ޗާގޯސްގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސަރުކާރަށް އެންމެ ބޮޑަށް އޭރުގެ އިދިކޮޅުން ކުރި ތުހުމަތަކީ ރާއްޖެ – މޮރިޝަސް ކަނޑުގެ ސަރަހައްދު ފުށު އަރާ މައްސަލައިގައި އިންޓަނޭޝަނަލް ޓަރައިބިއުނަލް ލޯ އޮފް ދަ ސީސް (އިޓްލޮސް) ގައި ރާއްޖެއަށް ގެއްލުންވާ ގޮތަށް މައްސަލަ ނިމުނީ އެމަނިކުފާނު އެކަމުގައި އަމަލު ކުރެއްވި ގޮތުގެ ސަބަބުން ކަމަށެވެ. އަދި ރާއްޖެއިން ސްޓޭންޑު ބަދަލުކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުވުމުގެ ފަހަތުގައި ވެސް ޑީލްތަކެއް ވާކަމަށް ބުނެފައި ވެއެވެ.
ގެއްލުނުކަމަށް ބުނާ ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަކީ، ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އަދި އެކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ރިޕޯޓުތަކެއް އެކުލަވާލައި އެކަމަށް މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައި ވެއެވެ.
ގެއްލުނު ކަނޑުގެ ސަރަހައްދު ދިވެހި ރައްޔިތުންނަށް އަނބުރާ ހޯދައިދިނުމަށް ކުރާ މަސައްކަތަށް ދޫ ދިނުމެއް ނެތްކަމަށް ރައީސް ވަނީ 2026 އަށް މަޖިލިސް ހުޅުވާދެއްވައި އިއްވެވި ރިޔާސީ ބަޔާނުގައި ވެސް ތަކުރާރު ކުރައްވާފަ އެވެ.
ފޯޅަވަހީގެ ސަރަހައްދަކީ ޒަމާނުއްސުރެ ދިވެހިންގެ ކަނޑުވެރިކަމާއި މަސްވެރި ސަގާފަތާ ގުޅިފައިވާ ތަނަކަށްވާއިރު، އެ ސަރަހައްދުގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން އިއުތިރާޒްކޮށްފައިވާނެކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން 8 ނޮވެމްބަރު 2023 އަދި 18 ޖެނުއަރީ 2024 ގައި އިނގިރޭސި ސަރުކާރަށް ލިޔުމުން އެކަން ހުށަހަޅާފައިވާނެކަން ހާމަކުރައްވައި ވިދާޅުވީ 15 ޑިސެމްބަރު 2023 ގައި އިނގިރޭސިވިލާތުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އޮލިވަރ ޑޯޑަންއާ ފޯނުން ގުޅުއްވައި، މި މައްސަލައިގައި ދިވެހި ސަރުކާރުގެ ކަންބޮޑުވުންތައް ހިއްސާކުރައްވައި މަޝްވަރާކުރައްވާފައިވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލޭގޮތަށް އިޓްލޮސް އިން ނިންމި ނިންމުމަކީ ރާއްޖޭގެ ސިޔާދަތަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި ދިވެހިންގެ އިމުން ޒައްރެއްގެ މިންވަރުވެސް ދޫކޮށްލައިގެންނުވާނެކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 22 އޮގަސްޓް 2022 ގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގެ ސަބަބުން ރާއްޖޭގެ ސިޔާދަތަށް ނޭދެވޭ އަސަރުކޮށްފައިވާކަމަށް މާހިރުން ލަފާދީފައިވާކަމަށެވެ. އަދި އެކަމަށް ރިއާޔަތްކޮށް ކުރީ ސަރުކާރުން ފޮނުވި ސިޓީ ބާތިލުކޮށް ރާއްޖޭގެ އީއީޒެޑް އަމަލުކުރަން ފެށުމަށް ނިންމާފައިވާކަމަށެވެ.
ޗާގޮސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައި ނެތެވެ. ސަރަހައްދީ އިން ވަކި ކުރުމުގައި އެއްބަސް ނުވެވޭ ހާލަތެއްގައި، ދެން އަމަލު ކުރަން ޖެހެނީ އިކުއިޑެސްޓެންސަށް ބަލައިގެންނެވެ. އެކަމަކު ރާއްޖެއަށް ބޮޑުބައި ލިބެން ވަކާލާތު ކުރެވެން އޮއްވައި ގަސްތުގައި އެ ގޮތް ދޫކުރީކަމަށް ތުހުމަތު ކުރެވެ އެވެ.
ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައިގައި ގޮތެއް ނިންމުމަށް ކުރިޔަށް ދިޔަ ހުކުމް މަޖިލީހުގައި އިޓްލޮސްއިން ނިންމާފައިވާ ފުށު އަރާބައި އިކުއިޑިސްޓެންސްގެ އުސޫލުން ބަހާލުމަށެވެ.

