”ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްކުރުމުގެ ޤައުމީ މަގުޗާޓު“ އިފްތިތާހުކޮށްފި އެވެ.
މަގުޗާޓު އިފްތިތާހު ކުރުމަށް މިއަދު ހާއްސަ ރަސްމިއްޔާތެއް ކުރިޔަށް ގެންދިޔަ އިރު މި ބައްދަލުވުން ޝަރަުވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވަނީ އިސްލާމްދީނުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު ޢަމަލު ކުރެއްވުމަށް އަންގަވާފައިވާ ގޮތާބެހޭގޮތުން އަލިއަޅުއްވާލައްވާފައިވެއެވެ. ހަމައެއާއެކު ދީނުގައި އަންގަވާފައިވާ ގޮތަށް، އަދި ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވެފައިވާ މިފަދަ ސިފަތައް އަޅުގަނޑުމެންގެ މުޖުތަމަޢުގައި އަށަގެންނެވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވަވާކަމެއްކަން ފާހަގަކުރެއްވި އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް، އެމީހުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ރައީސް މުއިއްޒު ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ނައިބު ރައީސް ވިދާޅުވީ މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ 356 ފަރާތަކަށް ސަރުކާރުގެ އެކި އިދާރާތަކުން ވަޒީފާ ހަމަޖައްސައި ދެވިފައިވާކަމަށެވެ. އަދި އެމަނިކުފާނު ވަނީ ވަޒީފާގެ މާހަައުލަށް ނިކުތުމަށް ބޭނުންވާ މުހިންމު ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ވެސް މި ސަރުކާރުން ހިންގާފައިވާކަން ފާހަގަކުރައްވާފައެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ މިއަދު އިފުތިތާހުކުރެވުނު މަގުޗާޓަކީ، ސަރުކާރުން އިސްނަގައިގެން ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތް ކަމަށެވެ. އަދި މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމުގައި، ކުރިއަށް އެޅުނު ވަރުގަދަ ތާރީހީ ފިޔަވަޅެއްކަމަށް ވަނީ ވިދާޅުވި އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަން އެކުލަވާލުމުގެ މަސައްކަތްތައް ފުރިހަމަކަމާއެކު ނިންމަވައި، އިފުތިތާހުކުރުމާ ހަމައަށް މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި މަގުޗާޓު އެކުލަވާލުމުގައި، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް، (ޔޫއެންޑީޕީ) އިން ކުރެއްވި މަސައްކަތް ފާހަގަކުރެއްވި އެވެ.

