ހީނަރުވަމުން އަންނަ މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް، ރާއްޖޭގެ އިޤްތިސާދީ އެންމެ ބޮޑު ބާރަކަށް މަސްވެރިކަން ހެދޭނީ، ސަރުކާރާއި މަސްވެރިކަމުގެ އަމިއްލަ ކުންފުނިތަކާއި، އެއް މިސްރާބަކަށް އަމާޒު ހިފައިގެން ކަމަށް ރައީސް އިބްރާހީމް މުސައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލޭގައި ހުންނަ އެންސިސްގެ 100 ޓަނުގެ އައިސް ޕްލާންޓާއި އެންސިސް މަސް ކާރުސާނާ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މަސްވެރިކަމަށް މި ހާލަތު މެދުވެރިވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ރައީސް ސޯލިހް ވިދާޅުވީ، މަސްވެރިކަން ފުޅާވެ ކުރިއަރައިގެންދިޔަ މިންވަރާ ގާތަށްވެސް، މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން މަސައްކަތް ނުކުރެވުން ކަމަށެވެ. އެގޮތުން މަސްވެރިން ބާނާ ހުރިހާ މަހެއް ގަތުމުގެ ގާބިލުކަން، މީގެ ކުރިން ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި ނެތްއިރު މަހުގެ އަގު އެއްކުރެވި، މަހުގެ އުފެއްދުންތައް ބާޒާރަށް ނެރުމުގެ ގާބިލުކަންވެސް ނެތުމަކީ މާސްވެރިކަމަށް ހީނަރުކަން އައި އެއް ސަބަބުގެ ގޮތުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ، ދިވެހިންގެ ކަނޑުތަކުގައި މަސްވެރިކަން އާލާވެފައިވާ ގޮތާއި، ދިވެހިން މަސްވެރިކަން ކުރާގޮތަށް ބަލާއިރު، މަސްވެރިކަމުގެ ރަން ޒަމާން އަނބުރާ އިއާދަކުރެވޭނެ އެވެ. ރައީސް ސޯލިހް ވަނީ މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް މަސް ގަނެ، މަހުގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ ޤާބިލުކަން ބިނާކުރެވުމުން ރާއްޖޭގެ އިގްތިސާދީ އެންމެ ބޮޑު ބާރަކަށް މަސްވެރިކަން ވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.
”މިއީ ނުކުރެވޭވަރުގެ ކަމެއް ނޫން. ނަމަވެސް މިއީ ސަރުކާރަށް އެކަނި ކުރެވޭނެ ކަމެއް ނޫން. މި މަޤްޞަދު ޙާޞިލުވާނީ، ސަރުކާރާއި މަސްވެރިކަމުގެ އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތައް، އަތާ އަތް ގުޅައި، އެއް މިސްރާބަކަށް އަމާޒު ހިފައިގެން.“ ރައީސް ސޯލިހް

މަސްވެރިކަމަށް ކުރިއެރުން ލިބިގެންދިއުމަކީ އަމިއްލަ އެތައް ކުންފުނިތަކުން އިސްނަގައިގެން ކުރި މަަސައްކަތްތައް ކަމަށާއި، އެންސިސް އިން އެކަނިވެސް ގާސިމް ކުރި 25 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްއިން ދޭހަކޮށްދެނީ މަސްވެރިކަމުގެ ސިނާއަތަކީ، ރަނގަޅު ރޭވުންތެރިކަމާއި އެކު، ދުރު މުސްތަގުބަލަކަށް އިންވެސްޓުކޮށްފިނަމަ ލިބޭނެ މަންފާތައް އިތުރުކަން ކަމުގައި އެމަނކިފާނު ވިދާޅުވިއެވެ.
އެންސިސްގެ މަސައްކަތަށް ތައުރީފް ކުރައްވާ، ރައީސް ސޯލިހް ވިދާޅުވީ އެ ކުންފުނިން ހުޅުވީ މަސް ކާރުހާނާ އާއި އައިސް ޕްލާންޓްއަކީ ގައުމުގެ ތަރައްގީއާއި ކުރިއެރުމިގައި ރައްޔިތުންގެ ބައިވެރިބުމާއި އިސްނެގުމުގެ ރީތި މިސާލެއް ކަމަށެވެ.
”އެންސިސްއަކީ، ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތުގައި، ކިހާ މުހިންމު ދައުރެއް އަދާކުރާ، ކިހާ ޤާބިލް ކުންފުންޏެއްކަން، އެންމެ ރަނގަޅަށް އެނގޭ ބަޔަކީ ހަމަގައިމުވެސް ދިވެހި މަސްވެރިން. ދިވެހި މަސްވެރިންނަށް މި ކުންފުނިން ފަހިކޮށްދީފައިވާ ވަސީލަތްތަކާއި ލުއިފަސޭހަތަކަކީ، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށްޓަކައި ވަރަށް މުހިންމު ކަންތައްތަކެއް.“ ރައީސް ސޯލިހް.

ރައީސް ސޯލިހް ވިދާޅުވީ ދިވެހި މަސްވެރިންނަށް ފަހި ގޮތްތައް ހޯދައިދީ، މަސްވެރިންނަށް ދަތިވާ ކަންކަން ޙައްލުކޮށްދިނުމަށް، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންގެންދަވާނެކަމުގައެވެ. އަދި، ދިވެހިން ބާނާ މަހަށް، ވިލާތުގެ ބާޒާރުތަކުން ރަނގަޅު އަގު ހޯދުމަށާއި، ދިވެހި މަސްވެރިކަން މިހާރަށް ވުރެ ބޮޑަށް އިޝްތިހާރުކޮށް ރަނގަޅު ބާޒާރުތައް ހޯދުމަށް، ސަރުކާރާއި އަމިއްލަ ކުންފުނިތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ ތިމާވެށްޓާ ރަހުމަތްތެރި މަސްވެރިކަމެއް ކުރާ ބަޔަކަށްވާއިރު ދުނިޔޭގެ ބާޒާރުތަކުގައި ވެސް މަގުބޫލު ކަން އޮންނަނީ ތިމާވެށްޓާ ރަހްމަތްތެރި ގޮތުގައި ކުރާ މަސްވެރިކަމުން ބާނާ މަހަށް ކަމަށެވެ. އެހެންކަމުން ދިވެހިން ބާނާ މަހަށް ވިލާތުގެ ބާޒާރުތަކުން ރަނގަޅު އަގު ހޯދުމަށް މިހާރަށްވުރެ ބޮޑަށް ދިވެހި މަސްވެރިކަން އިޝްތިހާރު ކުރަން ޖެހެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެންސިސް އިން އަލަށް ހުޅުވި މަސް ބަންދު ކުރާ ކާރުހާނާއަކީ 25 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. އެ ކާރުހާނާއިން ދުވާލަކު 25 ޓަނުގެ މަސް ދަޅުގައި ބަންދު ކުރެވޭއިރު، އެއް ފަހަރާ 1،200 ޓަނުގެ ފިނިކުރި މަސް ރައްކާ ކުރެވޭ ވަރުގެ ކޯލްޑް ސްޓޯރޭޖެއް ވެސް ހުރެ އެވެ. އަދި އެ ތަނުގައި 100 ޓަނުގެ އައިސް އުފެއްދޭ އައިސް ޕްލާންޓެއް ވެސް ހުރެ އެވެ.
ހުޅުމާލެ އިންޑަސްޓްރިއަލް ޒޯންގައި ހުޅުވި އެންސިސް ފިޝަރީޒްގެ ދަޅު މަސް ބަންދު ކުރާ ފެކްޓަރީއަކީ މާލެ ސަރަހައްދުގައި ހުޅުވި ފުރަތަމަ ދަޅު މަސް ބަންދު ކުރާ ފެކްޓަރީ އެވެ. އަދި ރާއްޖޭގެ ތިންވަނަ ފެކްޓަރީ އެވެ.

