މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މުހިންމު މަސައްކަތްތަކެއް ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީ.އެޗް.އީ.ސީ) އާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހެޑް އޮފީހުގައެވެ. އެމްޕީއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ޗީފް އެގްޒެކުޓިވް އޮފިސަރ، ޑީސީޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާނެވެ. ސީއެޗްއީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ކަންޓްރީ މެނޭޖަރ މާއޯ ބާއޯއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދީ ކުރިއެރުމަށް ކަނޑައަޅުއްވާފައިވާ އެންމެ މުހިންމު އެއް އަމާޒެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު އިއްވެވި 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވަނީ، ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންގޮސް، 2027 ވަނަ އަހަރުގެ ތެރޭގައި އެ ބަނދަރުގެ ޚިދުމަތް ތިލަފުއްޓަށް ބަދަލުކުރައްވާނެ ކަމަށް އިޢުލާނު ކުރައްވާފައެވެ.
މި އެއްބަސްވުމުގެ ދަށުން، ތިލަފުށީގައި ތަރައްޤީކުރާ ބަނދަރުގެ ފޭސް-1ގެ ޑިޒައިން އާއި ސާރވޭގެ މަސައްކަތްތައް ސީ.އެޗް.އީ.ސީން ކުރިއަށް ގެންދާނެއެވެ.
މި މަސައްކަތްތައް ފަސް މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ވަނީ ތާވަލުކުރެވިފައިވާއިރު، ސާރވޭ އާއި ޑިޒައިންގެ މަސައްކަތް ނިމުމުން، ދެ ފަރާތުން އެއްބަސްވެވޭ އަގެއްގެ މައްޗަށް ބިނާކޮށް، މި ޕްރޮޖެކްޓްގެ އަމަލީ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ ރިޝްވާން ވިދާޅުވީ ”މިއަދަކީ އެމް.ޕީ.އެލްގެ ތާރީހުގައި މުހިންމު ދުވަހެއް“ ކަމަށެވެ. އަދި ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ސިނާއަތާއި، އާންމު ރައްޔިތުންގެ ހައްގުގައިވެސް ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.
ރިޝްވާން ވިދާޅުވީ، ރިޔާސީ ބަޔާނުގައި އިއްވެވި އިރު، ރައީސުލްޖުމްހޫރިއްޔާ ވަރަށް އިތުބާރާއެކު 2027ގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަށް ބަނދަރު ނިންމައި، ހުޅުވެނެ ވާހަކަ، ވިދާޅުވެފައިވާ ކަމަށެވެ. އަދި އެމް،ޕީ.އެލްގެ އުމުރުން 39 ފުރި، 40 އަހަރަށް ދަތުރުކުރަމުންދާއިރު، މި ކުންފުނީގެ ލީޑަރޝިޕްގެ ހުރިހާ ބޭފުޅުންގެވެސް އެއް އުންމީދަކީ އާ ޕޯޓަކަށް ބަދަލުވުން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނާ މި ހަވާލުކުރީ ވަރަށް ބޮޑު ޒިންމާއެއް ކަމަށ ވެސް ރިޝްވާން ވިދާޅުވިއެވެ.
އެމް.ޕީ.އެލްގެެ ހުރިހާ މުވައްޒަފުން ގުޅިގެން، ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ އަމާޒު ހާސިލްކުރުމަށް މަސައްކަތްކުރާނެ ކަމަށާއި މާތްﷲގެ ވާގިފުޅާއެކު މި ކުންފުނީގެ ހުރިހާ މުވައްޒަފުންވެސް މި މަސައްކަތުގައި ބައިވެރިވެ، ގުޅިގެން މަސައްކަތްކޮށްގެން މި އަމާޒު ހާސިލްކުރުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ރިޝްވާން ޗަނީ ވިދާޅުވެފައެވެ. އަދި މިއީ ރައްޔިތުން ހައްގުގައި، އަދި ވިޔަފާރި އާއި އިޤްތިސާދީ ސިނާއާތުގެ ހައްގުގައި ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށް ވެސް ރިޝްވާން ވިދާޅުވިއެވެ.
މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ މާލޭގެ ތޮއްޖެހުން ކުޑަކޮށް، މުދާ އުފުލުމާއި ފޮނުވުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް، ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ މަޝްރޫޢެކެވެ.

