ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ހަމައެކަނި ލޯތްބާއި އިޙުސާންތެރިކަން ބޭނުންވާ ބައެއްގެ ގޮތުގައި މީގެ ކުރިން ދެކެމުން އައި ވިސްނުން ބަދަލުވެ، އެއީ އިންސާނީ ހައްޤުތަކާއި ޤައުމުގެ ތަރައްޤީއާ ގުޅިފައިވާ މުހިންމު ކަމެއްގެ ގޮތުގައި މިއަދު ބަލައިގަންނަން ޖެހޭ ކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްކުރުމުގެ ޤައުމީ މަގުޗާޓު ނުވަތަ ”ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސެބިލިޓީ އިންކުލޫޝަން“ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން އެފަރާތްތަކުގެ ހުނަރާއި ޤާބިލުކަން ބޭނުންކުރުމަށް ފަސްޖެހެވެނީ މުޖުތަމަޢުގެ ތެރެއިން ކުރިމަތިވެދާނެ ދަތިތަކަށް ވިސްނައިގެންނެވެ. ނަމަވެސް މިއަދު އިފްތިތާޙު ކުރެވުނު މަގުޗާޓަކީ ހުރިހާ ދާއިރާއެއްގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް އެޅޭ ވަރުގަދަ ބިންގަލެކެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކޮށް އެ މީހުންގެ ހައްޤުތައް ކަށަވަރުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ”ނުކުޅެދުންތެރިކަމަކީ އިންސާނީ ހައްޤުތަކާއި ޤައުމުގެ ތަރައްޤީއާއި ގުޅިފައިވާ މުހިންމު ކަމަކަށް މިއަދު ބަދަލުކުރެވިފައިވޭ،“ ވަޒީރު ވިދާޅުވިއެވެ. މިގޮތުން އެފަރާތްތަކަށް ބޭނުންވާ ފަރުވާއާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރެވުނު މަސައްކަތުގެ ދަށުން، މިހާތަނަށް 367 މީހަކަށް ސަރުކާރުގެ އެކި އިދާރާތަކުން ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. މިއީ އެފަރާތްތައް އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް ފާއިތުވި ދެ އަހަރު ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތެވެ.
މީގެ އިތުރުން، އެފަރާތްތައް ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމަށްޓަކައި ކެއާ ސޮސައިޓީއާއި، ޕޮލިޓެކް އަދި ރިސޯޓްތަކާ ގުޅިގެން ތަމްރީނު ޕްރޮގްރާމްތައް ހިންގަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކި ހުނަރުތައް ދަސްކޮށްދިނުމަށްޓަކައި ޤާއިމްކުރާ ”އެންޕަވަރމަންޓް ހަބް“ ގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށްވެސް ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

