ވައްމުލަކު ސިޓީ ކައުންސިލަށް އެކިއެކި ފަރާތްތަކުން ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބިވާކަމާއި، ކައުންސިލްގެ އިހުމާލުން ދައުލަތަށް ލިބެންޖެހޭ ފައިސާތަކެއް ގެއްލިފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮޑިޓު ރިޕޯޓުގައި ބުނެފި އެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކުރި ފުވައްމުލަކު ސިޓީ ކައުންސިލްގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް އަދި 2024 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، 31 ޑިސެންބަރު 2024 ގެ ނިޔަލަށް އެކިއެކި ފަރާތްތަކުން ކައުންސިލަށް ލިބެންޖެހޭ 4,387,485 (ހަތަރު މިލިއަން ތިން ލައްކަ އަށްޑިހަ ހަތް ހާސް ހަތަރު ސަތޭކަ އަށްޑިހަ ފަހެއް) ރުފިޔާ ނުލިބި އެބަހުއްޓެވެ.
މި ފައިސާގެ ތެރެއިން 2025 ވަނަ އަހަރުގެ ތެރޭގައި ލިބިފައިވާ ފައިސާ އުނިކުރުމަށް ފަހު، 25 ޑިސެންބަރު 2025 އާ ހަމައަށް ވެސް 3,639,771 (ތިން މިލިޔަން ހަ ލައްކަ ތިރީސް ނުވަ ހާސް ހަތް ސަތޭކަ ހަތްދިހަ އެކެއް) ރުފިޔާ ނުލިބިވާކަން އޮޑިޓްގައި ވަނީ ބުނެފަ އެވެ.
ދައުލަތުގެ މާލިއްޔަތު ގަވާއިދު ބުނާގޮތުން، ދައުލަތުގެ އޮފީހަކަށް ލިބެންޖެހޭ ފައިސާ އެކަމެއް ނިމޭތާ ގިނަވެގެން އެއް މަސްދުވަހުގެ ތެރޭގައި ހޯދަންޖެހެއެވެ. ނަމަވެސް، ފުވައްމުލަކު ސިޓީ ކައުންސިލުން ފައިސާ ހޯދުމަށް ސިޓީ ފޮނުވުމާއި ފޯނުން މެސެޖު ކުރުން ފަދަ ކަންކަން ކުރި ނަމަވެސް، ގަވާއިދާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާކަން އޮޑިޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
މީގެ އިތުރުން، ފުވައްމުލަކުގައި ބައްތި ޖެހުމަށް ޖަނަވަރީ 2024 ގައި ކުންފުންޏަކާ ހަވާލުކުރި 1.05 މިލިއަން ރުފިޔާގެ މަޝްރޫއެއްގެ ޕާފޯމަންސް ގެރެންޓީގެ ގޮތުގައި ލިބެންޖެހޭ 83,998 ރުފިޔާ ލިބިފައި ނުވާކަން އޮޑިޓުން ދައްކަ އެވެ. އޮޑިޓުގައި ބުނެފައި ވަނީ އެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުގެންގޮސްގެން އޮކްޓޯބަރު 2024 ގައި އެއްބަސްވުން ބާތިލުކުރި އިރު، ޕާފޯމަންސް ގެރެންޓީގެ މުއްދަތު އާކުރުމަށް ކައުންސިލުން އަންގާފައި ނުވުމުން އެ ފައިސާ ދައުލަތަށް ނެގޭނެ މަގު ވަނީ ބަންދުވެފައިވާ ކަމަށެވެ.
އޮޑިޓަރ ޖެނެރަލް ވަނީ މި މައްސަލަތައް އިތުރަށް ބަލައި، އިހުމާލުވި ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ލަފާދީފަ އެވެ. އަދި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި މާލިއްޔަތު ގަވާއިދަށް ފުރިހަމައަށް އަމަލުކުރުމަށް ކައުންސިލަށް ވަނީ އިރުޝާދު ދީފައެވެ.
އޮޑިޓު ރިޕޯޓުގައި އިތުރު އެހެން ބައެއް މައްސަލަތައް ވެސް ފެންމަތިކުރިއިރު އޭގެ ތެރޭގައި، ސިޓީ ކައުންސިލުން ބިންތައް ދޫކޮށްގެން ލިބެންޖެހޭ އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބިވާކަމާއި، ކަމާބެހޭ އިދާރާތަކުގެ އެންގުމާ ހިލާފަށް މުވައްޒަފުންނަށް ބޮޑެތި އަދަދުތަކުން އެލަވަންސް ދީފައިވުން ހިމެނެ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ލާމަރުކަޒީ ގާނޫނުގެ 39 ވަނަ މާއްދާގެ (ށ) އާ އެއްގޮތަށް ސިޓީގެ ބިންތައް ބޭނުންކުރާނެ ލޭންޑް ޔޫސް ޕްލޭނެއް 16 ޖޫން 2025 އާ ހަމައަށްވެސް ކައުންސިލުން އެކުލަވާލާފައި ނުވާކަމަށެވެ. އޮޑިޓުގައި ބުނީ މިފަދަ ޕްލޭނެއް ނެތުމުގެ ސަބަބުން ބިންތައް ބޭނުންކުރުމާއި ބެލެހެއްޓުމުގައި ގޮންޖެހުންތަކެއް ހުރިކަމަށެވެ.
މީގެ އިތުރުން، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި ފިނޭންސް މިނިސްޓްރީގެ އެންގުންތަކާ ހިލާފަށް، ކައުންސިލްގެ އާމްދަނީން މުވައްޒަފުންނަށް ”އެޓެންޑެންސް އެލަވަންސް“ ދީފައިވާކަން ރިޕޯޓުން ފެންމަތިކޮށްފައި ވެއެވެ. ކައުންސިލްގެ 192 ވަނަ އާންމު ޖަލްސާއާއި 200 ވަނަ އާންމު ޖަލްސާއިން ނިންމައިގެން، ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 50 ރުފިޔާގެ ރޭޓުން 2025 ވަނަ އަހަރުގެ ފެބްރުއަރީން މޭ މަހުގެ ނިޔަލަށް 783,650 ރުފިޔާ ބަހާފައިވާއިރު، މި އެލަވަންސް ނުދިނުމަށް ޕޭ ކޮމިޝަނާއި ސިވިލް ސީއެސްސީ އަންގާފައި ވަނިކޮށް، ދާއިމީ މުވައްޒަފުންގެ އިތުރުން ކޮންޓްރެކްޓް މުވައްޒަފުންނަށްވެސް މި ފައިސާ ދީފައިވާކަމަށް އޮޑިޓުން ދައްކަ އެވެ.
ބިންތަކާ ގުޅޭގޮތުން އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ، ޓެލެކޮމިއުނިކޭޝަން ހިދުމަތް ދިނުމަށް ފުނާޑު، ދިގުވާޑު އަދި ހޯދަޑު އަވަށުން ދޫކޮށްފައިވާ ބިންތަކުގެ އެއްބަސްވުންތައް 2020 ވަނަ އަހަރު ހަމަވެފައިވާއިރު، އެއްބަސްވުން އާނުކޮށް ވޭތުވެދިޔަ 4 އަހަރު ބިންތައް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި ބައެއް ބިންތައް އެއްބަސްވުމެއް ނެތިވެސް ބޭނުންކުރަމުންދާއިރު، 2024 ވަނަ އަހަރުގެ ނިޔަލަށް ކުލީގެ ގޮތުގައި 1,044,580 ރުފިޔާ ކައުންސިލަށް ލިބެންޖެހޭކަން އޮޑިޓުގައި ވަނީ ހާމަކޮށްފައެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ލާމަރުކަޒީ ގާނޫނާ އެއްގޮތަށް ވީ އެންމެ އަވަހަކަށް ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށާއި، ގަވާއިދާ ހިލާފަށް އެލަވަންސް ދިނުން ހުއްޓާލުމަށް ކައުންސިލަށް ލަފާދީފަ އެވެ. އަދި ބިންތަކުން ލިބެންޖެހޭ ކުލި ހޯދުމަށް އެއްބަސްވުންތައް ގާނޫނީ އިމުގެ ތެރެއަށް ފެއްތުމަށްވެސް އިރުޝާދު ދީފައި ވެއެވެ.
އޮޑިޓު ރިޕޯޓުތަކުން މިފަދަ ބޮޑެތި މައްސަލަތައް ފެންމަތި ކުރި ނަމަވެސް އެކަށީގެންވާ ފިޔަވަޅުތައް ނޭޅޭތީ ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރެ އެވެ. މިފަހުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލާފައިވާ އޮޑިޓު ރިޕޯޓުތަކުގައި ކައުންސިލްތަކުން މާލިއްޔަތު ގާނޫނާއި ހިލާފަށް ހިންގާފައިވާ އެކި ކަންކަމާއި ގުޅޭ މައްސަލަތައް ވަނީ ފާހަގަކޮށްފަ އެވެ.

