”ސަދަން ކަނެކްޓިވިޓީ“ އޮޕަރޭޝަންގެ ސަބަބުން ދެކުނުގެ ހުރިހާ އަތޮޅުތަކެއް އެއްކޮށް ގުޅާލެވިގެނަދާނެކަމަށް މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވިއެވެ
ރާއްޖޭގެ ދެކުނުން ވައިގެ ދަތުރުފަތުރު ގުޅުވާލުމުގެ މި މަޝްރޫއަކީ، ދެކުނު ސަރަހައްދުގެ އަތޮޅުތަކުގެ ތެރޭގައި ދަތުރުފަތުރު ރަނގަޅުކޮށް ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމެކެވެ. މި ވިއުގައިގެ ސަބަބުން ގއ. އަދި ގދ. އަތޮޅާއި، ފުވައްމުލަކު ސިޓީ ގުޅުވާލެވުމުގެ އިތުރުން ސަރަހައްދުގެ ތެރޭގައި ދަތުރުފަތުރު ފުޅާވެގެންދާނެއެވެ.
ދެކުނުގެ ވައިގެ ދަތުރުފަތުރުގެ ގުޅުން އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގަގައި ވާހަކަދައްކަވަމުން އިޔާސް ވިދާޅުވީ މި ސަރަހައްދުގެ ރަށްތަކަށް ދަތުރުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ބޭނުމުގައި މޯލްޑިވިއަންގެ ފްލައިޓުތައް ދެކުނުގެ މި ހަތަރު އަތޮޅަަށް އޮޕަރޭޓުކުރުުމަކީ މި ހަތަރު އަތޮޅުގެ ރައްޔިތުންގެ އެދުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކޮށްދެއްވާފައިވާ ކަމެއް ކަމަށެވެ. އެހެން ކަމުން މި އޮޕަރޭޝަން އިފްތިތާހުކުރެވިގެންދާކަމީ މި އަތޮޅުތަކުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔަކާއި އުފަލެއް ލިބިގެންދާނެކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
އިޔާސް ވިދާޅުވީ، ދަތުރުތަކުގެ އަގުތައް ކަނޑައެޅުމުގައި ސަރުކާރާއި އެ ކުންފުނިން ގުޅިގެން އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ރައްޔިތުންނަށް ލުއިފަސޭހަވާނެ ހެޔޮ އަގުތަކެއް ކަނޑައެޅުމަށް ކަމަށެވެ.
އެގޮތުން ގަމާއި ފުވައްމުލަކާ ދެމެދު އެއްކޮޅު ޓިކެޓުގެ އަގަކީ 500 ރުފިޔާ ކަމަށާއި، ފުވައްމުލަކާއި ކާޑެއްދޫ އަދި ފުވައްމުލަކާއި ކޫއްޑޫއާ ދެމެދު ކުރެވޭ ދަތުރުގެ އަގަކީ 650 ރުފިޔާއެވެ.
ގަން-ކޫއްޑޫ އަދި ގަން-ކާޑެއްދޫގެ އެއްކޮޅު ޓިކެޓުގެ އަގަކީ 900 ރުފިޔާ ކަމަށާއި، މި ކަނޑައެޅިފައިވާ އަގުތަކަކީ ދެކުނުގެ އަތޮޅުތަކުގައި ވަރަށް ބޮޑަށް ލުއިކުރެވިފައިވާ އަގުތަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށް އިޔާސް ވިދާޅުވިއެވެ.
ދަތުރުތަކުގެ އެވްރެޖު ދިގުމިނާ ގުޅޭގޮތުން އިޔާސް ވިދާޅުވީ، ގަމާއި ފުވައްމުލަކާ ދެމެދު 20 މިނެޓު، އަދި ފުވައްމުލަކާއި ކާޑެއްދޫ ނުވަތަ ކޫއްޑޫއާ ދެމެދު ނަގާނީ ގާތްގަނޑަކަށް 35 މިނެޓު ކަމަށެވެ.
މޯލްޑިވިއަނުން މިހާރުވެސް ގަން-މާލެ އަދި ގަން-ފުވައްމުލަކަށް ދަތުރުކުރަމުން އަންނަ ނަމަވެސް، އަލަށް އިފްތިތާހު ކުރެވުނު އޮޕަރޭޝަންގެ ސަބަބުން ދެކުނުގެ ހުރިހާ އަތޮޅުތަކެއް އެއްކޮށް ގުޅާލެވިގެންދާނެ ކަމަށް އިޔާސް ވިދާޅުވިއެވެ. އަދި ކަނޑުމަގުން ކުރާ ދަތުރުތަކުގެ އިތުރަށް ވައިގެ މަގުން ދަތުރުފަތުރު ކުރުމަށް މަގުފަހިވެގެން ދިއުމަކީ، މި އަތޮޅުތަކުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ލިބޭނެ ވަރަށް ބޮޑު ލުއިފަސޭހަކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ ސަބަބުން މި ސަރަހައްދުގެ ރައްޔިތުންގެ ގުޅުން އިތުރަށް ބަދަހިވެ، އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން އެތައް ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އިޔާސް ވިދާޅުވިއެވެ. އޭގެ އިތުރުން ސިއްހީ ފަރުވާއަށާއި ތައުލީމީ ބޭނުންތަކަށް ދަތުރުކުރާ ފަރާތްތަކަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ސަރަހައްދަކީ މިހާރުވެސް 3،800 އަށް ވުރެ ގިނަ ޓޫރިސްޓު އެނދުގެ ތަނަވަސްކަން އޮތް ފަތުރުވެރި ސަރަހައްދަކަށް ވުމާއެކު، މި އޮޕަރޭޝަންގެ ސަބަބުން ފަތުރުވެރިކަމާއި ލޯކަލް ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް ލިބި، އާންމު ރައްޔިތުންނަށް މިކަމުގެ ފައިދާ ކުރާނެކަމަށް ވެސް އިޔާސް ވިދާޅުވިއެވެ.

