ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް، އެއްވެސް ޕާޓީއަކާއި އެކު ކޯލިޝަން ހެދުމުގެ ވިސްނުމެއް ނެތް ކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަންއިން ބުނެފިއެވެ.
އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ޕީޕީއެމްއިން ބުނެފައިވަނީ ފޯމު ހުށަހެޅުމުގެ ފުރުސަތު ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އެއަށްފަހު ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކަށް، ވޯޓުނެގުން އޮންނާނީ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުގައި ކަމަށް ޕާޓީން ވަނީ ބުނެފައެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރުމާއި ގުޅޭގޮތުން، ޕިޕީއެމާއި ޕީއެންސީ މެދުގައި ޖޮއިންޓް ކައުންސިލް ބައްދަލުވުމެއް ބާއްވާ މަސައްކަތްތައް ކުރިޔަށް ގެންދާނެ ގޮތް ވަނީ މަޝްވަރާކޮށްފައެވެ. އެ މަޝްވަރާތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބް ރައީސް އަދި ޕާޓީގެ އިންތިހާބާއި ބެހޭ ކޮމިޓީގެ މެމްބަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގައުމު ސަލާމަތް ކުރެވެން އޮތް ހަމައެކަނި ފުރުސަތަކީ ލޯކަލް ކައުންސިލް އިންތިހާބު ކަމަށެވެ.
އިންތިހާބުގެ އެކި ކަންތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށްފަހު ސުވާލަށް ފުރުސަތު ހުޅުވާލުމުން، މަޖިލީސް އިންތިހާބެކޭ އެއްގޮތަށް އިތުރު އެހެން ޕާޓީއަކާއި އެކު ކޯލިޝަން ހަދާފާނަންތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރުމުގެ ބޭނުމުގައި އެއްވެސް ޕާޓީއަކާއި އެކު ކޯލިޝަންއެއް ހެދުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
މުއިއްޒު ވިދާޅުވީ، އިދިކޮޅުން އެއްވެސް ޕާޓީއަކާއި އެކު ކޯލިޝަން ހަދާނީ އެ ޕާޓީއެއް ސަރުކާރު ހިނެނޭ ކޯލިޝަނުން ވަކިވުމުން ކަމަށެވެ. ނުސީދާ ގޮތަކަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ވާހަކަ ދައްކަވާ މުއިއްޒު ވަނީ އެ ފުރުސަތު އެބައޮތްކަމަށް ވިދާޅުވައެވެ. އެހެން ނަމަވެސް، އިދިކޮޅުން އެ ޕާޓީއަކާއި އެކު މަޝްވަރާގެ އެއް މޭޒަށް އަރާނީ ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންގޮސް، ކޯލިޝަނުން ވަކިވުމުން ކަމަށް އޭނާ ވިދާޅުވިއެެވެ. އަދި އޭގެ ސަބަބެއްގެ ގޮތުގައި މުއިއްޒު ވިދާޅުވީ، ޕާޓީއަށް މަސައްކަތް ކުރެވޭނީ އަދި ވިސްނުން އެއްގޮތް ވާނީ ވެސް ސަރުކާރާއި ”އިދިކޮޅު“ ވެގެން ކަމަށްވީތީ އެވެ.
”ސަރުކާރު ކޯލިޝަންގައި އޮތް އެއްވެސް ޕާޓީއަކާ އަޅުގަނޑުމެން މިފަހަރު ކޯލިޝަނެއް ނަހަދާނަން. އަޅުގަނޑުމެންނާ ކޯލިޝަން ހެދުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށްވެސް އެބައޮތް. އެހެންނަމަވެސް މިހާރު މިއޮތް ސަރުކާރުގެ ކޯލިޝަންއިން ވަކިވެގެން އައިސް އަޅުގަނޑުމެންނާ މަޝްވަރާ ކުރުމުގެ ފުރުސަތު އޮންނާނެ.“ މުއިއްޒު
މީގެ އިތުރުން މުއިއްޒުވަނީ މަޖިލީސް އިންތިހާބުގައި ޕްރައިމަރީއަކާއި ނުލާ ޓިކެޓުދިނުން ފަދަ މައްސަލަތައް ތަކުރާރު ނުވާނެކަން ފާހަގަކުރައްވާފައެވެ. އަދި އިންތިހާބަށް ނިކުންނަށް ކެނޑިޑޭޓުންނަަކީ ވަރުގަދަ ކެނޑިޑޭޓުންތޯ ޔަގީންވެސް ކުރައްވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ، ރައްޔިތުން ކައުންސިލް އިންތިހާބުގައި ވޯޓު ދޭންވީ ގާތް ތިމާގެ މީހަކަށް ވީތީ، ނުވަތަ ރަށްޓެއްސަކަށް ވީތީ ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ޕީޕީއެމްއިން ނުކުންނަނީ ގައުމު ސަލާމަތް ކުރަންކަން ދަނެގެން، މިއީ ގައުމީ މަަސައްކަތެއްގެ ގޮތުގައި ދެކި ވޯޓު ދޭންވީ ޕީޕީއެމްއަށް ކަމަށެވެ.
ކައުންސިލު އިންތިހާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް ހަތަރު ވަނަ ދުވަހު އެވެ. ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތާކާއި އަދި ސިޓީ ކައުންސިލްތައް ހިމެނޭ ގޮތަށް 980 ކައުންސިލަރުން އިންތިހާބު ކުރެވިގެން ދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފި އެވެ. އޭގެ ތެރޭގައި އަންހެން ކައުންސިލަރުންނަށް 384 ޖާގަ ވަނީ ހާއްސަކޮށްފަ އެވެ.

