ލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިސްނަގައިގެން މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އާ ގުޅިގެން ލޭ ހަދިޔާކުރުމުގެ ހާއްސަ ކޭމްޕެއް ފަށައިފިއެވެ. މި ކޭމްޕަކީ އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ހުޅުލޭގައި ހުންނަ އެއަރޕޯޓް ރެކްރިއޭޝަން ސެންޓަރު (އޭއާރުސީ) ގައި މި މަހުގެ 1 އަދި 2 ވަނަ ދުވަހު ކުރިއަށް ގެންދާ މި ކޭމްޕް ރަސްމީކޮށް ފައްޓަވައިދެއްވީ އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) މުހައްމަދު މިހާދުއެވެ. މި ރަސްމިއްޔާތުގައި އެމްބީއެސްގެ އޮފިޝަލުންނާއި އެމްއޭސީއެލްގެ އިސް އޮފިޝަލުންގެ އިތުރުން އެއާޕޯޓުގެ ސްޓޭކްހޯލްޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މުޅި އެއާޕޯޓަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް
އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ކޭމްޕް ކުރިއަށް ގެންދަނީ މުޅި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް ހުޅުވާލައިގެންނެވެ. އެމްއޭސީއެލުން ބުނި ގޮތުގައި މިގޮތަށް ނިންމީ ލޭ ލިބުން ދަތިވެ، އެމްބީއެސް އިން އާންމުންގެ އެހީތެރިކަމަށް އެދިފައިވާތީ އާއި ކޮންމެ އަހަރެއްގެވެސް ރޯދަމަހު ލޭ ލިބުން ދަތިވާތީ އެކަމަށް އެހީތެރިވުމުގެ ގޮތުންނެވެ.
މިދުވަސްވަރު ލޭ ލިބުން ވަރަށް ބޮޑަށް ދަތިވެފައިވާތީ، އެމްބީއެސް އިން ވަނީ 6 ބާވަތެއްގެ ލޭ ހަދިޔާކުރުމަށް އެދިފައެވެ. އޭގެ ތެރޭގައި އޭ ޕޮޒިޓިވް، އޯ ޕޮޒިޓިވް، ބީ ނެގެޓިވް، ބީ ޕޮޒިޓިވް، އޭބީ ޕޮޒިޓިވް އަދި އޭބީ ނެގެޓިވް ލޭ ހިމެނެއެވެ.
މި ކޭމްޕުގައި އެމްއޭސީއެލްގެ މުވައްޒަފުންގެ އިތުރުން އެއާޕޯޓުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކާއި، ކުންފުނިތަކާއި، ރިސޯޓް މުވައްޒަފުންނަށްވެސް ލޭ ހަދިޔާކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އޮންލައިން ލިންކެއް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.
މިއީ ތެލެސީމިއާ ކުދިންނަށާއި ލޭ ބޭނުންވާ އެހެނިހެން ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެމްއޭސީއެލް އިން ކުރިއަށް ގެންދާ އިންސާނީ ހިދުމަތުގެ މުހިންމު ހަރަކާތެކެވެ.

