ރާއްޖޭގެ ތަޢުލީމީ ސިޔާސަތުތައް ޒަމާނާއި ގުޅޭގޮތަށް މުރާޖަޢާކޮށް، މަންހަޖުތަކާއި މުޤައްރަރުތައް އިލާހީ މަންހަޖާ އެއްގޮތަށް ދުރުރާސްތާގެ ސާބިތު އަމާޒުތަކެއްގެ މައްޗަށް ބިނާކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
”ވަށާޖެހޭ ތަޢުލީމުގެ މަތީގައި އުންމަތް ބިނާކުރުން“ މި މައުޟޫޢަށް އިއްވި ޚުތުބާގައި ވަނީ ތަޢުލީމީ ނިޒާމުގެ އަސާސީ ބިންގާތަކަށް ލޮޅުން ނާރާނޭހެން ކަންކަން ތަރުތީބުކުރުމަކީ އަންނަން އޮތް ޖީލުތަކަށްޓަކައި އަދާކުރަންޖެހޭ ބޮޑު މަސްއޫލިއްޔަތެއްކަން ފާހަގަކޮށްފައެވެ.
ޚުތުބާގައި ބުނިގޮތުގައި އިސްލާމްދީނުގައި ތަޢުލީމަކީ ހަމައެކަނި ދުންޔަވީ ވަޒީފާއަކަށް ތައްޔާރުވުމެއް ނޫނެވެ. އެއީ ދަރިވަރުންގެ ބުއްދިއާއި އަޚްލާޤަށް ފުރިހަމަކަން ގެނެސްދީ، ޞާލިޙު އިންސާނަކު ބިނާކުރުމަށްޓަކައި ފޯރުކޮށްދެވޭ ވަށައިޖެހޭ ތަޢުލީމެކެވެ. މުދައްރިސުންނަކީ ކުރިމަގުގެ ޖީލު ބިނާކުރާ މޭސްތިރިންކަން ފާހަގަކޮށް، ކޮންމެ މާއްދާއެއް ކިޔަވައިދިން ކަމުގައި ވިޔަސް އެކަމެއް އިސްލާމްދީނުގެ އަޞްލުތަކުގެ ތެރެއަށް ފެއްތުމަކީ މުދައްރިސުންގެ އަމާނާތެއްކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ދަރިވަރުންނަށް ނަސޭހަތްތެރިވަމުން ޚުތުބާގައި ބުނީ، އުނގެނުމުގެ މަގަކީ ބުރަ މަސައްކަތެއް ނަމަވެސް އެއީ ސުވަރުގެއަށް މަގުފަހިކޮށްދޭ މަތިވެރި ޖިހާދެއް ކަމަށެވެ. މިކަމާ ގުޅޭގޮތުން ރަސޫލާ (ޞ) ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ”ޢިލްމު ހޯދުމުގެ މަގެއްގައި ހިނގައިފި މީހަކަށް ސުވަރުގެ ވަންނާނެ މަގެއް މާތް ﷲ ފަހިކޮށްދެއްވާނެތެވެ.“ އެހެންކަމުން ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، މުދައްރިސުންނަށް އިޙްތިރާމްކުރުމަށް ދަރިވަރުންނަށް ވަނީ ގޮވާލާފައެވެ.
ބެލެނިވެރިންގެ ދައުރާ ގުޅޭގޮތުން ޚުތުބާގައި ބުނީ، ދަރިން މަދަރުސާއަށް ފޮނުވުމުން ބެލެނިވެރިންގެ ޒިންމާ ނުނިމޭ ކަމަށެވެ. ދަރިންނަށް ބޭނުންވާ ތަކެތި ހޯދައިދޭ ފަދައިން، އެކުދިންނަށް ހިތްވަރުދީ އިތުބާރު ހޯދައިދިނުމަށާއި، އެކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ބަދަލުތަކަށް ހޭލުންތެރިވެ، އެންމެ ގާތް އެކުވެރިއަކަށް ވުމަށް ބެލެނިވެރިންނަށް އިލްތިމާސްކުރިއެވެ.
މީގެ އިތުރުން، ޢާއިލީ ނުތަނަވަސްކަމާއި މުޖުތަމަޢުން ކުރިމަތިވާ ތުރާތަކުން ދަރިން ދުރުކޮށްދީ، އެކުދިންނަށް ރައްކާތެރި އައްޑަނައަކަށް ބެލެނިވެރިން ވާންޖެހޭނެއެވެ. ދަރިންގެ ކާމިޔާބީގައި ބައިވެރިވެ ތަރުޙީބުދިނުމަށާއި، ނާކާމިޔާބީގެ ވަގުތުގައި އަތުގައި ހިފައި އައު ޢަޒުމަކާއެކު ކުރިއަށްދާން ހިތްވަރު ދިނުމަކީ ބެލެނިވެރިންގެ މަސްއޫލިއްޔަތެއްކަމުގައި ޚުތުބާގައި ވަނީ ބަޔާންކޮށްފައެވެ.

