ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 4000 ހައުސިންގ ޔުނިޓުތަކުގެ އާންމު ސަރަހައްދުތަކަށް ގަވާއިދާ ހިލާފަށް ކުނި އަޅާ ފަރާތްތައް ޖޫރިމަނާކުރަން އެ ކުންފުނިން ފަށައިފިއެވެ. އެފްޑީސީން ބުނީ މިހާރު ވެސް ބައެއް ފަރާތްތަކުން އުސޫލުތަކާ ހިލާފުވުމުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އެ ކޯޕަރޭޝަނުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އިމާރާތްތަކުގެ ގްރައުންޑް ފްލޯ އާއި އާންމު ސަރަހައްދުތަކަށް ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ކުނި އަޅަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. މިގޮތަށް ކުނި ބެހެއްޓުމުގެ ސަބަބުން އެ ތަންތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، އާންމު ސިއްހަތާއި ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތްތައް މެދުވެރިވަމުންދާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ކުނި އުކާލުމުގައި އަމަލުކުރަންޖެހޭ އުސޫލު
އެފްޑީސީގެ ގަވާއިދު ބުނާގޮތުން އިމާރާތްތަކުގެ ކޮރިޑޯތަކާއި، ހިނގާ މަގުތަކުގެ އިތުރުން ޓަވަރުތަކުގެ ބޭރު ސަރަހައްދުތަކަށް ކުނި ޖަމާކުރުމަކީ މަނާކަމެކެވެ. ގޭބީސީތަކުން ކުނި އުކާލަންވާނީ ހަމައެކަނި ގްރައުންޑް ފްލޯގައި ހުންނަ ގާބޭޖް ރޫމްތަކުގައި އެކަމަށް ހާއްސަކޮށްފައިވާ ކުނި ވަށިތަކަށެވެ. އަދި ޔުނިޓުތަކަށް އަލަށް ބަދަލުވާއިރު އުފެދޭ ފޮށިގަނޑާއި ފުޅިމަދު ފަދަ ތަކެތި އުސޫލުގެ ތެރެއިން އުކާލުމަކީ އެ ޔުނިޓެއްގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
އިމާރާތާއި ދިރިއުޅޭ މާހައުލުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި، ކުނި އުކާލުމުގެ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެފްޑީސީން ވަނީ ނަސޭހަތްތެރިވެފައެވެ. ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި، ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ޖޫރިމަނާ ކުރަމުން ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ އިންޒާރު ދީފައެވެ.
މީގެ އިތުރުން، ޓަވަރުތަކުގެ ސާފުތާހިރުކަން ކަށަވަރުކުރުމަށްޓަކައި އެފްޑީސީ އާއި ވެމްކޯ ގުޅިގެން މިހާރު ވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން އަމާން އުދަރެސް އަދި އަމާން ހިޔާގެ ޖުމްލަ 32 ޓަވަރު ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެފްޑީސީގެ އަމާޒަކީ އެ ކުންފުނިން ތަރައްގީކުރާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަކީ އަބަދުވެސް އަމާން، ރައްކާތެރި އަދި ސާފުތާހިރު ތަންތަނުގެ ގޮތުގައި ދެމެހެއްޓުމެވެ.

