ރައްޔިތުންގެ އަޑުއެހުމަކީ މިއަދުގެ ސަރުކާރުން ދަންނަ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.
ޣަފޫރު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މިއަދު ފާސްކުރުމާ ގުޅިގެންނެވެ.
ދައުރުން ބޭރުން ބޭއްވި ޖަލްސާއެއްގައި މަޖިލީހަށް ހުށަހެޅި މި އިސްލާހާ މެދު ނުރުހުން ފާޅުކޮށް، އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން ވަނީ މަޖިލިސް ސަރަހައްދުގައި ނޫސްވެރިންނާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ޣަފޫރު ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމަށް ގެނައި އިސްލާހަކީ އެ ޕާޓީން ވަރަށް ބޮޑަށް ދެކޮޅު ކަމެއް ކަމަށާއި، މިފަދަ ބަދަލެއް ގެންނަންވާނީ ރައްޔިތުންނަށް އެކަމުގެ ފުރިހަމަ ދިރާސާއާއި މައުލޫމާތު ލިބިގެން ކަމަށެވެ.
ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ވެރިކަމުގެ ދައުރު ހަތް އަހަރަށް ދަންމާލަން ކަމަށް ޣަފޫރު ތުހުމަތު ކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ގޯސްކޮށް ގާނޫނުއަސާސީއާ ކުޅުމަކީ އެއްވެސް މަންފާއެއް އޮތް ކަމެއް ނޫނެވެ.
”އެއަށްފަހު ދެން ރިޔާސީ އިންތިހާބު ބާއްވާނީ 2030 ގައި އޭ ކިޔާނެ، މިއީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަންކަމެއް ނޫން،“ ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެންމެ ފަހުން އިއްވި ރިޔާސީ ބަޔާނުގައި 2030 ވަނަ އަހަރު ކުރައްވާނެ ކަންކަމުގެ ވާހަކަ ދެއްކެވުމަކީ މިކަން ރާވާފައިވާ ގޮތުގެ ސާފު ހެއްކެކެވެ. ދެ އިންތިހާބު އެއްކުރުމަކީ ގައުމުގެ ވެރިކަން ގެއްލުވާލައި، ޚުދުމުހުތާރު ވެރިކަމަކަށް ގައުމު ބަދަލުކުރުމަށް ކުރާ މަސައްކަތުގެ ސިލްސިލާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މި އިސްލާހާ ގުޅޭ ވޯޓުގައި އެމްޑީޕީން ބައިވެރިނުވާނެ ކަމަށާއި، މުޅި ޕާޓީން މި ވޯޓު ބޮއިކޮޓް ކުރާނެ ކަމަށް ޣަފޫރު އިއުލާނު ކުރެއްވިއެވެ. އަދި މަޖިލީހުގެ ތަޅުމުގައި މި މައްސަލައިގައި އަޑުގަދަ ކުރުމުން، އެމްޑީޕީގެ މެންބަރުންގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޣަފޫރު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ތިން އަހަރު ވަންދެން ކޮވިޑް-19 ގެ ހާލަތުގައި އުޅެން ޖެހުނު އިރުވެސް، އިންތިހާބުތަކުގެ ދައުރާ ކުޅުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން އެއްވެސް ދަތިކަމެއް ނެތި ވެރިކަން ކުރަން ފުރުސަތު ލިބިފައި އޮއްވައި އިންތިހާބުތަކާ ކުޅެން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

