އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރުމަށް ހުޅުވާލިއިރު، ހުކުރު ދުވަހުގެ ރޭގެ 11 ޖެހުމާއި ހަމައަށް 2،800 ފޯމު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ކޮމިޝަނުން މީޑިއާތަކާއި ހިއްސާކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި، ކައުންސިލްތަކަށް ވާދަކުރުމަށްޓަކައި 1865 މީހަކު ފޯމު ހުށަހެޅި އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 1548 ފޯމު ވަނީ ލިބިފައެވެ.
މީގެތެރޭގައި ހިމެނެނީ ކައުންސިލަށް ވާދަކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހެޅި 1366 ކެންޑިޑެސީ ފޯމާއި، އަމިއްލަ ގޮތުން ވާދަކުރުމަށް 499 ފޯމެވެ. އަދި ޑަބްލިއުޑީސީއަށް ސިޔާސީ ޕާޓީތަކުން 1216 ފޯމު ހުށަހެޅިއިރު އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރުމަށް 332 މީހަކު ފޯމު ހުށަހަޅާފައި ވެއެވެ.
ކޮމިޝަނުން އާންމު ކުރި މައުލޫމާތުތަކުގައި ބުނީ ލިބުނު ފޯމުތަކުގެ ތެރެއިން ބައެއް ފޯމުތައް ބަލައިނުގަތުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ކައުންސިލް އިންތިހާބުގެ 1556 ފޯމު ބަލައިގަތް އިރު، ބަލައިނުގަތުމަށް ނިންމި 309 މީހުންގެ ކެންޑިޑެސީ ފޯމު 286 މީހަކު އަލުން ވަނީ ހުށަހަޅާފަ އެވެ.
އީސީން ބުނި ގޮތުގައި ޑަބްލިއުޑީސީއަށް ލިބުނު ފޯމުތަކުން 1332 ފޯމު ގަބޫލުކުރިއިރު އޭތެރެ ތެރެއިން 216 މީހެއްގެ ފޯމު ބަލައިގެންފައި ނުވެ އެވެ. އަދި އޭގެތެރެއިން 192 މީހަކު ވަނީ އަލުން ފޯމު ހުށަހަޅާފަ އެވެ.
ބައެއް ފޯމުތަކުގައި މައްސަލަ ދިމާވެ، ބަލައިނުގަތް މައިގަނޑު ސަބަބަކީ ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑުގެ ތަފްސީލު ނެތުމެވެ. އަދި ކަރެކްޝަނުން ފުރިހަމަ ކުރަންޖެހޭ ބައެއް ރެކޯޑުތައް ވެސް ފޯމާއި އެކު ހުށަހަޅާފައި ނެތުމުންކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އިންތިހާބުގައި ވާދަކުރުމަށްޓަކައި ހުޅުވާލި ފުރުސަތު ހަމަވާނީ، އާދީއްތަ ދުވަހުގެ މެންދުރު ފަހު 03:00 އަށެވެ.

