ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރައްވައިފި އެވެ.
ޝަމީމް، އެ މަގާމަށް އައްޔަން ކުރައްވައި މަގާމުގެ ލިޔުން ހަވާލު ކޮށްފައިވަނީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ. ހުވާ ކުރުމުގެ ރަސްމިއްޔާތު ގައި، ޝަމީމަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ.
ޝަމީމް، ޕީޖީގެ މަގާމަށް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 74 މެމްބަރުންގެ އިއްތިފާގުންނެވެ.
ޕީޖީގެ މަގާމުން ޢައިޝަތު ބިޝާމް އިސްތިއުފާ ދެއްވުމާއި ގުޅިގެން ޕީޖީގެ މަގާމަސް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމް ތިން ބޭފުޅަކު ކުރިމަތިލައި އޭގެ ތެރެއިން ޕީޖީގެ މަގާމަށް އައްޔަން ކުރުމަސް ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއަށް ފެނިވަޑައިގެންނެވީ ހުސެން ޝަމީމްއެވެ.
އެގޮތުން ޝަމީމްއަށް މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވުމުން މައްސަލަ ދިރާސާ ކުރި ޖުޑިޝަރީ ކޮމެޓީން ޝަމީިމްއާއި އިންޓަވިއު ކުރުމަށް ފަހު ކޮމެޓީން ފާސްކޮށްފައި ވަނީ ޝަމީމް ޕީޖީގެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށެވެ.
ޝަމީމަކީ، މީގެ ކުރިން ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ކޮމިޓީގެ މެމްބަރުން ވަނީ ޝަރުއީ ނިޒާމު އިސްލާހު ކުރުމާއި ކުޑަކުދިންގެ އަދުލުގެ ނިޒާމު އަދި ޖިނާއީ އަދުލުގެ ނިޒާމާއި ގުޅޭގޮތުން ޝަމީމް ދެކޭ ގޮތަކީ ކޮބައިތޯ ސުވާލުކޮށްފައެވެ. ރާއްޖެއަށް ގެނައުމަށް ބޭނުންވަނީ ރަނގަޅު ޝަރުއީ ނިޒާމަކާއި، ޖިނާއީ އަދުލުގެ ނިޒާމެއްކަން ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ނިޒާމް ވެގެންދާނީ މިނިވަން އަދި ރަނގަޅު ފެންވަރުގެ ޝަރީއަތްތައް ހިންގޭ މަސައްކަތަކަށް ކަމަށެވެ.

