އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ބާއްވާ ކާބޯތަކެތީގެ މައުރަޒު ”ރަހަފަތް“ މައުރަޒު ހުޅުވައިފިއެވެ.
މި މައުރަޒަކީ ދިވެހި ސަގާފީ ކާބޯތަކެއްޗާއި، ޚާއްސަކޮށް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ބޭނުންކުރާ ދިވެހި ރަހަތައް ދައްކާލުމަށް ބާއްވާ މައުރަޒެކެވެ. މި މައުރަޒަކީ އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އަދި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ ޚާއްޞަ ހަރަކާތެކެވެ. މިމައުރަޒު ހުޅުއްވައިދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި، އިޖްތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމެވެ.
މި މައުރަޒުގައި ޖުމްލަ 77 ބައިވެރިން ހިމެނެއެވެ. މި މައުރަޒުގައި އެކި ބާވަތުގެ 2000އަށް ވުރެ ގިނަ އައިޓަމް ހިމެނެއެވެ. މައުރަޒު ހުޅުވުމާއެކު ޚާއްސަ މާހެފުމެއްވެސް ބާއްވާފައިވެއެވެ. މި މާހެފުމުގެ އިސްރަށްވެހިންގެ ނާދީގެ މެންބަރުން ވަނީ ދިވެހި ރަހަތަކުގެ 33 ބާވަތެއް ތައްޔާރުކޮށްފައެވެ.
އާންމުންނަށް ވަދެވޭގޮތަށް މައުރަޒު ހުޅުވާލާފައިވާއިރު މައުރަޒު ކުރިއަށްދާނީ މިމަހުގެ 7ގެ ނިޔަލަށެވެ. މައުރަޒު ހުޅުވިފައި ހުންނާނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 14:00އިން 18:00އަށެވެ. އަދި 20:00 އިން 22:00އަށެވެ. ހުކުރު ދުވަހު 18:00 އިން 16:00އަށް އަދި 20:00 އިން 22:00 މައުރަޒަށް ޒިޔާރަތްކުރެވޭނެއެވެ.
މި މައުރަޒު ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ އިސްރަށްވެހިންގެ މެދުގައި އޮތް ކާބޯތަކެތި ތައްޔާރުކުރުމުގެ މުއްސަނދި ސަޤާފަތާއި، ދިވެހިވަންތަ އަޞްލު ރަހަތައް ދިރުވައި އާލާކުރުމެވެ. މީގެ އިތުރުން، ދިވެހި ސަޤާފީ ކާބޯތަކެއްޗާއި ރަހަތައް އުފެދިގެން އައި ގޮތްތަކާއި، އެ ތަކެތި ތައްޔާރުކުރުމުގައި ހުންނަ ފަންނީ އުކުޅުތައް ޒުވާން ޖީލަށް ބުނެދީ، އެކަމަށް ޝައުޤުވެރިކަން އުފެއްދުމަކީވެސް މި މައުރަޒުގެ ބޭނުމެއް ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، މި ހަރަކާތުގެ ސަބަބުން އިސްރަށްވެހިންނާއި ޒުވާނުންނާ ދެމެދު އޮންނަ އިޖުތިމާޢީ ގުޅުން ބަދަހިވެ، ދިވެހިންގެ އަމިއްލަވަންތަ ކެއިންބުއިމުގެ ތަރިކަ ރައްކާތެރިކުރުމަށް މަގުފަހިވެގެންދާނެއެވެ. މިއީ އިސްރަށްވެހިން މުޖުތަމަޢުގެ އެކި ކަންކަމުގައި ޝާމިލުވެ، ހަރަކާތްތެރިވެ އުޅޭ މިންވަރު އިތުރުކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ. މިފަދަ ހަރަކާތްތަކަކީ ދިވެހިންގެ މުއްސަނދި ސަގާފަތާއި އާދަކާދަތަކަށް ޒުވާނުން އަހުލުވެރިކުރުވައި، ޖީލުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

