މިއަދުގެ ހުކުރު ޚުޠުބާ މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލާފައިވަނީ އިންސާނުންގެ ފުރާނަ ސަލާމަތްކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. މިގޮތުން ލޭ ހަދިޔާކުރުމަކީ ”ޞަދަޤާތުލް ޖާރިޔާ“ އެއް ނުވަތަ ދެމިގެންދާ ޞަދަޤާތެއްގެ ގޮތުގައި ބަލައި، އެ މާތް އަމަލަށް ވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ.
ހެޔޮ އަމަލުތައް ކުރުމަށްޓަކައި އިސްލާމްދީނުގައި ހުޅުވިފައިވާ މަގުތަކަކީ ވަރަށް ތަނަވަސް މަގުތަކެއްކަން މި އަދިގެ ހުތުބާގއި ވަނީ ހަނދާންކޮށްދެއްވާފައެވެ. އެގޮތުން، މުދަލުންނާއި، ހެޔޮ ބަހުން ނުވަތަ އެކި ގޮތްގޮތުން މީސްތަކުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މަތިވެރި އަޖުރާއި ސަވާބު ލިބޭނެ ކަމެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ބައްދަލުވާ މީހާގެ ކުރިމަތީގައި ހިނިތުންވުމަކާއި، އޯގާތެރި ބަހަކުން މުޢާމަލާތް ކުރުމަކީވެސް ޞަދަޤާތެއް ކަމުގައި ޚުޠުބާގައި ބަޔާންކުރެއްވިއެވެ.
ދިވެހިރާއްޖޭގައި ލޭ ހަދިޔާކުރާނެ ފަރާތްތަކަށް ބޭނުންވެފައިވާ ލޭގެ ބޭނުންތެރިކަމަށް އަލިއަޅުއްވާލައްވަމުން، ލޭ ހަދިޔާކުރުމަކީ އިންސާނުންގެ ފުރާނަ ސަލާމަތްކޮށްދޭ އަދި މެދުނުކެނޑި އެމީހަކަށް އޭގެ ދަރުމަ ލިބިލިބި ހުންނާނެ މަތިވެރި އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ކީރިތި ޤުރުއާނުގެ ސޫރަތުލް މާއިދާގެ 32 ވަނަ އާޔަތުގައި ވާފަދައިން، އެންމެ އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަކީވެސް މުޅި އިންސާނިއްޔަތު ސަލާމަތްކުރުން ފަދަ ކަމެއްކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.
ބަލިމީހުންނަށް ބޭނުންވާ ވަގުތުގައި ލޭ ނުލިބުމަކީ ފުރާނަ ގެއްލިގެންދާނެ ކަމެއް ކަމަށާއި، ނަމަވެސް އެކަށީގެންވާ ވަގުތުގައި ލޭ ހަދިޔާކުރުމަކީ ބަލިމީހުންނަށް ދިރިހުރުމުގެ އައު އުންމީދެއް ލިބިގެންދާނެ ކަމެއްކަން ހުތުބާގައި ހަނދާންކޮށްދެއްވިއެވެ. މިފަދަ ޤުރުބާނީތަކަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި، ސުވަރުގެއަށް ވަނުމަށް މަގުފަހިވެގެންދާނެ ސަބަބެއް ކަމުގައިވެސް މިއަދުގެ ޚުޠުބާގައި ބަޔާންކުރެއްވިއެވެ
މިއަދުގެ ޚުޠުބާގައި އިތުރަށް ބަޔާންކުރައްވާފައިވަނީ، ދުނިޔެމަތީގައި ދަތި އުނދަގޫ ހާލަތްތަކުގައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުންނާއި ނާމާންކަމުން މީހާ ސަލާމަތްކޮށްދޭނެ ކަމެއް ކަމަށެވެ. މިގޮތުން ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅެއްގެ މާނައިގައިވާ ފަދައިން، މީހެއްގެ ބޭނުމެއް ފުއްދައިދީފި މީހެއްގެ ބޭނުން ﷲ ތަޢާލާ ފުއްދަވައިދެއްވާނެ ކަމަށާއި، އަދި މުސްލިމެއްގެ ކިބައިން ދުނިޔެމަތީގެ ދަތިކަމެއް ފިލުވައިދީފި މީހަކަށް، ޤިޔާމަތް ދުވަހުގެ ދަތިތަކުގެ ތެރެއިން ދަތިކަމެއް ﷲ ތަޢާލާ ފިލުވައިދެއްވާނެކަން ހަނދާންކޮށްދެއްވިއެވެ.
ލޭ ހަދިޔާކުރުމުގެ އިތުރުން، އިންސާނުންގެ ފުރާނަ ސަލާމަތްކުރުމަށް މަގުފަހިވާ އެހެނިހެން ހެޔޮ އަމަލުތަކުގައި ބައިވެރިވުމަށްވެސް މިއަދުގެ ޚުޠުބާގައި ބާރުއެޅުއްވިއެވެ. އޭގެ ތެރޭގައި ބަނޑުހައިހޫނުކަން ތަޙައްމަލު ކުރަމުންދާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމާއި، ބޭސްފަރުވާގެ ޚަރަދު ހަމަޖައްސަން ނުކުޅެދިފައިވާ މީހުންނަށް އެހީތެރިވުމާއި، އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރުމާއި، ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ އިތުރުން އަނިޔާލިބޭ މީހުން ރައްކާތެރިކަމާއެކު ހޮސްޕިޓަލްތަކަށް ގެންދިއުމަށް އެހީތެރިވުން ހިމެނެއެވެ.
ޚުޠުބާ ނިންމަވާލައްވަމުން އިމާމު ވަނީ އިންސާނިއްޔަތަށްޓަކައި ކުރެވޭ މިފަދަ ހެޔޮ މަސައްކަތްތަކުގައި، ޚާއްޞަކޮށް ލޭ ހަދިޔާކުރުމުގެ މާތް އަމަލުގައި އަމަލީގޮތުން ބައިވެރިވުމަށް ހުރިހާ މުސްލިމުންނަށް ގޮވާލައްވާފައެވެ. އަދި ދީނީ ގޮތުންނާއި ޞިއްޙީ ގޮތުން ލޭ ހަދިޔާކުރުމުގެ ޝަރުޠުތައް ހަމަވާ އެންމެހައި ފަރާތްތަކުން މިކަމަށް އިސްނެގުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

