ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުން އަންނަ މައްސަލާގައި ބަޔާން ދިނުމަށް ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު އަބްދުﷲ ޖާބިރު އިންކާރު ކުރައްވައިފި އެވެ.
ރައީސް ސޯލިހްއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާ ޖާބިރު ވާހަކަ ދެއްކެވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުންނެވެ.
އެގޮތުން، ޖާބިރު ވަނީ ރައީސް ސޯލިހާއި، ސަރުކާރުގެ އިސްވެރިން ރިޝަވަތު ނެންގެވިކަމުގެ ތުހުމަތު ކުރައްވާފައެވެ. އެ މައްސަލައާއި ގުޅިގެން އޭސީސީއަށް މައްސަލައެއް ހުށަހަޅުއްވާފައިވަނީ އަމިއްލަ ފަރާތަކުންނެވެ.
އެކަމާ ގުޅޭ ގޮތުން ޖާބިރު ލީޑަރުކަން ކުރައްވާ ޕާޓީ، ޑީއާރްޕީ އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރައީސް ސޯލިހުގެ މައްޗަށް އޭސީސީއަށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައަށް ބަޔާން ދިނުމަށް ގުޅުމުން އެކަން ނުކުރައްވާނެ ކަމަށް ޖާބިރު ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން ޖާބިރު އޭސީސީއަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރުމަށް އެދިފައިވާނެ ކަމަށް އެ ޕާޓީން ބުނެއެވެ.
ޖާބިރު މަޖިލީހުގައި ވިދާޅުވީ، ރައްޔިތުންނަށް މަކަރު ހަދާ އޮޅުވާލާ ވެރިއަކު ބޭނުން ނުވާ ކަމަށެވެ. އަދި މަކަރާއި ހީލަތް ހަދާ ބަޔަކު ސަރުކާރުގެ އިސް މަގާމުތަކުން ދުރުކުރަންޖެހޭކަމަށް ޖާބިރު ވިދާޅުވިއެވެ. ރިޝަވަތުގެ ފައިސާ ނަންގަވާ އެ ފައިސާ ބައްސަވާފައިިވަނީ ކެބިނެޓުގެ އެކި ބޭފުޅުންނަށް ކަމަށް ޖާބިރު ތުހުމަތު ކުރެއެވެ. އަދި ކެބިނެޓް މިނިސްޓަރުންގެ ތެރެއިން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ބަދަލު ދިނުމުގެ ނަމުގައި ކުންފުނިތަކުން ރިޝްވަތު ނަގާފައިވާ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.
ސަރުކަރުން ގެންގުޅޭ ޒީރޯ ޓޮލޮރެންސްއަށް ފާޑުވިދާޅުވެ ޖާބިރު ވަނީ، ރައީސް ސޯލިހް ކޮރަޕްޝަންގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ސޯލިހްގެ ސަރުކާރަކީ މި ރާއްޖޭގައި ތިބި ހުރިހާ އެންމެން އަދުލު އިންސާފުގެ ބޭރުން ހައްޔަރުކޮށް ބަހައްޓާފައި ވަގުތީ ގޮތުން ގާއިމް ކުރި ސަރުކާރެއް ކަމަށާއި، އެއް އަހަރު ފުރުނުއިރު، އެމަނިކުފާނަށް ސަރުކާރު ރަނގަޅު ގޮތުގައި ހިންގިފައިވެސް ނުވާކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ތުހުމަތު ކުރެއްވި ގޮތުގައި، ބަދަލުގެ ގޮތުގައި މި ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދީފައިވާ ފައިސާގެ ބައެއް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވަނީ ނަންގަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ބަދަލު ދިނުމުގެ ނަމުގައި ސަރުކާރުން މިހާތަނަށް ދެ ބިލިއަން ޑޮލަރުގެ ވައްކަން ކޮށްފައި ވެއެވެ.
އެ މައްސަލައާ ގުޅޭ ތަފްސީލެއް އެސީސީން ހާމައެއް ނުކުރެ އެވެ. އެހެން ނަމަވެސް އެ މައްސަލަ ބަލައި ދިރާސާ ކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ޖާބިރު ވަނީ މީގެ ކުރިން، ކުރީގެ ރައީސް، މައުމޫން އަބްދުލް ގައްޔޫމް އޭނާގެ އަތުން އަނބުރާ ދައްކަވާ ގޮތަށް ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާގެ މައްސަލައެއް ވެސް ހުށަހަޅުއްވާފައެވެ. އެ މައްސަލައިގައި ރައީސް މައުމޫންނަށް މައާފުކުރެއްވުމަށްފަހު ރައީސް މައުމޫން ވަނީ، ލިބުނު ގެއްލުމުގެ ބަދަލުގައި ކިނބިގަސްދޮށުގެ ނަގައި ދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައެވެ. މީގެ އިތުރުން ޖާބިރު ވަނީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް،2013 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އޭނާގެ އަތްޕުޅުން 17 މިލިއަން ރުފިޔާ ނަންގަވާފައިވާކަމަށް ވެސް ވިދާޅުވެފައެވެ.
ރައްޔިތުން މަޖިލީހުގެ އިމްތިޔާޒުތަކުގެ ގާނޫނު އޮންނަ ގޮތުން، މަޖިލީހުގެ ތަޅުމުގައި އިސްލާމީ ޝަރީއަތާ ހިލާފު ވާހަކައެއް ނުދައްކާހާ ހިނދަކު މެންބަރަކު ތަޅުމުގައި ދައްކާ ވާހަކައަކާ ގުޅިގެން ތަހުގީގެއް ހިންގާ އަދި ދައުވާއެއް ވެސް ނުކުރެވޭނެ އެވެ.

