ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައިފި އެވެ.
ރައީސް ނަޝީދު، މޯދީއާ ބައްދަލުކުރެއްވީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ލޮކް ސަބާގެ ދައުވަތަކަށް މިހާރު އިންޑިއާ އަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ.
ބުރާސްފަތި ބޭއްވި އެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި، ސަރަހައްދީ މޫސުމަށް އަންނަ ބަދަލުތަކާއި، ޕެރިސް އެގްރީމެންޓެގެ ލަނޑުދަޑިތަކާއި، އެއް ފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކުގެ އިތުރުން މުރަކަ ފަރުތައް ރައްކާތެރިކުރުން ހިމެނޭ ކަމަށް ރައީސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުވެސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިހަށް ހުކުރު ދުވަހު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.
ބޮޑުވަޒީރުގެ ގެކޮޅުގައި ދިއްލީގައި އޮތް މިބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ބޮޑުވަޒީރު މޯދީއަށާއި، އިންޑިއާ ސަރުކާރާއި ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރައްވާފަކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއްވައެވެ. އަދި މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން ވެދެއްވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން، އެކިދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ބޮޑުވަޒީރު މޯދީއަށް އަރުވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ސެކްރެޓަރީ، މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ޕޮލިސީ އާމިނަތު ޝައުނާ، ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު މުހައްމަދު ދީދީ، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން އާމިނަތު ޝަބީނާ އަދި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އިންޑިއާ ޑިވިޝަންގެ ޑިރެކްޓަރ މަރިޔަމް މިދްފާ ނައީމް ބައިވެރިވެވަޑައިގަތެވެ.

