ޗިއިނާއަށް ފާޑުކިޔަން ނަޝީދުއަކީ ކާކުތޯ ބުނެ ޕީޕީއެމްގެ ކުރީގެ ސެކްޓްރީ ޖެނެރަލް ޑރ.އަބްދުﷲ ޚަލީލް ސުވާލުކުރައްވައިފިއެވެ.
ޑރ ޚަލީލް މިފަދައިން ވިދާޅުވީ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި ޗައިނާއާއި ރާއްޖެއާއި އޮތް ގާތް ގުޅުމަށް ފާޑުވިދާޅުވެ ވާހަކަދެއްކެވުމާއި ގުޅިގެންނެވެ.
އިންޑިއާގައި ބައެއް މީޑިއާތަކާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ ޗައިނާގެ ލޯނުތަކުގެ ސަބަބުން ދިވެހިން ދަރަނިވެރިވެފައިވާކަމަށެވެ.
މީގެ އިތުރުން ޗައިނާއަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުން ރާއްޖެ – ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ކުރިއަށް ނުގެންދާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސޮއި ކުރި، ރާއްޖެ – ޗައިނާ ފްރީ ޓްރޭޑް އެގްރީމެންޓަކީ އިންވެސޓްމެންޓެއްކަމަށް ޤަބޫލު ނުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދުގެ މި ވާހަކަފުޅަށް ރައްދުދެއްވާ ޑރ. ޚަލީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗައިނާއަކީ ދުނިޔޭގައި ވިޔަފާރީގެ ގޮތުން އެންމެ ކުރިއަރާފައިވާ އެއް ޤައުމުކަމަށާއި ކުރިއަށް އޮތް ތަނުގައި ދުނިޔޭގެ އިގްތިސާދީ އެންމެ ބޮޑު ބާރަކީ ޗައިނާ ކަމަށެވެ. އަދި ޗައިނާއަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ ތަރައްގީގެ ހިއްސާކަމަށް ވާއިރު ޗައިނާއަށް ފާޑުވިދާޅުވާން ނަޝީދު އަކީ ކާކުތޯ ސުވާލުކުރެއްވިއެވެ.
https://twitter.com/abkhaleel/status/1205704072856137728
ޗައިނާއިން ރާއްޖެއަށް ގެނެސްދީފައިވާ ތަރައްޤީއާއެކު ގްރޭޓަރ މާލެ ރީޖަންއާއި ލ. ގަމާއި ޏ.ފުވަމުލަކުގެ ރައްޔިތުންގެ ދިރިއުޅުން އައު އުސްމިންތަކަކަށް ގެނެސްދީފައިވާ ކަމަށެވެ.
ޗައިނާއާއި ގުޅިގެން ދޮގު ވާހަކަ ފެތުރުމުގެ ބަދަލުގައި، ތަރައްޤީޤެ ހިއްސާދާރުން ހޯދުމަށް މަސައްކަތްކުރުމަށް ޑރ. ޚަލީލް ވަނީ ރައީސް ނަޝީދަށް ގޮވާލައްވާފައެވެ.
ޗައިނާއާއި ގުޅިގެން ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަކީ ބައިނަލްއަޤުވާމީ މަސްރަހުގައި ރާއްޖެއަށް އެހީތެރިކަން ހޯދުމުގައި ގޮންޖެހުންތަކެއް ދިމާވެދާނެ ވާހަކަފުޅުތަކެއް ކަމަށް ވިދާޅުވެ ޑރ.ޚަލީލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެެވެ. އަދި ދާޚިލީ ގުޅުމުގެ މައްޗަށް ނުފޫޒު ފޯރުވަނީ ރައީސް ނަޝީދު ތޯ އައްސަވާފައިވެއެވެ. އެހެން ނޫންނަމަ އެމަނިކުފާނު ހުއްޓުވަންޖެހޭ ކަމަށް ރައީސް ސޯލިހު ވަނީ ގޮވާލައްވާފައެވެ.
https://twitter.com/abkhaleel/status/1205709585748643840
ނަޝީދުގެ ވާހަކަތަކަށް ރައްދުދެއްވާ ޗައިނާ ސަފީރު ޒޭންގް ލިޒޯންގްވެސް ވަނީ ވާހަކަ ދައްކަވާފައެވެ. ސަފީރު ވިދާޅުވީ ޗައިނާއާއި މެދު ރައީސް ނަޝީދު ދައްކަވާ ވާހަަކަތަކަކީ ސަމާލުކަން ހޯއްދަވަން ދައްކަވާ ވާހަކަތަކެއްކަމަށާ އެ ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. ޗައިނާއިން ރާއްޖޭގައި ކުރި އިންވެސްޓްމެންޓަކީ އެހެން ޤައުމުތަކުގައި ވެސް ކޮށްފައިވާ ފަދަ އިންވެސްޓްމެންޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ސަފީރު ވަނީ ރާއްޖޭގެ ސިޔާސީ ފަރާތްތަކުން ދޭދޭ ޤައުމުތަކަމާއި މެދު ވާހަކަދެއްކުމުގައި މިހާރަށް ވުރެ ޒިންމާދާރު ވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

