ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑު ބައެއް ރައްޔިތުންނަށް ބޭރު ފައިސާއިން ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ފަތުރުވެރިކަމުގެ ފައިދާ މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ.
ފަތުރުވެރިކަން ފުޅާކުރުމާއި އައު އިންވެސްޓްމެންޓްތައް
ރައީސް ވިދާޅުވީ މިހާތަނަށް ފަތުރުވެރިކަން އެދެވޭ ގޮތެއްގައި ތަރައްގީ ނުވާ ހަ އަތޮޅެއްގައި ހަލާލް ޓޫރިޒަމް ހިމެނޭހެން ފަތުރުވެރިކަން ފުޅާ ކުރުމަށް ހާއްސަ އިންނާޔަތްތަކާއިއެކު އިންވެސްޓްމެންޓުތަކަށް ހުޅުވާލައިފައިވާ ކަމަށެވެ. މިގޮތުން މިހާތަނަށް އަށް ތަނެއް އެވޯޑު ކުރެވި، ހަ ތަނެއް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އައްޑޫ އަތޮޅުގައި ބަންދުކޮށްފައި އޮތް ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމާއި، ހެންކެޑެ މަޝްރޫއު އިންޓަގްރޭޓެޑް ޓޫރިޒަމްގެ ގޮތުގައި ކުރިއަށް ގެންދަން އެވޯޑުކޮށްފައިވާކަންވެސް ހާމަކުރެއްވިއެވެ.
ރައްޔިތުންނަށް ސީދާ އާމްދަނީ ލިބޭނެ ނިޒާމެއް
ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަށްވުރެ ގިނަ އަހަރު ވެފައިވާއިރު، ގުދުރަތީ ވަސީލަތްތަކުގެ ހަގީގީ ވެރިން ކަމަށްވާ ރައްޔިތުންގެ ޖީބަށް ސީދާ އާމްދަނީ ލިބޭނެ ނިޒާމީ މަގެއް މިހާތަނަށް އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައި ނުވާކަން ރައީސް ފާހަގަކުރެއްވިއެވެ. ”ރައްޔިތުންނަށް އާމްދަނީ ލިބޭނެ މަގެއް ނިޒާމީ ގޮތެއްގައި ހަމަޖެހިގެން ދިއުމަކީ އެންމެ އަދުލުވެރިގޮތް،“ ރައީސް ވިދާޅުވިއެވެ.
ކޮންމެ ރައްޔިތަކީ ހިއްސާދާރެއް
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކީ މި ރިސޯޓުތަކުގެ ހިއްސާދާރެއް ކަމަށް ގާނޫނަކުން ކަނޑައެޅުމެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ރިސޯޓުތަކުގެ ފައިދާ ރައްޔިތުންނަށް ލިބެން ފަށާނީ 2030 ވަނަ އަހަރުން ފެށިގެން ކަމަށް އަންދާޒާ ކުރެވެއެވެ. ރައީސް ވިދާޅުވި ގޮތުގައި، މި ނިޒާމުގެ ތެރެއިން ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އަހަރަކު 400 ޑޮލަރު ޖަމާވެގެންދާނެ ކަމަށް ބެލެވެއެވެ.

