ރޯދަ މަހަށް ތައްޔާރުވުމަށްޓަކައި އާންމުން ވިޔަފާރި ކުރަމުންދާ މި ދަނޑިވަޅުގައި، މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުން ނުވަތަ ސްކޭމަރުންނަށް ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.
ފުލުހުން ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ބުނެފައިވަނީ، ރޯދަ މަހާ ދިމާކޮށް ވިޔަފާރިތައް އިތުރުވާ ވަގުތުތަކުގެ ނާޖައިޒު ފައިދާ ނަގައިގެން އޮޅުވާލައިގެން ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ހާއްސަކޮށް ފޭސްބުކް މާކެޓްޕްލޭސް ފަދަ އޮންލައިން ޕްލެޓްފޯމުތަކުގައި މިފަދަ ހަރަކާތްތައް އިތުރުވެފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
އެންޓި ސްކޭމް ސެންޓަރުގެ ސީނިއާ ސާޖަންޓް އަބްދުﷲ ޝަހުނީޒު ވިދާޅުވީ،
”އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ ރޯދަ އަށް ތައްޔާރުވާ ތައްޔާރުވުމުގައި އޭގެ ނާޖައިޒު ފައިދާ ސްކޭމަރުން ނަގަމުންދާކަން،“
އެގޮތުން އެއްޗެއް ގަތުމަށް ފައިސާ ފޮނުވުމުގެ ކުރިން އެއީ އަސްލު ވިޔަފާރިއެއްތޯ ކަށަވަރު ކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ވިޔަފާރިއެއްގެ ސައްހަކަން ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ކަށަވަރު ކުރެވޭނެކަން ފާހަގަކުރައްވައި ޝަހުނީޒު އިތުރަށް ވިދާޅުވީ، ވިޔަފާރި ކުރާއިރު އަމިއްލަ ފަރުދުންގެ އެކައުންޓުތަކަށް ފައިސާ ޓްރާންސްފާ ނުކުރުމަށާއި، ވިޔަފާރި އެކައުންޓެއްތޯ ބެލުމަށްފަހު ނޫނީ ފައިސާ ނުފޮނުވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި މުދާ ލިބުމުން ނޫނީ ފައިސާ ނުފޮނުވުމަށް ވެސް އޭނާ އިރުޝާދު ދެއްވިއެވެ.
މީގެ އިތުރުން، އޮންލައިންކޮށް ވިޔަފާރި ކުރާއިރު ޝައްކު އުފެދޭ ފަދަ ޔަގީންކަން ނެތް ލިންކުތަކަށް ނުފިއްތުމަށާއި، އަމިއްލަ ބޭންކިންގް މައުލޫމާތާއި އޯޓީޕީ (OTP) އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ފުލުހުން ވަނީ ހަރުކަށިކޮށް އަންގާފައެވެ.

