަމުގައި ޓެކުހެއް ނަގަން ބިލްގައި ވަނީ ހިމަނައިފަ އެވެ. އެއީ އަންނަ އަހަރުގެ އެޕްރީމް މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.
އެގޮތުން ޑިޕާޗަރ ޓެކްސް ނެގޭނެ އުސޫޅުތަކާއި ކޮލާސްތަކުގެ އިތުރުން އަގުތައް ވެސް ބިލްގައި ވަނީ ބަޔާން ކޮށްފައެވެ.
– އިކޮނޮމީ ކްލާހުން ނަމަ، ދިވެހިންގެ އަތުން 12 ޑޮލަރު، ބިދޭސީންގެ އަތުން 25 ޑޮލަރު.
– ބިޒްނަސް ކްލާހުން ނަމަ، ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 60 ޑޮލަރު.
– ފަސްޓް ކްލާހުން ނަމަ ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 90 ޑޮލަރު.
– ޕްރައިވެޓް ޖެޓް ނަމަ، ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 120 ޑޮލަރު.
އޭޑީސީގެ ގޮތުގައި ދިވެހިންގެ އަތުން މިހާރު 12 ޑޮލަރު ނަގާ އިރު، ބިދޭސީންގެ އަތުން ނަގަނީ 25 ޑޮލަރެވެ. އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ވެސް ދިވެހިންގެ އަތުން 12 ޑޮލަރު، އަދި ބިދޭސީންގެ އަތުން 25 ޑޮލަރު ނަގަ އެވެ. އެހެންވެ، ދިވެހިން އަތުން 24 ޑޮލަރާއި ބޭރުގެ ފަސިންޖަރުން އަތުން 50 ޑޮލަރު ނަގަ އެވެ.
ބިލްގައި ބުނެފައިވާ ގޮތުގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބޭ މީހުންނާއި ޓްރާންސިޓް ފަސެންޖަރުންނާއި އުމުރުން ދެ އަހަރު ފުރިހަމަ ނުވާ ކުޑަކުދިން ޑިޕާޗާ ޓެކްސް ނެގުމުން އިސްތިސްނާ ވާނެއެވެ. ބިލްގައިވާ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ފަސެންޖަރެއްގެ އަތުން އެއާޕޯޓު ޑިވެލޮޕްމަންޓް ފީއެއް ނަގާނެ އެވެ.
އެގޮތުން އަންނަ އަހަރުގެ މާޗު 31 އާ ހަމައަށް ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 24 ޑޮލަރު ނަގާނެ އެވެ. އަދި އޭޕްރީލް މަހުން ފެށިގެން ޑިޕާޗާ ޓެކްސް ނަގާ އުސޫލާ އެއްގޮތަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ފަސެންޖަރުން އަތުން ފީ ނަގަން ވާނެ ކަމަށް ބިލްގައިވެ އެވެ.
ބިލުގައިވާ ގޮތުން ޑިޕާޗާ ޓެކުހާއި އެއާޕޯޓު ސާވިސް ޗާޖާއި އޭޑީސީ ނެގުމުގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ ފަސިންޖަރަކު ބޭރަށް ފުރާ އެއާލައިނަކުންނެވެ. އަދި ކަނޑައެޅިފައިވާ ތާރީހުގައި އެ ފީތައް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުދައްކައިފި ނަމަ، ޓެކްސް ނެގުމާ ބެހޭ ގާނޫނުގެ ދަށުން އެ އެއާލައިނެއް ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބިލްގައި ވަނީ ބުނެފަ އެވެ.

