ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހޯދަމުންދާ މާލީ ކާމިޔާބީއާއި ހިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކަކީ ރާއްޖޭގެ ހުރިހާ ވިޔަފާރިތަކަށާއި ރައްޔިތުންގެ މުއްސަނދިކަމަށް ލިބޭނެ ބޮޑު ކުރިއެރުމެއްކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޒަމީރު މިހެން ވިދާޅުވީ، ދ. ކުޑަހުވަދޫގައި ގާއިމްކުރި ބީއެމްއެލްގެ އާ ބްރާންޗު ރަސްމީކޮށް ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، ބީއެމްއެލް ދަނީ ދިވެހި ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި ވީހާ ވެސް ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ފާއިތުވި އަހަރު ރާއްޖޭގައި ހިންގި އެންމެ ކާމިޔާބު އެއް ޕްރޮޖެކްޓަކީ މުޅި ރާއްޖެއަށް ބީއެމްއެލްގެ އޭޓީއެމް ފޯރުކޮށްދިނުމުގެ މަޝްރޫއުކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ ނިމިފައިވާކަމަށެވެ.
އެއަށް ފަހު ދެން މި އަހަރުވެގެން ދާނީ ޑޮލަރު އޭޓީއެމްތައް ބަހައްޓައި، އަތޮޅުތެރޭގެ ބްރާންޗް ވިއުގަ ފުޅާކުރުމަށް ހާއްސަ އިސްކަމެއްދޭނެ އަހަރެއްގެ ގޮތުގައިކަމަށް ޒަމީރު ވިދާޅުވި އެވެ. މިއަހަރުގެ ތެރޭގައި ގާތްގަނޑަކަށް 75 އޭޓީއެމް އަދި 12 އައު ބްރާންޗް ހުޅުވުމަށް ރޭވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ފައިދާ އިތުރުވުމާއި، ޚިދުމަތް ފުޅާވުމުގެ ނަތީޖާއަކީ ރާއްޖޭގެ ހުރިހާ ވިޔަފާރިތަކާއި ރައްޔިތުންގެ މުއްސަނދިކަން އިތުރުވެ، ދުރު މުސްތަޤްބަލުގައި މުޅި ރާއްޖެއަށް އޭގެ ފައިދާ ލިބިގެންދިއުން
މި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާވަމުންދާ ގެސްޓްހައުސް ސިނާއަތާއި، އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ޒަމީރު ވިދާޅުވި އެވެ. އަދި ބޭންކުން ހޯދަމުންދާ މާލީ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވައި މިނިސްޓަރ ވިދާޅުވީ، 2025 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާގައި 828 މިލިއަން ރުފިޔާގެ ހިންގުމުގެ ފައިދާއެއް ބީއެމްއެލް ހާސިލުކޮށްފައިވާ ކަމަށެވެ. އަދި ޓެކްސަށް ކެނޑުމަށްފަހު ލިބުނު ފައިދާ 3.2 މިލިއަން ރުފިޔާއަށް އަރާފައިވާކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ބޭންކް އޮފް މޯލްޑިވްސް އަސްލު ”ގައުމީ ބޭންކުގެ“ މަގާމަށް ރުޖޫއަވަމުންދާކަމަށް ޒަމީރު ވިދާޅުވިއެވެ. ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ބޮޑެތި މަޝްރޫއުތަކުގައި ބޭންކުން އަދާކުރާ ދައުރު ފުޅާވަމުންދާކަން ފާހަގަކުރެއްވިއެވެ.

