އާއަހަރަށް ޝަރުޢީ ދާއިރާ މަރުޙަބާ ކިޔާއިރު ޤަޟާއީ އަހަރު 2026 ވަނަ އަހަރު މިފަށަނީ ވަރަށް ފޮނި އުންމީދު ތަކަކާއިއެކުކަމަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އަލްއުސްތާޒު އަމްޖަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ޤަޟާއީ އަހަރު އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަމްޖަދު މުސްތަފާ ވިދާޅުވީ، 2026 ވަނަ އަހަރުގެ ޝަރުޢީ ދާއިރާއަށް މަރުޙަބާ ކިޔަނީ އިދާރީގޮތުން އެ ދާއިރާ ހިންގުމަށް ބޭނުންވާ ކަންކަން ދުރާލާ ދެނެގަނެ، ކޯޓުތަކުގެ ޙާލަތާއި އިދާރީ ގޮންޖެހުންތައް ވަޒަންކޮށް، ގެންނަންޖެހޭ ބަދަލުތައް އޮޅުންފިލުވުމަށްފަހު ކަމަށެވެ.
އަމްޖަދު ވަނީ 2026 ވަނަ އަހަރުގެ ޖުޑީޝަރީގެ ބަޖެޓު މިނިވަންކޮށްދެއްވައި، ޝަރުޢީ ނިޒާމުގެ ބަޖެޓަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުަހއްމަދު މުޢިއްޒު ގެނެސްދެއްވި ބަދަލަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ބަޖެޓަށް ގެނެވުނު މި ބަދަލާއެކު، އުމްރާނީ، އިދާރީ އަދި ފަންނިއްޔާތުގެ ދާއިރާއިން އައު ހަރުފަތަކަށް ވާސިލުވެވޭނެ ކަމުގެ އުންމީދު އައުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަމަށް 2025 ވަނަ އަހަރު ހައްލެއް ލިބިފައިވާކަން ފާހަގަކުރައްވައި، ޖަސްޓިސް ފެމިލީ ކޯޓާއި ޑްރަގް ކޯޓު ބަދަލުވުމާއެކު ބޮޑު ލުޔެއް ލިބިފައިވާ ކަމަށް އަމްޖަދު ވިދާޅުވިއެވެ.
މީގެ އިތުރުން، ކޯޓު ކޮމްޕްލެކްސް އިމާރާތް އެޅުމުން މާލޭގެ ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ނިމުމެއް އަންނާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
އަތޮޅުތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް އަވަސް ޙައްލެއް ހޯދުމަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހާއްސަ އިސްކަމެއްދޭ ކަމެއްކަން ފާހަގަކުރައްވައި، 2026 ވަނަ އަހަރުގެ މެއި މަސް ނިމުމުގެ ކުރިން އައު މެޖިސްޓްރޭޓް ކޯޓެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އަމްޖަދު ވިދާޅުވިއެވެ. އަދި ބާވެ ހަލާކުވެފައިވާ ކޯޓުތައް މަރާމާތުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ފާއިތުވި އަހަރު ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވާފައިވާތީ އެކަމަށްޓަކައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދެންނެވިއެވެ.

