ކޮންމެ މީހަކުވެސް އެމީހަކު ދުއްވާ އުޅަނދުފަހަރުން ސްޕީޑު ކޮންޓްރޯލު ކުރަންޖެހޭ ކަމަށާއި، އެއްވެސް މީހަކު އެކްސިޑެންޓެއްގައި އެމީހަކާއި ގާތް މީހަކު މި ދުނިޔެއާއި ވަކިވެގެންދާކަށް ނޭދޭނެ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
”ރޯޑް ސޭފްޓީ ވޯކް“ ގެ ނަމުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ގައުމީ ހަރަކާތް ފައްޓަވައިދެއްވަމުން ފައިސަލް ވިދާޅުވީ، އެ ހަރަކާތަކީ މިއަހަރު ކުރީކޮޅު މި ސަރުކާރުން ފެށި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން ހިންގޭ ހަރަކާތެއްކަމަށެވެ. ފައިސަލް ވަނީ މަގުމަތީގައި ދުއްވުމާއި ހިނގާބިނގާވުމުގައި އާއްމުން ސަމާލުވާން ޖެހިފައިވާކަން ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ މަގުތަކުގައި ހިނގާފައިހުރި ނުރައްކާތެރި ހާދިސާތަކާއި، ހިނގަމުންދާ ހާދިސާތަކަކީ ރައްޔިތުންގެ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ މަގުމަތީގައި ހިނގާ އެކްސިޑެންޓެއްގެ ޝިކާރައަކަށްވެ ދަރިއަކު ދުނިޔެ ދޫކޮށްދާންޖެހުމަކީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ތިމާ ދުށްވާ އުޅަނދުގެ ދުވެލި މަޑުކުރުމަކީ އަމިއްލަ ކޮންޓްރޯލުގައި ވާ ކަމެއްގެ ގޮތުގައި ފައިސަލް ފާހަގަކުރެއްވިއެވެ.
”ގަވައިދުތަކާއި ގާނޫނު ހެދިފައި ހުންނަނީ ރައްޔިތުންގެ ރައްކާތެރިކަމަށް. އެއްވެސް ހާލެއްގައި ގާނޫނަކީ ނުވަތަ ގަވާޢިދަކީ މީހަކަށް އަނިޔާއެއްދިނުމުގެ ގޮތުން ހެދޭ އެއްޗެއް ނޫން. އެއީ އަޅުގަނޑުމެންގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފަ ހުރި ގާނޫނުތައް.“ ފައިސަލް
މީގެ އިތުރުން، އެކިއެކި މަސައްކަތްތަކުގައި އެކި ފަންތީގައި ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު ވަރަށް ގިނަކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އެމީހުންގެ ކިބައިންވެސް ކަންތައްތަކެއް ރަނގަޅުވެގެންދާނީ، އެކަމަށް އާއްމުން ވެސް ނަމޫނާ ދައްކައިގެން ކަމަށެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ބިދޭސީން ދިރިއުޅެމުން އަންނައިރު އެ މީހުންނަށް ވެސް ރާއްޖޭގެ ގާނޫނާއި ގަވައިދު ރަނގަޅަށް ކިޔައިދީ އޮޅުންފިލުވަދޭންޖެހޭކަަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.
”އަޅުގަނޑުމެން މިއުޅެނީ މިގައުމައިގެން، އެންމެން މިއުޅެނީ ކުރިޔަށްދާން. ތަރައްގީވެފައިވާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ކުރިޔަށްދާއިރު، ހުރިހާކަމެއްވެސް އަޅުގަނޑުމެން ރަނގަޅުކުރަން ޖެހޭނެ. މަގުމަތީގައި އަޅުގަނޑުމެންގެ މުއާމަލާތްތަކާ، ދުއްވުމާ، އުޅުމާ، މި ހުރިހާ ކަމަކީ މިއީ އަޅުގަނޑުމެން ރަނގަޅުކުރަން ޖެހޭނެ ކަންކަން.“ ފައިސަލް
”ރޯޑް ސޭފްޓީ ވޯކް“ ގެ ނަމުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވި ހިނގާލުމަކީ މިނިސްޓްރީ އޮފް ހެލްތާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ސަރުކާރުގެ މުވައްސަސާތަކާއި އަމިއްލަ ޖަމިއްޔާތައް ޝާމިލްވާގޮތަށް ހިންގި ގައުމީ ހަރަކާތެކެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އެއްވަގުތެއްގައި މިއަދު މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވެއެވެ. މާލޭގައި މި ހަރަކާތް ކުރިޔަށްގެންގޮސްފައިވަނީ ސޯޝަލް ސެންޓަރު ސަރަޙައްދުން ފެށިގެން މަޖީދީ މަގުން އިރަށެވެ. މި ހިނގާލުމުގައި ބައެއް ސަރަހައްދު ތަކަށް މަޑުކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހޭލުންތެރި ކުރުމުގެ މެސެޖުތަކާއި މަންޒަރުތަކާއެކު ނުރައްކާތެރި އެކްސިޑެންޓްގެ ހާދިސާއެއްގެ ހަރަކާތްތަކެއް ދައްކާލާފައިވެއެވެ.

