ގާނޫނުއަސާސީއަށް ގެންނަ އިސްލާހު އަވަސް އަރުވާލައިގެން ކުރިޔަށް ގެންގޮސް، ރައްޔިތުންނަށް ދޭން ޖެހޭ މައުލޫމާތު ނުދޭކަމަށް ބުނެ ދެ އިންތިހާބު އެއްކޮށްލުމާއި ގުޅޭ މިނިވަން މުވައްސަސާތަކުގެ ކޮމިޓީގައި ބައިވެރިވުމަށް އެމްޑީޕީން ދެކޮޅު ހަދައިފި އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގައި މިއަދު ވަނީ ފަށާފަ އެވެ. އެގޮތުން ކޮމިޓީގައި މިއަދު އެންމެ ފުރަތަމަ ކުރިޔަށް ގެންދިޔައީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި، ބަންޑާރަ ނައިބާ ބައްދަލު ކުރުމެވެ. އެއަށް ފަހު ދެވަނަ ބައެއްގެ ގޮތުގައި ކުރިޔަށް ގެންދިޔައީ ސިޔާސީ ޕާޓީތަކާއި ބައްދަލު ކުރުމެވެ.
މި ބައްދަލުވުމުގައި، އެމްޑީޕީގެ މެމްބަރުން ވަނީ އިސްލާހު ހުށަހެޅުމުގެ މަގްސަދާއި މެދު ސުވާލު އުފައްދާފަ އެވެ. އަދި އިންތިހާބުގައި ނިކުމެދާނެ ގާނޫނީ މައްސަލަތައް ގިނަކަމަށް ދިޔައީ ބުނަމުންނެވެ. އެކަމާއި ގުޅުވައި މެމްބަރުން ކުރި ސުވާލަށް މިއަދުގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ ދެ އިންތިހާބު އެއްކޮށް ބޭއްވުމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތްކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ތެރެއިން މިއަދުގެ ބައްދަލުވުމުގައި ދެން ބައިވެރިވެފައި ވަނީ ސަރުކާރުގެ މައި ޕާޓީ ޕީއެންސީ، އަދާލަތު ޕާޓީ، އެމްޑީއޭ އަދި ޕީއެންއެފް އެވެ. ބައްދަލުވުމުގައި، މި އިސްލާހަށް ދެކޮޅު ހެދުމަށް ފަހު އެމްޑީޕީން ވަނީ ކޮމިޓީ ދޫކޮށް ގޮސްފަ އެވެ. ކޮމިޓީއަށް އެމްޑީޕީގެ ފަރާތުން ވަޑައިގަތީ ޕާޓީގެ ނައިބު ރައީސް ހިސާން ހުސެއިންއާއި، އަނަސް އަބްދުއްސައްތާރެވެ.
ވެރިކަމާ ގުޅިފައިވާ ފަދަ ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި، އަވަސްއަރުވާލައިގެން ގާނޫނުއަސާސީ އިސްލާހުކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށެވެ. ހިސާން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ރިސެސްގައި އޮތް ވަގުތެއްގައި ކުއްލިއަކަށް މަޖިލިސް އެއްވެ ގާނޫނުއަސާސީއަށް މިފަދަ ބޮޑު ބަދަލެއް ގެންނަން އުޅޭ ސަބަބެއް އެ ޕާޓީއަށް ނުވިސްނޭ ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބުގެ ތެރެއަށް ރިފަރެންޑަމް ވައްދައިގެން މިކަން ކުރިއަށް ގެންދަން ޖެހޭ މަގުބޫލު ސަބަބެއް އޮތްކަމަށް ގަބޫލުނުކުރެވޭކަމަށް ވެސް ވިދާޅުވިއެވެ.
ހިސާން ފާހަގަކުރެއްވި ގޮތުގައި، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދަ މުހިންމު ކަންކަމަށް ބަދަލު ގެންނަންވާނީ ރައްޔިތުންނަށް އެކަމުގެ ފުރިހަމަ މައުލޫމާތު ދީ ނުވަތަ މައުލޫމާތު ފުރިހަމައަށް އެނގިތިބެ ގޮތް ނިންމުމުގެ ފުރުސަތު ދިނުމަށްފަހުގައެވެ.
އެންމެ ފުރަތަމަ ކަމަކަށް ފާހަގަކޮށްލަން ބޭނުމީ، އަޅުގަނޑުމެންގެ ޕާޓީއަށް، ހަގީގަތުގައި ނުވިސްނޭ ކަމަކީ، ގާނޫނުއަސާސީއަށް މިކަހަލަ ބޮޑު އިސްލާހެއް މިހާ އަވަސްއަރުވާލައިގެން ތިޔަބޭފުޅުން ތިގެންނަވަނީ ކީއްވެގެން ކަން. ރައްޔިތުންގެ މަޖިލިސް ރިސެސްގައި އޮތް ވަގުތެއްގައި، ކުއްލިއަކަށް މިގޮތަށް އެއްވެލައިގެން، ގާނޫނުއަސާސީއަށް މިކަހަލަ ބޮޑު، މުޅި ރައްޔިތުންނާ، މުޅި ގައުމުގެ ވެރިކަމުގެ ނިޒާމާ ގުޅިފައި ހުރި ކަމަކަށް ބަދަލު ގެންނަން މަޝްވަރާކޮށް، ލޯކަލް ކައުންސިލްގެ އިންތިހާބުގެ ތެރެއަށް މި ރިފަރެންޑަމް ލައިގެން ކުރިއަށް ގެންދަން ޖެހޭ ސަބަބެއް އޮތް ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ. އެ ފުރުސަތު ރައްޔިތުންނަށް މި ލިބިދޭން ޖެހޭނީ މި އިސްލާހާ ގުޅޭ ފުރިހަމަ މަޢުލޫމާތެއް ރައްޔިތުންނަށް އަރުވާފަ. އެހެންވީމަ އަޅުގަނޑުމެން ގަބޫލުކުރާގޮތުގަ މިގޮތަށް އަވަސްއަރުވާލައިގެން، ކުރުގަޅުވާލައިގެން، ގާނޫނުއަސާސީ އިސްލާހު ކުރުމަކީ އަދި ހާއްސަގޮތެއްގަ 262 ވަނަ މާއްދާގައި ބުނާ ޒާތުގެ ކަންތައްތައް އިސްލާހުކުރުމަކީ އެއްގޮތަކަށްވެސް ކުރެވިގެންވާނެ ކަންތައްތަކެއް ނޫން.
މީގެ އިތުރުން، މި މަޝްވަރާތަކަށް ސިޔާސީ ޕާޓީތަކަށް ދައުވަތު ދިން ނަމަވެސް، އެކަންކޮށްފައި ވަނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ނުރަސްމީ ގަޑިއެއްގައިކަމަށް ހިސާން ވިދާޅުވި އެވެ. ހިސާން ވިދާޅުވީ އެމްޑީޕީއަކީ ހަމައެކަނި އިސް ލީޑަރު ގޮތް ނިންމާ ޕާޓީއެއް ނޫންކަމަށާއި، ގައުމީ މަސްލަހަތާ ގުޅުންހުރި މިފަދަ ބޮޑު ކަމެއްގައި ގޮތެއް ނިންމޭނީ ޕާޓީގެ ގައުމީ މަޖިލީހާއި އެހެނިހެން ގުނަވަންތަކުގައި މަޝްވަރާކޮށްގެން ކަމަށެވެ.
މިހާރު ކަންކަން ކުރިއަށްދާ ގޮތުން ރައްޔިތުންނަށް މައުލޫމާތު ލިބިގެން ގޮތް ނިންމުމުގެ ފުރުސަތު ގެއްލިފައިވާކަމަށް ފާހަގަކުރައްވައި، ކޮމިޓީގައި ބައިވެރިވުމަށް ހިސާން ވަނީ އުޒުރުވެރިވެފައެވެ.

