ދިވެހިރާއްޖޭގެ ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ނަސީބަކީ، އެމްޑީޕީ ނޫން ބަޔަކަށް ރާއްޖޭގެ ވެރިކަން ލިބުންކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު މިހެން ވިދާޅުވީ ޓެރަރިޒަމް މަނާކުރުމުގެ ގަނޫނަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.
ބިލުގެ ބަހުސްގައި ފަލާހު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ރާއްޖެއަށް އެންމެ ބޮޑު ޓެރަރިޒަމްގެ ހަމަލާ ދީފައި ވަނީ ޕާޓީގެ އޭރުގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށެވެ. ފަލާހު ވިދާޅުވީ އައިއީޑީއެއް ގޮއްވާލައި ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ފަހަތުގައި ތިބީ ކޮން ބައެއްކަން އެމްޑީޕީގެ ވެރިކަމުގައި ހޯދިފައި ނުވާކަމަށެވެ. އަދި މިހާތަނަށް ވެސް އެ މައްސަލައިގައި އެއްވެސް އިންސާފެއް އެމަނިކުފާނަށް ލިބިފައި ނުވާކަމަށް ފަލާހު ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް ފަލާހު ވަނީ އެމްޑީޕީއަކީ ދީނާއި ދުރު ބައެއްކަމަށް ބުނެ ފާޑުކިޔާފަ އެވެ. އެގޮތުން ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި މިސްކިތްތައް ބިނާކުރުމާއި، ދީނީ ސިޔާސަތު ކުރިއެރުވުމަށް އެއްވެސް މަސައްކަތެއް ނުކުރާކަމަށެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީގެ ދެ ވެރިކަމެއް ނިމިގެން ދިޔައިރު ވެސް މިސްކިތައް ބިނާކުރެވިފައި ނެތްކަމަށެވެ. އެ ޕާޓީގެ ވެރިކަމުގައި މާލޭގެ މަގުތަކުގައި މަސްތުވާތަކެތި ބޭނުން ކުރުން އިތުރުވެ، ކުށް ކުރުން އިންތިހާއަށް އިތުރުވެގެން ދިޔައިރު އެ މައްސަލަތައް ބަލާނެ މުވައްސަސާއެއް ނެތްކަމަށް ފަލާހު ވިދާޅުވި އެވެ.
އެހެންކަމުން އެމްޑީޕީއަށް ވެރިކަން ލިބި ޕީއެންސީގެ ވެރިކަމެއް ގާއިމުވުމަކީ، ދިވެހިންނަށް ލިބުނު ނަސީބެއްގެ ގޮތުގައި ފަލާހު ސިފަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ އިސްލާމީ ގައުމެއްގައި، އިސްލާމް ދީން ދެމެހެއްޓުމަށް ލިބުނު އެންމެ ބޮޑު ރަހުމަތަކީ ވެސް އެއީކަމަށެވެ. ސަބަބަކީ އެމްޑީޕީއަކީ ލާދީނީ ފިރުކުރުގެ ޕާޓީއަކަށްވުންކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހުގެ ވާހަކަ ކުރިޔަށް ގެންދަނިކޮށް، ނިޒާމީ ނުކުތާ ނަންގަވައި އެ ވާހަކަ ރިޔާސަތުން ހުއްޓުވަން ޖެހޭކަމަށް ކުޑޫ ވިދާޅުވި އެވެ. އަދި އެއްވެސް ބަޔަކު އެއީ ލާދީނީ ބައެއްގެ ގޮތުގައި ސިފަކޮށް ވާހަކަ ދެއްކުމަށް ޖާގަ ނުދިނުމަށް ވެސް ވިދާޅުވި އެވެ.
އެހެން ނަމަވެސް ރިޔާސަތުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލީހުގައި ލާދިނީއަށް ގޮވުން ހުއްޓުވޭނީ، ގާނޫނުގައި އެކަން ބަޔާން ކުރުމުން ކަމަށެވެ. ނަމަވެސް އެއް މެމްބަރަކު އަނެއް މެމްބަރަށް ނުވަތަ ޕާޓީއަކަށް ނިސްބަތްކޮށް ލާދީނީ ނުގޮވުމަށް އަބްދުއްރަހީމް ވިދަޅުވި އެވެ.
ވާހަކަ އިތުރަށް ކުރިޔަށް ގއންދަވަމުން ފަލާހު ވިދާޅުވީ، އެމްޑީޕީއަށް ލާދީނީ ގޮވަން ޖެހެނީ ޕާޓީގެ އަމަލުތަކުގެ ސަބަބުން ކަމަށެވެ. އަދި އެމްޑީޕީ ދީނީ ކަންކަމާއި ގުޅުވައި ދައްކާފައިވާ ވާހަކަތައް އެއީ ފޮރުވޭނެ ވާހަކަތަކެއް ނޫންކަމަށް ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައި ވެސް ގައުމަށް ގެއްލުންތައް ދިންކަން އެއީ ފެންނަން އޮތް ހަގީގަތެކެވެ. އަދި އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރެއްގައި ވެސް އެކަން ތަކުރާރުވާނެކަން ކޮންމެ ރައްޔިތަކު ވެސް ހަނދާން ބަހައްޓަން ޖެހޭކަމަށް ފަލާހު ވިދާޅުވި އެވެ.

