ދިވެހިރާއްޖޭގެ ސަލާމަތާ ރައްކާތެރިކަމަށް ބުރޫއަރާ ގޮތަށް ދުނިޔޭގެ އެއްވެސް ހިސާބެއްގައި ދިވެހިން މަސައްކަތް ކުރާނަމަ ސަރުކާރުން އަޅާނުލާ ދޫކޮށްލައިގެންނުތިބޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައެވެ. މިނިސްޓަރު އިމްރާން މިފަދަ މޭރުމަކުން ޓްވީޓެއް ކުރައްވާފައިވަނީ ސީރިއާގެ ހަނގުރާމާގައި ބައިވެރިވުމަށް އެ ގައުމަށް ގޮސް އުޅޭ ދިވެހި ޒުވާނަކު ބޭރުގެ ނޫސްވެރިއަކަށް އިންޓަރވިއުއެއް ދީފައިވާ ދަނޑިވަޅެއްގައެވެ.
ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވަމުންދާ ދިވެއްސެއް ކަމަށްވާ ޚައްތާބު މާލްދީފީ ނަމަކަށް ކިޔާ ޒުވާނަކު ވަނީ ސީރިއާގެ ޚަބަރުތައް ދުރަށް ފޮނުވަމުންދާ އޮންލައިން މީޑިއާއަކަށް ދިވެހި ބަހުން އިންޓަވިއު ދީފައެވެ.
މި އިންޓަވިއުގައި އޭނާ ވަނީ ރާއްޖޭގެ ޙާލަތާއި ބެހޭގޮތުން ގިނަ ވާހަކަތަކެއް ދައްކާފައެވެ. އިންޓަވިއު އޭނާ ފެށީ ސީރިއާއަށް އޭނާ ދަންޖެހުނު ހިސާބުންނެވެ.
އޭނާ ބުނި ގޮތުން ސީރިއާއަށް ދާންޖެހުނީ ސީރިއާގައި އެތައް މުސްލިމުންތަކެއް ދުނިޔޭގެ ކުރިމަތީގައި ގަތުލުވަމުން ދިޔައިރު އެ މުސްލިމުންގެ ދިފާއުގައި ތެދުވާނެ އެއްވެސް ޤައުމެއް ނުވަތަ ދައުލަތެއް ނެތީތީ ކަމަށެވެ.
ގާތްގަނޑަކަށް މިލިއަނަކާއި ގާތްކުރާ އަދަދަކަށް މުސްލިމުންތަކެއް ގަތުލުވަމުން ދިޔައިރު އެހީތެރިކަމުގެ އަތެއް ފޯރުކޮށްލާނެ ޤައުމެއްނެތް ކަމަށެވެ.

