ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އިންތިހާބު އެއްކޮށްލުމުން ޖަވާބުދާރީ ކުރުމުގެ ނިޒާމު ގެއްލޭ، ރައްޔިތުން ފާރަވެރިވާން ޖެހޭ: މީކާއިލް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން، ދައުލަތް ޖަވާބުދާރީ ކުރުވުމަށް އޮތް ނިޒާމު ގެއްލިގެންދާނެކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ހަރަދު ކުޑަކުރުމުގެ ގޮތުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހާއި ގުޅޭ ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ފެށީ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ފަހު އެވެ. އޭގެ ކުރިން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ތެރެއިން ދެ އިންތިހާބު އެއްކޮށްލުމުގެ ވިސްނުން ގެންގުޅުއްވާތީ، ބިލު ޑްރާފްޓު ކުރުން ކުރިޔަށްދާކަމަށް ހާމަކުރައްވާފަ އެވެ.

މި އިސްލާހަށް އިދިކޮޅުގެ މެމްބަރުން ދެކޮޅު ހަދައި ބުނެފައި ވަނީ، ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި އަވަސް އަރުވާލައިގެން އިސްލާހު ހުށަހަޅަނީ ވެރިކަމުގެ ދައުރު 10 އަހަރަށް ދަންމާލުމަށް ކަމަށެވެ. އަދި ސަރުކާރުގެ ނިޔަތާއި މެދު ސުވާލު އުފައްދައި ވަނީ، ހަރަދު ކުޑަކުރުމުގެ ވާހަކައަކީ އަސްލެއް ނެތްކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

އިސްލާހާއި ގުޅޭގޮތުން އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި މީކާއިލް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ އެމްޑީޕީން ގިނަ އަހަރުތަކެއް ވަންދެން ކުރި މަސައްކަތުން އުފަންކުރި ޖަވާބުދާރީ ކުރުވަނިވި ނިޒާމު ދެމެހެއްޓުމަށް ލިބޭނެ އެންމެ ފަހުގެ ފުރުސަތު ކަމަށެވެ.

މީކާއިލް ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒުގެ ވެރިކަން ފެށިގެން އައީ ދައުލަތުގެ މުހިންމު މުއައްސަސާތައް ”ތަޅުއަޅުވަމުން“ ނެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ނުފޫޒު ފޯރުވުމާއި، ލާމަރުކަޒީ ނިޒާމަށް ހުރަސްއެޅުމަށް ސަރުކާރުން އެތައް ނިންމުމެއް ނިންމާފައިވާކަމަށް ވިދާޅުވި އެވެ.

އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރުން މުހިންމުކަމަށް ވިދާޅުވެ، މީކާއިލް ވަނީ ކައުންސިލް އިންތިހާބު ސަރުކާރަށް ނުލިބިއްޖެ ނަމަ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެއްވެސް ފުރުސަތެއް ދެން ނޯންނާނެކަމަށް ތަކުރާރު ކުރައްވާފަ އެވެ. ސަރުކާރުން ތަރައްގީގެ މަޝްރޫއުތަކާއި އިންތިހާބު ގުޅުވަމުންދާ ދިއުމަށް ރައްދު ދެއްވައި މީކާއިލް ވިދާޅުވީ، އެ ޕާޓީއަށް މުހިންމީ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ހިދުމަތްތައް ގާއިމުވުން ކަމަށެވެ. އޭގެ ތެރޭގައި ރަށްތަކުގެ ސިއްހީ ނިޒާމު ފުރިހަމަވެ، ރަނގަޅު ތައުލީމީ ފުރުސަތުތައް ގާއިމުވުން ހިމެނޭކަމަށް މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަައި، ތަރައްގީޤީ ލިބޭނީ ހަމައެކަނި ސަރުކާރު ކެންޑިޑޭޓުން ހޮވުމުންކަމަށް ބުނެ އޮޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

އިންތިހާބުތައް އެއްކޮށްލުމާ ގުޅޭގޮތުން މީކާއިލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މިހާރު ކުރިއަށްދާ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބިލަކީ ރައީސް މުއިއްޒާއި އިލެކްޝަންސް ކޮމިޝަނުގެ އިސް ފަރާތްތަކާއި ދެމެދު ބޭއްވުނު ސިއްރު ބައްދަލުވުމެއްގެ ނަތީޖާ ކަމަށެވެ. އަދި މިކަމާ ގުޅޭ ރެފަރެންޑަމް ލޯކަލް ކައުންސިލް އިންތިހާބާ އެކު ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް، މިކަމަށް ވިސްނައި ޕާޓީގެ ގައުމީ މަޖިލީހުން ނިންމާ ގޮތެއްގެ މަތީން މަސައްކަތް ކުރަން ޖެހޭކަމަށެވެ. އަދި ޕާޓީގެ މެމްބަރުން އެކުވެރިކަމާއި އެކު މަސައްކަތްކޮށް، ސަރުކާރަށް އިންތިހާބު ކާމިޔާބު ނުވާނެހެން ކެމްޕެއިން ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ގޮވާލާފަ އެވެ.

މަޖިލީހުގައި މިވަގުތު އޮތް ދެ އިންތިހާބު އެއްކޮށްލުމުގެ ބިލުގެ މަސައްކަތް ނިމި، އެއަށް ރައްޔިތުން އަހުލުވެރި ކުރުވުމަށް ލިބެނީ ވަރަށް ކުރު މުއްދަތެއްކަމަށް މީކާއިލް ވިދާޅުވި އެވެ. މީކާއިލް ވިދާޅުވީ މިފަދަ ކަންކަމަށް ރައްޔިތުން ފާރަވެރިވާން ޖެހޭކަމަށެވެ. އަދި ދެ އިންތިހާބު އެއްކޮށްގެން، ޖަވާބުދާރީ ކުރުވުމުގެ ނިޒާމު އެއްކޮށް ގެއްލިގެން ދިއުމުގެ ބިރު އޮތުމުން އެކަމާއި ދެކޮޅަށް މަސަައްކަތް ކުރަންޖެހޭކަމަށް ވިދާޅުވި އެވެ.

މި ރެފަރެންޑަމްގެ ކަންކަމާގެން އުޅެން، ރައްޔިތުން އަހުލުވެރި ކުރުވަން އަޅުގަނޑުމެންނަށް މި ލިބެނީ، މި ޕާޓީއަށް މި ލިބެނީ ވަރަށް ވަރަށް ކުޑަ މުއްދަތެއް. މިކަމާ އަޅުގަނޑުމެން ފާރަވެރިވާން ޖެހޭ. ދިވެހިރާއްޖޭގައި ރިޔާސީ އިންތިޚާބާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލާ ބާއްވާފައި ނަމަ އަޅުގަނޑުމެންނަށް އަނެއްކާވެސް ރައްޔިތުންނަށް، މި ޕާޓީއަށް، ދިވެހި ދައުލަތަށް ގެއްލިގެން މިދަނީ، އަޅުގަނޑުމެންގެ ޖަވާބުދާރީ ކުރުވަނިވި ނިޒާމެއް ގާއިމް ކުރުމަށް އަޅުގަނޑުމެން ކަނޑައަޅާފައި އޮތް މި ނިޒާމު

އިސްލާހުގެ ބޭނުމަކީ ދައުރު ދަންމާލުންކަމަށް އެމްޑީޕީ ކުރާ ތުހުމަތުތައް ސަރުކާރުގެ މެމްބަރުން ދޮގު ކުރެ އެވެ. އެ ވާހަކަތަކަށް ރައްދުދީ، ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރ އިބްރާހިމް ފަލާހު ވިދާޅުވީ މި އިސްލާހަކީ ދެ އިންތިހާބު އެއްކޮށްލުމަށާއި، މަޖިލީހުގެ އުމުރު ކުރުކުރުމަށް ހުށަހަޅާފައިވާ ވަރަށް މުހިންމު ބަދަލެއް ކަމަށެވެ. އަދި މި ބަދަލު މަޖިލީހުން ފާސްކޮށް، ރައީސް މުއިއްޒު ތަސްދީގު ކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް މި އިސްލާހު ހުށަހަޅާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ފަލާހު ފާހަގަކުރެއްވި ގޮތުގައި، ދާދިފަހުން އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހުތަކާއިއެކު، ގައުމީ މަސްލަހަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ފުރުސަތު މި ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: