މިއަދުން ފެށިގެން ބާރަ މަސްދުވަސް ފަހުން ފިހާރަތަކުގައި ކޭޝިއަރުންގެ ގޮތުގައި ދިވެހިރާއްޖޭގެ އެއްވެސް ހިސާބެއްގައި ބިދޭސީންނަށް ނުތިބެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުއްވައި ދެއްވައި އިއްވެވި ރިޔާސީ ބަޔާނުގައެވެ.
ރައީސް ވިދާޅުވި ގޮތުގައި ކެބިނެޓުގައި މަޝްވަރާކުރެވި، 5 ފެބްރުއަރީ 2027 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ އެއްވެސް ހިސާބެއްގެ ފިހާރައެއްގައި ކެޝިއަރުންގެ ގޮތުގައި ބިދޭސީން ތިބުން މަނާވާނެއެވެ. މި ނިންމުމުގެ ސަބަބުން ކުރިއަށްއޮތް އެއް އަހަރުގެ ތެރޭގައި ފަންސަވީސް ހާސް އިތުރު ވަޒީފާ ދިވެހިންނަށް ފަހިވެގެންދާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަން ކާމިޔާބު ކުރުމަށްޓަކައި ޒުވާނުން ވަޒީފާގެ އަހުލާގަށް ހޭލުންތެރިކުރުވުމުގައި ސަރުކާރުން ވިޔަފާރިވެރިންނަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތުގެ ފުރިހަމަ ނަތީޖާ ފެންނާނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ”އޮޕަރޭޝަން ކުރަނގީ“ ގެ ނަމުގައި ތިން އަހަރުގެ މަޝްރޫއެއް ފަށާފައިވާކަން ފާހަގަކުރައްވައި، މިހާތަނަށް ދެލައްކަ ފަސްހާސް ހަތްސަތޭކަ ބިދޭސީންގެ ބައޯމެޓްރިކްސް ޑޭޓާ ނަގައި އަޕްޑޭޓް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ބައޯމެޓްރިކްސް ނުދީ އުޅޭ ބިދޭސީން ވަގުތުން ޑީޕޯޓް ކުރެވޭނެ ކަމަށެވެ. ތަފާސްހިސާބުތަކަށް ބައްލަވައި ރައީސް ވިދާޅުވީ 17 ނޮވެމްބަރު 2023 އިން 3 ފެބްރުއަރީ 2026 ގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅުނު 11,496 ބިދޭސީއަކު އަނބުރާ ގައުމަށް ފޮނުވާލެވިފައިވާ ކަމަށެވެ. މީގެ އިތުރުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ލީގަލައިޒް ކުރުމުގެ މަސައްކަތް 1 ޖެނުއަރީ 2026 ގައި ފަށާފައިވާ ކަމަށާއި، މިހާތަނަށް 3,700 އެޕްލިކޭޝަން ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އޮޕަރޭޝަން ކުރަނގީގެ ކުރިއަށް ހުރި ފިޔަވަހިތައް
އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހި 3 މެއި 2026 ގައި ފެށޭނެކަން ރައީސް އިއުލާނު ކުރެއްވިއެވެ. މި ފިޔަވަހީގެ ދަށުން ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދީ ޑީޕޯޓް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ތިން އަހަރުގެ މި އޮޕަރޭޝަން ނިމުމާއެކު، 2 މެއި 2027 ގައި ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

