”ދެކުނުގެ ގުޅުން“ ޕްރޮޖެކްޓް އިފްތިތާހު ކުރުމުން އެ ސަރަހައްދުގެ ޓޫއަރިޒަމްއަށް އެކަށީގެންވާ ދިރުމެއް ލިބިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ދެކުނުގެ އަތޮޅުތައް ގުޅާލުމަށް ކުރިއަށްގެންދާ ”ދެކުނުގެ ގުޅުން“ ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އަމީން ވިދާޅުވީ މި ހިދުމަތަކީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި މުހިންމު ވައުދުފުޅުގެ ތަންފީޒީ މަރުހަލާގެ ފެށުން ކަމަށެވެ. މީގެ ކުރިންވެސް އަޢްޑޫ އިންޓަރނޭޝަނަލް އެއާޕޯޓުގައި ދެކުނުގެ އަތޮޅުތައް ގުޅާލުމަށް ސީޕްލޭން އޮޕަރޭޝްނގެ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަމީން ވިދާޅުވީ މި މަސައްކަތްތައް ”ސަސްޓައިން“ ކުރެވިފައި ނުވުމާއި ޑިމާންޑަށް ބަލާއިރު، އެންމެ އެކަށީގެންވާ ހިދުމަތަކީ ވައިގެ މަގުން ލެންޑް ބޭސްޑް ކަނެކްޓިވިޓީއަކުން ގުޅާލުން ކަމަށެވެ. މި ފަށާ އޮޕްރޭޝަންގެ ޑިމާންޑް ރަނގަޅުވެ އިތުރު ހައި ކެޕޭސީޓީގެ އިތުރު މަތިންދާ ބޯޓު ބޭނުންވާނަމަ، ބޯޓު ޝެޑިއުލްއަށް ބަލާއި، އިތުރު ބޯޓުތައް ގެނައުމަށް ޝެޑިއުލް ކުރެވިފައިވާ ކަމަށް މިނިސްޓްރ ވަނީ ވިދާޅުވެފައެވެ.
”ގަން އިންޓަރނޭޝަނަލް އެއާޕޯޓަކީ މީގެ 15 ވަރަކަށް އަހަރު ދުވަހުގެ ކުރިއަށް ބެލި ކަމުގައި ވީނަމަވެސް، ދުނިޔޭގެ ކޮމާޝަލް އެއާލައިން ތަކުގައި ބޭނުންކުރާ ހުރިހާ ސައިޒެއްގެ މަރިންދާ ބޯޓު އޮޕަރޭޓް ކުރެވޭނެ ކެޕޭސިޓީ ހުރި އެއާޕޯޓެއް. ނަމަވެސް ހަގީގަތަކީ މިފަދަ މާހައުލެއް ގާއިމްކުރެވިފައި ނެތީ މިފަދަ އެއާލައިނެއް ގާއިމް ކުރުމަށް ގަދައަޅާ މަސައްކަތް ކުރެވިފައި ނެތީމަ. އަދި މީގެއިތުރަށް ޓުއަރިޒަމާއި ގުޅުންހުރި ކަންކަން އެންމެ ރަނގަޅަށް، ހަމަ ޖެހިފައި ނެތުން“
މިހާރު އިފްތިތާހު ކުރެވުނު އެއާ ކަނެކްޓިވިޓީގެ ވަސީލަތެއް ގާއިމްކުރެވުމުން، ފުވައްމުލައް، ހުވަދޫ އަތޮޅު އަދި އައްޑޫ ހިމެނޭހެން ޓުއަރިޒަމްގެ ސްކޯޕް ބޮޑުކުރެވޭނެ ކަމަށް އަމީން ވިދާޅުވިއެވެ. މިވަގުތުވެސް ސަރުކާރުން ދަނީ، މެދުއިރުމަތީގެ އެއާލައިނަކީ އަދި ޗައިނާގެ އެއާލައިނެއް އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓަށް ގެނައުމަށް މަސައްކަތް ކުރަމުން ކަމަށް އަމީން ވިދާޅުވިެވެ.
މީގެއިތުރަށް އަމީން ވިދާޅުވީ ބޮޑެތި ކޮންސެޝަންތަކެއް ދީގެން ނަމަވެސް، އެއާލައިންތައް ގަން އިންޓަރނޭޝަނަލް އެއާޕޯޓަށް ގެންނަން ޖެހޭ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރުން ގަން އެއާޕޯޓުގެ ހާލަތު ބަދަލުކުރައްވާނެ ކަމަށެވެ.

