ފިޖީގެ ފިޝަރީޒް މިނިސްޓަރ ސެމީ ކޮރޮއިލަވެސައު، ރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވައިފިއެވެ.
އޭނާ ރާއްޖެ ވަޑައިގެންނެވި 34 ވަނަ އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.
އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.
އިންފޯފިޝް އަކީ، ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމުޢިއްޔާ (އެފް.އޭ.އޯ) ގެ އެހީތެރިކަމާއެކު ހިންގާ، ސަރަހައްދީ މެމްބަރު ޤައުމުތައް ތަމްސީލުކުރާ ޖަމުޢިއްޔާއެކެވެ. މިޖަމުޢިއްޔާގައި 13 މެމްބަރު ޤައުމު އެކުލެވެއެވެ.
އިންފޯފިޝްއިން އޭޝިޔާއާއި ޕެސިފިކް ޤައުމުތަކުގެ މަސްވެރިކަމާ އެކުއާކަލްޗަރ ކުރިއަރުވާ ބައިނަލްއަޤްވާމީ ވިޔަފާރިފުޅާކުރުމަށް އެހީތެރިވެދީ މާރކެޓްތަކާ ގުޅުވައިދިނުމަށް މަގު ފަހިކޮށްދެއެވެ.
މި އަހަރު އިންފޯފިޝް ގަވަރނިންގ ކައުންސިލްގެ ރިޔާސަތު ބަލަހައްޓަމުން ގެންދަނީ ދިވެހިރާއްޖޭންނެވެ.

