ކާމިޔާބު ހޯދޭނީ ބޮޑު އާބާދީއެއް އޮވެގެން ނޫންކަން ދިވެހިރާއްޖެއިން ސާބިތުކޮށްދީފި ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ސައުތު އޭޝިއަން ގޭމްސްގައި މެޑެލް ހޯދި އެތްލެޓިކްސް ޓީމާއި ޓޭބަލް ޓެނިސް ޓީމުގެ އެތުލީޓުންނާ ބައްދަލުކޮށް ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކާމިޔާބީ ހޯދުމަށް އާބާދީ ބޮޑުވާން ނުޖެހޭކަމަށާއި ހަމައެކަނި ބޭނުންވަނީ ރަނގަޅު ޕްލޭންއަކާއި، ޓްރެއިންނިންގެ އިތުރުން ފެންވަރުގެ ފެސިލިޓީޒް ކަމަށެވެ.
ކުޅިވަރަށް ބޭނުންވާ އެންމެ ފެންވަރުގެ ފެސިލިޓީޒް ރާއްޖޭގައި ނެތްކަން ޤަބޫލުކުރައްވާ ކަމަށާއި އެހެން ނަމަވެސް އެކަަން ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ވިދާޅުވިއެވެ.
އެހެން ކަމުން ސަރުކާރުން ކުޅިވަރަށް ވެދޭ އެހީތަކާއި ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ހުރިހާ ކުޅިވަރަކަށް ތަފާތު ކުރުމެއް ނެތި ދޭނެ ކަމުގެ ޔަޤީންކަން އެރުވިއެވެ.

މި ސަރުކާރަކީ ހަމައެކަނި ކުޅިވަރުކުޅޭ ސަރުކާރެއް ކަމަށް ބައެއް ސިޔާސީ ވާދަވެރިން ބުނާ ކަމަށާއި ނަމަވެސް ކުޅިވަރަށް މި ސަރުކާރުން ދޭ ސަމާލުކަމަކީ ކުޅޭ ކުޅިވަރަކަށް ވުރެ ބޮޑަށް އެއީ ޤައުމަށާއި ޒުވާނުންނަށް ފައިދާ ހުރި ކަމަކަށް ވާތީ ކަމަށެވެ. އަދި ކުޅިވަރަކީ ހަމައެކަނި ކުޅޭ ކުޅިވަރެއް ނޫން ކަމަށާއި އެޭޣެ ސަބަބުން ބޭރުގެ ޤައުމުތަކުގައި ރާއްޖެ ވަރަށް ބޯޑަށް އިސްތިޙާރުވާ ކަމަށް ވިދާޅުވިއެވެ. އަދި ކުޅިވަރަކީ އެއްވެސް މީހަކު ބާކީ ނުކޮށް އެންމެންވެސް އޭގައި ހިމެނައިގެން، އެކުލަވާލެވޭނެ އެއްޗަކަށް އެމަނިކުފާން ފާހަގަ ކުރެއްވިއެވެ.
މިއަދު ދިވެހި އަންހެން ކުޅުންތެރިންނާއި އެތްލީޓުން ފާހަގަކޮށްލެވޭވަރުގެ ކާމިޔާބީތަށް ހޮދަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ސަރުކާރުން ޖިންސު ތަފާތުކުރުމެއްނެތި ހުރިހާ ކުޅުންތެރިންނަށްވެސް އަދިއެތްލީޓުންނަށްވެސް އެހީތެރިވެދެއްވާނެ ކަމަށެވެ.
ރާއްޖެ ހޯދުމުންދާ ކާމިޔާބީގައި ބެލެނިވެރިންނާއި އެސޯސިއޭޝަންތަކުން ވަމުންދާ ގުރުބާނީ ފާހަގަކުރައްވާ އެކަމަށް ރައީސް ޝުކުރުދެންނެވިއެވެ. އަިދި ކުރިއަށް އޮތް ގޭމްސްތަކުގައި އިތުރު ކާމިޔާބީތައް ހޯދުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން ކުޅުންތެރިންނަށާއި އެތްލީޓުންނަށް ރައީސް ދެއްވިއެވެ.
ކާމިޔާބު ހޯދު ކުދިންނަށް ނަސޭހަތްތެރިވަމުން ރައީސް ވިދާޅުވީ ކުޅިވަރުގެ ކާމިޔާބީގެ އަސްލަކީ ޑިސިޕްލިން ކަމަށެވެ. މީހެއްގެ ގައިގައި ކިތަންމެ ހުނަރެއް ހުއްޓަސް ޑިސިޕްލިން ނެތިއްޔާ ކާމިޔާބީއާއި ހިސާބަށް ވާސިލް ނުވެވޭނެކަން އެމަނިކުފާން ފާހަގަ ކުރެއްވިއެވެ.
“ އަޅުގަނޑުމެންނަށް ފެނިފައި އެބަހުރި ވަރަށް ހުނަރުވެރި ކުޅުންތެރިން. ވަރަށް ހުނަރުވެރި އެތްލީޓުން. ނަމަވެސް ވަކި ހިސާބަކުން ކުޅިވަރާއި ދުރައްދާންޖެހެނީ އެކުދިންގެ އަހުލާގު ހުންނަގޮތުން. ޑިސިޕްލިން ރަނގަޅަށް ނުހިފެހެއްޓިގެން. އެހެންވީމާ ރަނގަަޅަށް ޓްރެއިން ކުރުމާއި ރަނގަޅަށް ސިއްޙަތު ސަލާމަތުން ބެހެއްޓުމާއި މިއީ ކުޅިވަރެއްގައި އެންމެ ބޭނުންތެރި އެންމެ މުހިންމު ދެކަަންތައް. ހަމައެހެންމެ ކޯޗުން ދޭ ޓްރެއިނިންގތައް، ތަމްރީންތައް ރަނގަޅަށް ކަނުލާ އަޑުއަހައިގެން ކުރިއަށްދިޔައީމާ އަޅުގަނޑު ހިތުން މިއަށްވުރެ ރަނގަޅު ކާމިޔާބީއެއް ހާސިލްކުރެވޭނެ“

