ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ޖުމްލަ 6,535 ޓޫރިސްޓް އެނދު އިތުރުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ މައިބަދަ ކަމަށާއި، މިއީ ބޭރު ފައިސާ ވަންނަ މައި ދޮރާށި ކަމަށެވެ.
ރައީސްގެ ބަޔާނުގައި ފާހަގަކުރެއްވި ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 9.8 އިންސައްތައިގެ ކުރިއެރުމެކެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކާ ހަވާލާދެއްވައި ރައީސް ވިދާޅުވީ، މިދިޔަ އަހަރު މި ސިނާއަތުން 5.55 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 13.8 އިންސައްތައިގެ އިތުރުވުމެކެވެ.
މިއަހަރުގެ އަމާޒަކީ 5.7 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ހޯދުން ކަމަށާއި، ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު 2.7 މިލިއަނަށް އިތުރުކޮށް 11.3 އިންސައްތައިގެ ކުރިއެރުމެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން 2027 ވަނަ އަހަރަކީ ”ވިޒިޓް މޯލްޑިވްސް އިޔަރ“ ގެ ގޮތުގައި ރައީސް ވަނީ އިއުލާނު ކުރައްވާފައެވެ.
2023 ވަނަ އަހަރު ރާއްޖޭގައި އެއްވެސް އާ ރިސޯޓެއް ނުވަތަ ހޮޓަލެއް ގާއިމްކުރެވިފައި ނުވި ނަމަވެސް، މިދިޔަ ދެ އަހަރުގެ ތެރޭގައި ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ރައީސް ވިދާޅުވި ގޮތުގައި އިތުރުވި 6,535 އެނދުގެ ތެރޭގައި ހިމެނެނީ:
- މިދިޔަ އަހަރާއި 2024 ގައި ހުޅުވުނު 6 ރިސޯޓުން 1,474 އެނދު
- 3 ޓޫރިސްޓް ހޮޓަލުން 708 އެނދު
- 194 ގެސްޓް ހައުސްއިން 3,574 އެނދު
- 22 ޓޫރިސްޓް އުޅަނދުން 463 އެނދު
- ހޯމް ސްޓޭއިން 16 އެނދު
މީގެއިތުރުން، މިހާރުވެސް 391 ޓްރެވަލް އޭޖެންސީއަކާއި 45 ޑައިވް ސެންޓަރެއް އަލަށް ރަޖިސްޓްރީކޮށް ހަރަކާތްތެރިވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ސިނާއަތަށް އިތުރު 7 ރިސޯޓާއި ގިނަ އަދަދެއްގެ ގެސްޓްހައުސްތައް އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

