ކޮރަޕްޝަން ޕާރސެޕްޝަން އިންޑެކްސް (ސީޕީއައި) އަކީ އޭގެ ޒާތުގައި އެ ދިރާސާގައި ކޮރަޕްޝަން އޮތް މިންވަރު ބަލާ ދިރާސާއެއް ނޫން ކަމަށް އޭސީސީން ބުނެފިއެވެ.
އޭސީސީން ބުނެފައިވަނީ ސީޕީއައި އަކީ ޤައުމުތަކުގައި، ”ކޮރަޕްޝަން އޮންނަ މިންވަރުކަމަށް ދެކޭ މިންވަރު“ ބަލާ އެންމެ އާންމު މިންގަނޑު ކަމަށެވެ. ސީޕީއައި އަކީ އޭގެ ޒާތުގައި އެ ދިރާސާގައި ކޮރަޕްޝަން އޮތް މިންވަރު ބަލާ ދިރާސާއެއް ނޫން ކަމަށާއި ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ކޮންމެ އަހަރަކު ނެރޭ މި އިންޑެކްސް ތައްޔާރުކުރަނީ އެކި ފަރާތްތަކުން ކުރާ ދިރާސާތަކުން ފެންނަ ނަތީޖާތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ. މިއީ ދެކޭ ގޮތް (ޕަރސެޕްޝަން) ގެ މައްޗަށް ބިނާކުރާ ދިރާސާއަކަށްވުމުން އިންޑެކްސްގެ ސްކޯ އަދި ރޭންކިންގ ބިނާވަނީ ދެކޭގޮތުގެ މައްޗަށް ރިޢާޔަތްކޮށް ނެގޭ މަޢުލޫމާތުގެ މައްޗަށެވެ.
2025 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ސްކޯރ އާއި ރޭންކް ކަނޑައެޅުމަށް ބޭނުންކުރެވިފައިވަނީ، ހަމައެކަނި ތިން މަސްދަރު އެކަނިކަން އޭސީސީ ވަނީ ފާހަގަކޮށްފައެވެ. އެގޮތުން:
- ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް
- ވާރލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް
- ވެރައިޓީސް އޮފް ޑިމޮކްރަސީ
އޭސީސީން ބުނީ ދިރާސާތަކަކީ، އެ ދިރާތަކުގައި ކޮރަޕްޝަން ދިވެހިރާއްޖޭގައި އޮތް މިންވަރު ސީދާ ވަޒަންކޮށްފައިވާ ދިރާސާތަކެއް ނޫން ކަމަށެވެ. އަދި ހަމައެއާއެކު، ގިނަ ޤައުމުތަކާ ޚިލާފަށް، ދިވެހިރާއްޖޭގެ ސްކޯރ އެކުލަވާލުމަށް ބޭނުންކުރެވިފައިވަނީ، މަދު މަސްދަރުތަކެއް ކަމަށްވުމާއެކު، މި ސްކޯރގެ ނަތީޖާއަކީ މާނަހުރި ރަނގަޅު ނަތީޖާއެއްކަމުގައި ހެދުމަށްޓަކައި މިކަން ޤައުމީ ފެންވަރުގައި މަޝްވަރާކުރެވި ރައްޔިތުންގެ ސަމާލުކަމަށް ގެނައުން މުހިންމު ކަމެއްގެ ގޮތުގައި، އެކޮމިޝަނުން ވަނީ ބުނެފައެވެ.
ދިވެހިރާއްޖޭގެ ނަޒާހަތްތެރިކަމުގެ ޤައުމީ ނިޒާމް (ނޭޝަނަލް އިންޓެގްރިޓީ ސިސްޓަމް)، އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުމަށް ކޮމިޝަނުން މިގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ދިވެހިރާއްޖޭގެ ދިގުރާސްތާ ޤައުމީ ޕްލޭނާއި، މޯލްޑިވްސް 2.0 އާ އެއްކީލިވާނެ، ”ޤައުމީ އެންޓި-ކޮރަޕްޝަން ސިޔާސަތު“ އ.ދ ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގެ އެހީތެރިކަމާއެކު އެކުލަވާލުމުގެ މަސައްކަތް އެ ކޮމިޝަނުން ފަށައި މިހާރު ކުރިޔަށްގެންދާކަން އޭސީސީން ވަނީ ފާހަގަކޮށްފައެވެ،
މީގެއިތުރުން، އިންޓަރނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީއިން އިސްނަގައިގެން އަލަށް ކުރިޔަށް ގެންދާ ”މެޝަރިންގ އިފެކްޓިވްނެސް އޮފް އެންޓި-ކޮރަޕްޝަން އޭޖެންސީސް“ ގެ ފަންނީ މަސައްކަތުގައި މި ކޮމިޝަނުން އެހެން ޤައުމުތަކާއެކު މިދަނީ މަސައްކަތް ކުރަމުންކަން ވެސް އޭސީސީން ވަނީ ފާހަގަކޮށްފައެވެ.

