އައްޑޫގައި ތަރައްޤީ ކޮށްފައިވާ އީކުއެޓޯރިއަލް ހޮސްޕިޓަލް މިއަދު ހުޅުވާނެ ކަމަށް އެއްވެސް މީޑިއާކަށް މައުލޫމާތު ނުދޭ ކަމަށް ހެލްތް މިިނިސްޓްރީއިން ބުނެފިއެވެ.
އައްޑޫސިޓީ ހޮސްޕިޓަލް މިއަދު ހުޅުވާނެ ކަމަށް ހެލްތް މިނިސްޓްރީއިން ބައެއް މީޑިއާތަކަށް މައުލޫމާތުދީފައިވާއިރު ސަންގަށް މައުލޫމާތު ދެމުން ހެލްތް މިނިސްޓްރީގެ އޮފިޝަލަކު ވަނީ އެ މައުލޫމާތު ދޮގުކޮށްފައެވެ. އޭނާ ވިދާޅުވީ ހޮސްޕިޓަލު މިއަދު ހުޅުވާނެ ކަމަށް އެއްވެސް މީޑިއާއަކަށް މައުލޫމާތުދީފައި ނުވާނެ ކަމަށެވެ.
އައްޑޫ ހޮސްޕިޓަލް ހުޅުވާނެ ތާރީހަކާއި ގުޅޭގޮތުން ސަންގުން ސުވާލުކުރުމުން ހެލްތް މިނިސްޓްރީއިން ބުނީ އެކަމާއި ގުޅިގެން މީޑިއާތަކަށް އަދި މައުލޫމާތު ދޭން ބޭނުން ނުވާ ކަމަށެވެ. މައުލޫމާތު ދޭނަމަ އެކަމާއި ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
ބައެއް މީޑިއާތަުގައި ހާމަކޮށްފައިވާ ގޮތުގައި މިއަދު ހޮސްޕިޓަލްގެ ޚިދުމަތްތައް ފަށާނެއެވެ. ނަމަވެސް މިހާރު ހޮސްޕިޓަލްގެ ޚިދުމަތްތައް ފެށުން ފަސްކޮށްފައިވާ ކަމަށާއި ހޮސްޕިޓަލްގެ ޚިދުމަތްތައް ދެން ފަށާނެ ދުވަހެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
އައްޑޫގެ ޓާޝަރީ ހޮސްޕިޓަލް ހުޅުވާއިރު އެންމެ ފުރަތަމަ ދިނުމަށް ނިންމާފައިވާ ހިދުމަތްތަކުގެ ތެރޭގައި އެކްސްރޭ، އޯޕީޑީ، ލެބޯރަޓްރީ އަދި ފިޒިއޮތެރަޕީގެ ހިދުމަތް ހިމެނެ އެވެ.
ހޮސްޕިޓަލްގެ މަސައްކަތްތައް އެއްކޮށް ނިމުމުން އެތަނުގައި ކާޑިއޯ، ޔޫރޮލޮޖީ، ރެސްޕިރެޓަރީ، ރީޕްރޮޑަކްޓިވް ހެލްތު އަދި ޑެންޓަލްގެ އިތުރުން އެކި ކަހަލަ ތެރަޕީތައް ދިނުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ބޮޑެތި ބަލިތަކަށް ތަހްލީލްކުރުމާއި ބޮޑެތި އޮޕަރޭޝަންގެ ޚިދުމަތްވެސް ލިބޭނެ ކަމަށް މައުލޫމާތުލިބެއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ ޕްރައިވެޓް 6 ކޮޓަރި ހިމެނޭ ގޮތަށް ހަދާފައިވާ 100 އެނދުގެ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލްގެ ހިދުމަތް ފަށާއިރު 25 ސްޕެޝަލިސްޓް ޑޮކްޓަރުންނާއި 11 މެޑިކަލް އޮފިސަރުންނާއި 73 ނަރުހުން މިތަނުގައި ހިދުމަތް ދިނުމަށް ތިބޭނެ އެވެ.
ހޮސްޕިޓަލްގެ މަސައްކަތް އެލިއާއާ ހަވާލުކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޮވެމްބަރު 14، 2016 ގަ އެވެ.

