މާލޭގައި އަމަން އަމާންކަމާއި ހަމަޖެހުން ޤާއިމްކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ޖަގަހަ ހުޅުވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބް ރައީސް ވިދާޅުވީ މާލެ ސިޓީގެ ރައްޔިތުންނަށް ޚިދުމަތްކޮށް، މާލޭގައި އަމަން އަމާންކަން ޤާއިމްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަހަތްޕުޅުގައި ރުކުލަވައިލައިގެން މަސައްކަތް ކުރާނެ ބަޔަކު ކައުންސިލުގައި ތިބުން މުހިއްމު ކަމަށެވެ. ނަމަވެސް، ވޭތުވެދިޔަ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލުން އެ އެއްބާރުލުން ފެނިފައިނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާލޭގެ މަގުތަކަކީ ބެލެނިވެރިންނަށާއި އާންމު ރައްޔިތުންނަށް ރައްކާތެރިކަމާއެކު ހިނގާބިނގާވެ އުޅެވޭނެ ތަނަކަށް ހެދުމަށްޓަކައި މާލޭ ސިޓީ ކައުންސިލްގެ އެހީތެރިކަން ބޭނުންވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އެހެންކަމުން، މިފަހަރު މާލޭގެ މޭޔަރުގެ މަޤާމަށް ބަދަލެއް ގެންނަންޖެހޭ ކަމަށާއި، އެ މަޤާމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ކެންޑިޑޭޓު އަލައިކާ އިންތިޚާބު ކުރުން މުހިއްމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ މުޅި ރާއްޖެއަށް ހަމަޖެހުމާއި، ރައްކާތެރިކަމާއި ތަރައްޤީ ގެނެސްދެއްވުމަށް ކަމަށް ވިދާޅުވިއެވެ. އަދި މާލޭގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
މާލެ ސިޓީއަށް ކުރިމަތިވެފައިވާ އިޖުތިމާޢީ ބޮޑެތި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ނައިބް ރައީސް ވިދާޅުވީ، ރާއްޖޭގެ އިޖުތިމާޢީ ފޭރާން ރަނގަޅު ކުރެއްވުމަށް ރައީސް މުޢިއްޒު ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. ޚާއްޞަކޮށް މާލޭގައި ހަމަޖެހުން ޤާއިމުކުރުމަށްޓަކައި، ރައީސް މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ޕްލޭންތަކެއް އެކުލަވައިލައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވިދާޅުވީ، އިޖުތިމާޢީ ފޭރާން ރަނގަޅުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ޤާނޫނުތަކާއި، އެހެނިހެން ޤަވައިދުތަކާއި އުސޫލުތައް ކަނޑައެޅުއްވުމަށް ރައީސް ޑރ. މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

