ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީނަށް އިއްވާފައިވާ ހުކުމް: އިދިކޮޅުން ރައީސް ސޯލިހްގެ އަރިހަށް!

ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމާއި ގުޅޭގޮތުން، އިދިކޮޅުން ރައީސާއި ބައްދަލު ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ގުޅޭގޮތުން، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި، އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕްގެ ގިނަ އަދަދެއްގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެ ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީ، މިއަދުގެ ހަވީރު 4:00 އިން 4:30 އާއި ހަމައަށެވެ.

އެ ބައްދަލުވުމުގައ ބައިވެރިވެފައިވަނީ ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އާއި، ޕީޕީއެމްގެ ދެ ނާއިބް ރައީސުން ކަމަށްވާ ގައްސާން މައުމޫނާއި، އަހުމަދު ޝިޔާމް، ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު، ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު އަދި ޕީއެންސީގެ ދެ ނާއިބް ރައީސުން ކަމަށްވާ މުހައްމަދު ސައީދާއި، މުހައްމަދު ނިމާލްގެ އިތުރުން ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފެވެ.

ރައީސް ޔާމީނަށް އިވާފައިވާ ހުކުމާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ރައީސް ސޯލިހްއާއި ހިއްސާ ކުރެއްވުމަށް ވަޑައިގެންނެވި ބޭފުޅުން ވަނީ، މީޑިއާތަކާއި ބައްދަލު ނުކޮށް އެ ސަރަހައްދުން ވަޑައިގެންފައެވެ. ރައީސް އޮފީހުން ލީޑާޝިޕްގެ ބޭފުޅުން ނިކުމެވަޑައިގެންނެވިއިރު، ނޫސްވެރިން ރައީސް އޮފީސް ކުރިމަތީ ތިބިނަމަވެސް އެ ބޭފުޅުން ވަނީ ބައްދަލުވުމާއި ގުޅޭ އެއްވެސް މައުލޫމާތެއް ދެއްވުމަށް ދެކޮޅު ހައްދަވާފައެވެ.

އިދިކޮޅުން ރައީސް ސޯލިހް އާއި ބައްދަލު ކުރުން

ރައީސް ސޯލިހްއާއި ބައްދަލު ކުރުމަށް، ހަމަޖެހުނު އެޕޮއިންޓްމެންޓާއި ގުޅޭގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ”ސަންގު“ އިން ގުޅާލުމުން ވިދާޅުވީ އެ ބައްދަލުވުމާއި ގުޅޭ އެއްވެސް ތަފްސީލެއް ހިއްސާ ކުރެވެން ނެތް ކަމަށެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. ސަންގުއާއި ވާހަކަ ދެއްކެވި ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅަކު ވިދާޅުވީ އެ ބައްދަލުވުން އޮތީ ރައީސް ސޯލިހްއާއި އެކު ކަމަށެވެ. ނަމަވެސް، އެނާވެސް އެއާއި ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

އިދިކޮޅުން ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމާއި ގުޅޭގޮތުން، ރައީސް ސޯލިހް އާއި ބައްދަލު ކުރުން

މިދިޔަ ހުކުރު ދުވަހު، ”އަނިޔާވެރި ހުކުމާއި ދެކޮޅަށް“ ނަމުގައި ޕީޕީއެމާއި ޕީއެންސީއިން ވަނީ ބޮޑު ޖަލްސާއެއް ބާއްވާފައެވެ. އަދި އެ ޖަލްސާގައި ވާހަކަ ދައްވަމުން، ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ކުރިޔަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި ރައީސް ޔާމީން މިނިވަން ވާނެ ކަމަށެވެ. އެގޮތުން، އޭނާ ތާރީހެއްގެ ގޮތުގައި ޖެނުއަރީ 6 ދެއްވާ ވިދާޅުވީ، ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާ ނިމުމުގެ ކުރިން ރައީސް ޔާމީން ގެއަށް ބަދަލުވާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ފަސް ގާޒީންގެ ބެންޗުން އިއްތިފާގުވެ ހުކުމް ކޮށްފައި ވަނީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށެވެ. އޭގެ އިތުރުން މަނީ ލޯންޑަރ ކުރިކަމަށް ސާބިތުވި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ ކަމަށްވާ ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެމަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވާލި ކަމަށް ދައުވާގައިވެ އެވެ.

ރައީސް ޔާމީން ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ވަނީ ކުއްލި ކައުންސިލް ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ދެ ޕާޓީގެ ކައުންސިލުން ވެސް ނިންމާފައިވަނީ ރައީސް ޔާމީން މިނިވަން ނުވަނީސް އިދިކޮޅުން މިހާރު ކުރަމުންދާ މަސައްކަތް ހުއްޓާނުލުމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ބައިނަލްއަގްވާމީ ފަރާތްތަކާއި ބައްދަލުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ކައުންސިލްއިން ނިންމާފައިވަނީ، ރައީސް ޔާމީނަށް އިއްވާފަނީ ”ސިޔާސީ ހުކުމެއް“ ކަމަށެވެ. އެހެން ކަމުން އެ ހުކުމް ބަލައިގަންނަން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށް ކަނޑައަޅާ ޕާޓީއިން 2023 ވަނަ އަހަރު ނެރޭނެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: