ސަރުކާރު ހިންގާ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ހާލަތު ރަނގަޅު ނޫންކަމަށް ބުނެ ގިނަ ބަޔަކު އަޑުއުފުލަމުންދާ ދަނޑިވަޅެއްގައި މިއަދު ހެނދުނު ހޮސްޕިޓަލުގެ އައިސީޔޫގެ ސީލިންއިން ބައެއް ވަނީ ވެއްޓިފައެވެ. އެއާއިއެކު އައިޖީއެމްއެޗްގެ އެހެން ވޯޑުތަކުގެ ހާލަތުވެސް ހުރީ މިހެންނެވެ. ކިރިޔާ ބޮލަށް ވެއްޓޭ ހާލަތުގައެވެ. އައިޖީއެމްްއެޗްގެ ކުޑަކުދިންގެ ވޯޑުގައި ހުރި ކުޅޭތަނުގެ ، ސީލިން ވަރަށް ބޮޑަށް ހަލާކުވެ ވަނީ ވެއްޓެން ކައިރިވެފައެވެ.

މިއަދު ހެނދުނު ވެއްޓުނު ސީލިންއިން ޖެހި އަނިޔާވީ ކުޑަކުއްޖަކަށެވެ. ސީލިންގުގެ ބައެއް ނައްޓާލައިގެން ވެއްޓިފައި ވަނީ ވާރޭ ވެހި ސީލިންގް ފޯވުމުންނެވެ.

އައިޖީއެމްއެޗްގެ ހިދުމަތްތަކާއި ގުޅޭގޮތުން އާއްމު ރައްޔިތު މީހާ ޝަކުވާނުކޮށް ވާފަދަ ހާލަތެއް ވެސް ނާދެއެވެ. ދަށް ފެންވަރުގައި ހުރީ ހަމައެކަނި ތަނުގެ ސާފުތާހިރުކަމާއި، ތަނުގެ ހިދުމަތް އެކަންޏެއް ނޫންވެ. މުޅި އިމާރާތުގެ ބައިތައް ބޮލަށް ވެއްޓެން ކައިރިވެފައިވާއިރު، ހަލާކުވެފައި ހުރި ތަންތަން އެހާ ގިނައެވެ. އެއީ ގޮނޑިއަކަސް، ހޮސްޕިޓަލުގެ އެނދަކަސް، ނުވަތަ ކުޑަމިނުން ވޯޑުގައި ހުންނަ ފާހަނާއަކަސް ހުންނަނީ ހަލާކުވެފައެވެ. ހިދުމަތްތައް ދޭން ބަލާއިރު ސިސްޓަމް ހުންނަނީ ޑައުންވެފައެވެ.
މީގެ ކުރިން ހުއްޓާނުލާ ދައްކަންޖެހުނީ އައިޖީއެމްއެޗްގެ އެމްޖެންސީ ރޫމްގެ އޭސީ އެތައް ދުވަސްތަކެއް ވަންދެން ހަލާކުވެފައި ހުރި ވާހަކައެވެ. ބަލި މީހާ އެމީހާގެ ހާލައިގެން އުޅެންޖެހުނީ ސްޓޭންޑު ފަންކާއަކުން ފުއްދާލައިގެންނެވެ.
މުޅި ސޯޝަލް މީޑިއާގައި އެއް ވާހަކައެކެވެ. ތަނުގައި ތިބޭ މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު ދަށް ވާހަކައެކެވެ. ތަނުގައި މަސައްކަތްކުރާ މުވައްޒަފުން ބަލިމީހާޔަށް ދައްކާލަނީ ކުނި މޫނެކެވެ. އާއްމު ރައްޔިތުމީހާ އާއި ރީތިކޮށް ވާހަކަ ދެއްކޭކަަމަށް ނުވެއެވެ. ދޭނީ ކުރު ޖަވާބުތަކެކެވެ. ބަލި މީހާ، ތަނުގައި ތިން ހަތަރު ގަޑިއިރު ހޭދަކޮށް އެންމެފަހުން އައިޖީއެމްއެޗްދޫކޮށް އެހެން ގޮސްޕިޓަލަކަށް ހިދުމަތް ހޯދަން ދާންޖެހެެއެވެ. ތަ މިއީ ސަރުކާރުގެ މައި ހޮސްޕިޓަލާ މެދު ހައްތަހާ ވެސް އިވޭ ޝަކުވާ އެވެ.
ދިވެހި ރާއްޖޭގެ ސިއްހީ ނިޒާމް ފެއިލްވެފައިވާކަމަށް ބުނަންޖެހޭ ސަބަބުތައް ވަރަށް ބައިވަރެވެ. ހާއްސަކޮށް، އައިޖީއެމްއެޗްއަށް ސުމަކުން ދަށް އަދަދެއް ދޭނަމަ ހިދުމަތް ލިބިގަންނަ މީހާ ދޭނީ އެ އަދަދެކެވެ. ތަނަށް ހަމަ ސުމެކެވެ. ހެލްތް މިނިސްޓަރު އަބްދުﷲ އަމީނަށް އާއްމު ރައްޔިތުން ފާޑުކިޔާ ސަބަބުތައް ވަރަށް ބައިވަރެވެ. އައިޖީއެމްއެޗްއަކީ ތިމާމެންނާއި ބެހޭ ތަނެއް ނޫންކަމަށް ބުނެ ފަރުޖައްސައެއް ނުލެވޭނެއެވެ. ކޮންމެ ގޮތަކުންވެސް އައިޖީއެމްއެޗްގެ ބެލެނިވެރިފަރާތަކީ ހެލްތް މިނިސްޓްރީއެވެ. ތަނުގައި ހިނގާ ގޯސްތައް ބަލަންޖެހޭނެއެވެ.
ކޮންމެ ރައްޔިތެއްގެ ވެސް ކަންބޮޑުވުމަކީ، ބަލި މީހާ ފަރުވާހޯދުމަށް ދާންޖެހިފައި އޮތް އައިޖީއެމްއެޗްއަކީ ފަރުވާ ހޯދުމަށްވެސް އެކަށީގެންވާތަނަކަށް ނުވުމުންނެވެ.

