ކެންސަރު ބަލީގެ ކޮންމެ މީހެއްގެ ވާހަކައަކީވެސް ޚާއްޞަކަމެއް ލިބިފައިވާ ތަފާތު ވާހަކައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކެންސަރު ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައެވެ.
މިގޮތުން ކެންސަރު ޖެހިފައިވާ މީހުންގެ ހިތްވަރާއި އެ ދަތުރުގައި އެމީހުންނާއެކު ބައިވެރިވާ އާއިލާތަކުގެ ސާބިތުކަން، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ކެންސަރު ބަލީގެ ކޮންމެ މީހެއްގެ ވާހަކައަކީވެސް ޚާއްޞަކަމެއް ލިބިފައިވާ ތަފާތު ވާހަކައެއް ކަމުގައި ވިދާޅުވިއެވެ. އަދި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން ރާއްޖޭގެ ގިނަ އާއިލާތަކަކަށް ނަފްސާނީ ގޮތުން ނޭދެވޭ އަސަރު ފޯރުމުގެ އިތުރުން، ފަރުވާއަށް ހިނގާ މާލީ ޚަރަދުތަކުގެ ސަބަބުންވެސް ނުތަނަވަސްކަމާ ކުރިމަތިކުރުވާކަން އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ މެސެޖުގައި، ކެންސަރު ކޮންޓްރޯލްކުރުމުގެ ޤައުމީ ޕްލޭން 2022-2026 ގެ ދަށުން، ކެންސަރު ބަލިން ރައްކާތެރިވުމާއި، ދުރާލާ ބަލި ދެނެގަނެ، ފަރުވާ ދިނުމާއި، ޕެލިއޭޓިވް ކެއަރ ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އަސާސީ ޞިއްޙީ ޚިދުމަތްތައް ހަރުދަނާކުރުމާއި، ދުންފަތް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އެޅުމުގެ އިތުރުން، ބައިނަލްއަޤުވާމީ ބައިވެރިންނާ ގުޅިގެން ކުރެވެމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.
ހަމަމިއާއެކު، މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ބަލިމީހުންނާއި ޢާއިލާތަކާ ގާތުން އޮންކޮލޮޖީ ފަރުވާ ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ޚިދުމަތްތައް، ހުސްވި ޖަނަވަރީމަހުގެ ތެރޭގައި އިފްތިތާޙްކުރެވިފައިވާކަންވެސް އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
ޞިއްޙީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، އަމިއްލަ ޖަމްޢިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެފަރާތްތަކަށް، ރައީސްވަނީ ތަޢުރީފު ކުރައްވާފައިވެއެވެ. އަދި ކޮންމެ މީހެއްގެ ވާހަކައަކީވެސް މުހިންމު ވާހަކައެއްކަމާއި، ކޮންމެ ފުރާނައަކީވެސް މުހިންމު ފުރާނައެއްކަމުގައި ފާހަގަކުރައްވަމުން، މިކަމުގައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް ރައީސްގެ މެސެޖުގައި ގޮވާލެއްވިއެވެ.
ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓްގައި މިއަދު ހިއްސާކުރެއްވި މެސެޖުގައި ކެންސަރު ބަލީގައި ކޮންމެ އަހަރަކުވެސް އެތައް ބައެއްގެ ފުރާނަ ގެއްލިގެންދާކަން ފާހަގަކުރައްވައި، ބައްޔާ މެދު ހޭލުންތެރިކަން އިތުރުކޮށް، ބަލިން ރައްކާތެރިވުމަށާއި، ކެންސަރު ބަލި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ދުރާލާ، ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި، ބަލި ހުރިކަން ދެނެގަތުމާއި ފަރުވާގެ ކަންކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، ކޮންމެ އަހަރެއްގެވެސް ފެބުރުވަރީ މަހުގެ 4 ވަނަ ދުވަސް، ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރަނީ، ވަރލްޑް ކެންސަރ ޑޭގެ ގޮތުގައެވެ.

