ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަަށް އިއްވި ރިޔާސީ ބަޔާނުގައި ސަރުކާރުން މިހާރަށްވުރެ ފުޅާކޮށް ވިޔަފާރިތަކުގެ ތެރެއަށް ވަންނާނެކަން ސާފުވާކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ޖުމްލަކޮށް މި އަހަރަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރުގެ ތަފްސީލު ދެއްވި އެވެ. ތިން ގަޑިއިރަށް ދެމިގެން ދިޔަ މި ބަޔާނުގައި ރާއްޖޭގެ މާލީ ހާލަތާއި، އިޤްތިސާދީ ދާއިރާއަށް ތަފްސީލުކޮށް އަލިއަޅުއްވާފައި ވެއެވެ.
މިއަދުގެ ރިޔާސީ ބަޔާނަށް ފާޑުކިއުން އަމާޒުކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ ރިޔާސީ ބަޔާން ބޮޑަށް ވައްތަރުވެގެން ދިޔައީ ރައީސަކު އިއްވި ބަޔާނަކަށްވުރެ، ކުންފުންޏެއްގެ ވެރިޔަކު އެ ކުންފުނީގެ ބޯޑު މެމްބަރުންނަށް އިއްވި އަހަރުގެ ރިޕޯޓަކާއި ކަމަށެވެ. .
އަމީރު ވިދާޅުވީ ރިޔާސީ ބަޔާނުން އެނގިގެން ދިޔައީ، ކުރިޔަށް އޮތް އަހަރުތަކުގައި ރާއްޖޭގެ އަމިއްލަ ވިޔަފާރިވެެރިންނަށް އިތުރު ގޮންޖެހުންތަކާއި ކުރިމަތިވާނެ ކަމެވެ.
މި ބަޔާނުގައި ސަރުކާރުން މިހާރަށްވުރެ ފުޅާކޮށް ވިޔަފާރިތަކުގެ ތެރެއަށް ވަންނާނެކަމުގެ ސާފު އިޝާރާތްތަކެއް ކޮށްފައިވާ ކަމަށާއި، ސަރުކާރުގެ ސަމާލުކަން ހުރީ ހުރިހާ ވިޔަފާރިތަކަކަށް ސީދާގޮތުން ވަނުމަށްކަމަށް ވެސް އަމީރު ވިދާޅުވިއެވެ.
މިއީ ރާއްޖޭގެ އިޤްތިޞާދަށް ގެއްލުން ބޮޑުވާނެ ބިރުވެރި ސިޔާސަތެއްގެ ގޮތުގައި އަމީރު ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލަކަށް ވެގެން ދިޔަ މައިގަނޑު ސަބަބަކީ މި ސިނާއަތުގައި ސަރުކާރުގެ ސީދާ ބައިވެރިވުން ނެތުން ކަމަށާއި، އަމިއްލަ ފަރާތްތަކަށް މިނިވަންކަމާއެކު ވިޔަފާރިކުރުމުގެ ފުރުޞަތު އޮތުމުންކަމަށް ވެސް އަމީރު ވިދާޅުވިއެވެ. އެހެން ނަމަވެސް މިހާރު ފެންނަނީ އެ އުސޫލާ ޚިލާފަށް ސަރުކާރުން ހުރިހާ ދާއިރާއެއްގެ ވިޔަފާރީގެ ތެރެއަށް އަތްބާނައި، އަމިއްލަ ވިޔަފާރިތަކުގެ ފުރުޞަތުތައް ހަނިކުރަމުންދާ މަންޒަރުކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ސަރުކާރެއްގެ އަސްލު މަސްއޫލިއްޔަތަކީ ވިޔަފާރިތައް ރެގިއުލޭޓްކުރުމާއި، ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމްކޮށްދިން ކަމަށެވެ. އަދި ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ކެޕިޓަލް ރެއިޒްކުރެވޭނެ ނިޒާމެއް ހަމަޖައްސައިދިނުމަކީ ވެސް ސަރުކާރުގެ ޒިންމާއެއްކަމަށް އަމީރު ވިދާޅުވި އެވެ.

