އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި ރެޖިސްޓްރީކޮށްފައިވާ ގިނަ ވިޔަފާރިތަކެއް އުވާލައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ހަ ފަހަރެއްގެ މަތީން ގިނަ އަދަދެއްގެ ކުންފުނި އުވާލަން އިއުލާނުކޮށްފައިވެ އެވެ. މީގެތެރޭގައި ގިނައީ ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ނުހިންގާތާ ގިނަ ދުވަސްވީ ކުންފުނި ތަކެވެ.
ކުންފުނިތަކެއް އުވާލަން ނިންމާފައިވާކަން ހާމަކޮށް އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މިނިސްޓްރީއަށް ރެޖިސްޓްރީކޮށްފައިވާ އަމިއްލަ 32 ވިޔަފާރި، ގާނޫނުގެ ދަށުން މިހާރު ބާތިލުކޮށްފައިވާ ކަމަށެވެ. އުވާލުމަށް ނިންމާފައިވާ ވިޔަފާރިތަކުގެ ތެރޭގައި ފިހާރަތަކާއި ތަފާތު މާޓުތައް ހިމެނެ އެވެ.
އިއުލާނުގައި އަންގާފައިވާ ވިޔަފާރިތައް ބާތިލުކޮށްފައި ވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެ ވިޔަފާރިތަކުގެ ތެރޭގައި 2015 އިން ފެށިގެން މިއަހަރާ ހަމައަށް އުފައްދާފައިވާ ކުންފުނިތައް ހިމެނެ އެވެ. މިނިސްޓްރީއިން މީގެ ކުރިން ވަނީ 2017 އާއި 2018 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކެއް އުވާލުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ. ނޮވެމްބަރު އުވާލުމަށް ނިންމި 19 ކުންފުނީގެ ތެރޭގައި ހިމެނެނީ ކޮންސްޓްރަކްޝަން ސިނާއަތާއި ޓޫރިޒަމް އިންޑަސްޓްރީ އަދި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިިވާ ކުންފުނިތަކެވެ.
އެ މިނިސްޓްރީން ބުނީ އުވާލުމަށް ކަނޑައަޅާފައިވާ ކުންފުނިތަކުގެ ތެރެއިން އެއްވެސް ކުންފުންޏެއް ހިންގަން އެ ކުންފުނިތަކުން ބޭނުންނަމަ އަންނަ މަހުގެ ތިނެއްގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އޭގެ ތެރެއިން އެއްވެސް ކުންފުންޏެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދައުވާއެއް އޮތްނަމަވެސް އެކަން ވެސް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން މިދިޔަ އޮކްޓޫބަރު މަހުގައި ބުނެފައި ވަނީ އަހަރީ ފީ ނުދައްކައިގެން 1،000 އަށް ވުރެ ގިނަ ކުންފުނި އުވާލުމަށް ނިންމާފައިވާ ކަމަށެވެ. އޮކްޓޫބަރު މަހު އުވާލާނެ ކަމަށް ބުނި ކުންފުނިތަކުގެ ލިސްޓުގައި ހިމެނެނީ 2012 އިން ފެށިގެން 2015 ގެ ނިޔަލަށް ރެޖިސްޓްރީކޮށްފައިވާ ކުންފުނިތަކެވެ.
ކުންފުނިތައް އުވާލާއިރު، ފާއިތުވި 22 އަހަރުގެ ތެރޭގައި އަހަރީ ފީ ނުދައްކާ ކުންފުނިތަކާއި އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި އޮޑިޓަރުންގެ ރިޕޯޓް ހުށަނާޅާ ކުންފުނިތަކުގެ އަދަދު 7،000 އަށްވުރެ މައްޗަށް އަރާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

