މި ސަރުކާރުން 48 ގަޑިއިރުތެރޭގައި މަސްވެރިން ކިރުވާ މަހަށް ފައިސާ ދެމުން އަންނަކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ 2026 ވަަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުއްވައި ދެއްވައި އިއްވެވި ރިޔާސީ ބަޔާނުގައެވެ.
މިގޮތުން 10 ޑިސެމްބަރ 2024 އިން ފެށިގެން 03 ފެބްރުއަރީ 2026ގެ ނިޔަލަށް މެދުނުކެނޑި، 1.06 ބިލިއަން ރުފިޔާ މަސްވެރިންނަށް ދޫކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިރުތުން ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކާއި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް މަސަތްކަތްތަކެއްވެސް ކުރެވެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
މިގޮތުން ކަޅުބިލަމަހުގެ މަސްވެރިންނެކޭ އެއްގޮތައް ބޮޑުކަންނެލި މަސްވެރިންނަށްވެސް އަގު ހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖައްސަމުން ގެންދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބޮޑުކަންނެލި މަސްވެރިންނަށް ރަނގަޅު މަންފާއެއް ލިބޭނީ ކަންނެލި އެކްސްޕޯޓްކުރާ ކުންފުނިތަކަށް ބޭނުންވާ ޒަމާނީ ޕެކިންގް ފެސިލިޓީއެއް ޤާއިމްކުރެވިގެން ކަމަށްވާތީވެ ހުޅުމާލޭގައި މިފަދަ ފެސިލިޓީއެއް އެޅުމުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މިގޮތުން މިކަމަށްޓަކައި ހުޅުމާލޭގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ 100 ޓަނުގެ ޕެކިންގް ފެސިލިޓީ އެޅުމަށް ބޭނުންވާ 25 ހާސް އަކަފޫޓުގެ ބިން އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރެވި އަމަލީ މަސައްކަތް 2026ވަނަ އަހަރުގެ މެދުތެރޭގައި ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ ސަރުކާރުން ބޮޑުކަންނެލި ގަތުމަށް ޖެހޭ މަސައްކަތްތައްވެސް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.
މިގޮތުން ސަރުކާރުގެ އަމާޒަކީ ބޮޑު ކަންނެލި މަސްވެރިކަމުގެ ވިޔަފާރި ތަރައްޤީކޮށް މަސްވެރިކަމުން ލިބޭ އިޤްތިސޯދުގެ ނަފާ އިހުނަށްވުރެ އިތުރުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
މަސްވެރިންގެ އިޖުތިމާއީ އަދި އިގްތިސާދީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިސަރުކާރުން ޤާއިމްކުރި މަސްވެރިންގެ ޤައުމީ ދަފްތަރަކީ މިދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން މަސްވެރިކަމުގައި ޙަރަކާތްތެރިވާ 100 އިން ސައްތަ ދޯނިފަހަރު މަސްްވެރިންގެ ދަފްތަރުގައި ރެޖިސްޓްރީ ކުރެވިފައިވާކަން ރައީސް އުފަލާއިއެކު ފާހަގަކުރެއްވިއެވެ. މިގޮތުން މަސްވެރިންގެ ދަފްތަރުގެ ސަބަބުން މަސްވެރިންނަށް ފައިނޭންޝަލް ފެސިލިޓީ ތަކުގެ ޙިދުމަތްތައް ލިބެން ފަށާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ބީއެމްއެލް މެދުވެރިކޮށް 80 ފަރާތަކަށް ޖުމްލަ 10.4 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މާލީ ދާއިރާގައި މަސްވެރިން ބައިވެރި ކުރުމުގެ ގޮތުން މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރެޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އާމްދަނީއަށް ބިނާކޮށް ޕާރސަނަލް ފައިނޭންސިންގް ، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި ، މަސްވެރިންގެ ދަރިންނަށް ތަޢުލީމު ދިނުންފަދަ އެކި އެކި ބޭނުންތަކަށް ލޯނާއި ފައިނޭންސިންގެ ލިބޭނެގޮތް މިހާރު ފަހިވެފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން “ މަހާ މަންފާގެ “ ނަމުގައި ފައިނޭންސް ސްކީމެއް 2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު ތަޢާރަފު ކުރެވިފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

