ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގައި ގޮތް ނިންމަވަނީ ރައީސުލްޖުމްހޫރިއްޔާއެއް ނޫންކަމަށާއި، އެ ބާރު އޮތީ ރައްޔިތުންގެ މަޖލީހަށްކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހަށް އެއްވެސް ބަދަލެއް ނުގެނެސް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އަދި އައު ދައުރުގެ މަސައްކަތް ފަށައި، މިއަދު އެންމެ ފުރަތަމަ ވެސް ތާވަލުކޮށްފައި އޮތީ ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރުމެވެ.
ޖަލްސާ ފެށުމާއި އެކު، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ މަޖިލިސް ކުރިޔަށް ގެންދަނީ ގަވައިދާ ހިލާފަށްކަމަށް ބުނެ ތަޅުމުގައި އަޑުގަދަކޮށްފަ އެވެ. އަދި ބައެއް މެމްބަރުންގެ ނަންވެސް އިއްވި އެވެ.
ސަރުކާރުން ބޭނުންވާ ގޮތަކަށް ބިލުތަށް ފާސްކުރަމުންދާކަމަށް އެމްޑީޕީ މެމްބަރުން ތަކުރާރު ކުރަމުން ގެންދިއުމުގެ ސަބަބުން ރިޔާސަތުގައި ހުންނަވައި އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ ޖަލްސާ ކުރިޔަށް ދަނީ ގަވައިދާއި އެއްގޮތްވާ ގޮތުގެ މަތީންކަމަށެވެ.
މި ރައްޔިތުންގެ މަޖިލީހަކީ ޤާނޫނުއަސާސީއާއި ގާނޫނުތަކަށް އިސްލާހު ގެނައުމުގެ ބާރު ޤާނޫނުއަސާސީން ލިބިދީފައިވާ މަޖިލީހެއް.. މި މަޖިލީހުން ޤާނޫނުއަސާސީއަށް ވެސް އިސްލާހު ގެނެވޭނެ، ގާނޫނުތަކަށް ވެސް އިސްލާހު ގެނެވޭނެ، އާ ގާނޫނުތައް ހަދަން ވެސް ހެދޭނެ… އެހެންވީމަ މަޖިލީހުން އަމަލު ކުރަމުން މި ގެންދަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި އަދި މަޖިލީހުގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން. ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅޭ މައްސަލަތަކުގައި ރައްޔިތުންގެ މަޖިލީހުން ގޮތް ނިންމާނީ، އެއީ ރައީސުލްޖުމްހޫރިއްޔާ ނޫން މި މަޖިލީހުގެ ކަންކަމުގައި ގޮތް ނިންމަވަނަކީއެއް..
އަބްދުއްރަހީމް ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ފުޅާ ދާއިރާއެއްގައި ބާރުތައް ދީފައިވާ ކަމަށެވެ. އެގޮތުން، ގާނޫނުއަސާސީއަށާއި ގާނޫނުތަކަށް އިސްލާހު ގެނައުމުގެ ބާރާއި، އާ ގާނޫނުތައް ހެދުމުގެ ބާރު ގާނޫނުއަސާސީން ލިބިދީފައި ވަނީ ހަމައެކަނި މި މަޖިލީހަށްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ މަޖިލީހަށް ފޮނުވާ އިސްލާހުތަކާއި މެދު ގޮތް ނިންމަނީ ރައީސުލްޖުމްހޫރިއްޔާ ނޫންކަމަށެވެ. އަދި ބިލުތަކާއި މެދު ގޮތް ނިންމަނީ މެމްބަރުންގެ މެދުގައި ކުރެވޭ މަސައްކަތަށް ފަހުކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

