ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މައުމޫންގެ ”ޕްރެޒިޑެންޝަލް ލައިބްރަރީ އެންޑް އާކައިވް“ މަޝްރޫޢު މިއަހަރު އިފްތިތާހުކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ހަޔާތްޕުޅާއި ޤައުމީ ޚިދުމަތްތައް ރައްކާތެރިކޮށް ފެންނާނެހެން ތައްޔާރުކުރާ ”ޕްރެޒިޑެންޝަލް ލައިބްރަރީ އެންޑް އާކައިވް“ މަޝްރޫޢު މިއަހަރުގެ ތެރޭގައި އިފްތިތާހުކުރުމަށް ނިންމައިފިއެވެ. މިކަން އިޢުލާނު ކުރައްވާފައިވަނީ މައުމޫން ފައުންޑޭޝަންގެ 2025 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ފައުންޑޭޝަންގެ ޗެއާރމަން، ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވީ، މިއީ ޤައުމީ ފެންވަރުގެ ބޮޑު މަސައްކަތެއް ކަމަށާއި، މި މަޝްރޫޢުގެ މަގްސަދުތަކާއި ދުރު ރާސްތާގެ ތަސައްވުރު ހިމެނޭ ފުރިހަމަ ޕްރޮޕޯޒަލެއް މިހާރު ތައްޔާރު ކުރެވިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން އެމަނިކުފާނުގެ ތަގުރީރުތަކާއި، ލިޔެކިޔުންތަކާއި، ފޮޓޯ އަދި ވީޑިއޯ ފަދަ ތާރީޚީ ރެކޯޑުތައް ޑިޖިޓަލައިޒްކޮށް، ދިރާސާކުރާ ފަރާތްތަކަށާއި އަންނަން އޮތް ޖީލުތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

މީގެ އިތުރުން، މައުމޫން ފައުންޑޭޝަނުން ކުރިއަށްގެންދާ އެހެން ބައެއް މުހިންމު މަސައްކަތްތަކަށްވެސް ރައީސް މައުމޫން އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އެމަނިކުފާނުގެ އަތުލިޔުއްވުމަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ”މައުމޫން ފޮންޓް“ އިފްތިތާޙުކުރުމާއި، ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސްކޮލަރޝިޕް ޕްރޮގްރާމް އަލުން ފެއްޓެވިކަން ފާހަގަކުރެއްވިއެވެ. އަދި ތިމާވެށި ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް އަމާޒުކޮށްގެން ބޭރުގެ މާހިރުންގެ އެހީތެރިކަމާއެކު އައު މަޝްރޫޢެއް ފެށުމަށް ހަމަޖެހިފައިވާކަންވެސް ހާމަކުރެއްވިއެވެ.

މިއަހަރުގެ ތެރޭގައި ކުރިއަށްގެންދަން ރޭވިފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ 40 އަހަރަށްވުރެ ގިނަ ދުވަސްވީ އިސްލާމީ މަރުކަޒު މަރާމާތުކޮށް އާބާތުރަފިލުވުމުގެ މަޝްރޫޢެވެ. މި މަސައްކަތް ކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާބެހޭ ވުޒަރާއާއެކު މިހާރު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. މި މަޝްރޫޢުގެ ބޭނުމަކީ ރާއްޖޭގެ އެންމެ މުހިންމު އެއް ބިނާ ކަމުގައިވާ އިސްލާމީ މަރުކަޒު، ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ފެންވަރަށް ރައްކާތެރިކަމާއެކު ބެލެހެއްޓުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: