މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް އަބަދުވެސް ދައްކަވަނީ ކޮންމެވެސް ސަމާލުކަން ލިބޭ ވާހަަކައެއް ކަމަށާއި، އެއީ 2023އަށް ކެމްޕެއިން ކުރަން ކުރާ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އަދި ޑީއާރްޕީގެ ނައިބު ލީޑަރ އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރިފާއު ވަނީ ރައީސް ނަޝީދަށް ފާޑު ވިދާޅުވެފައެެވެ. އެގޮތުން އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި އޮތް އިރު މަޖިލީހުގެ ޤަވާއިދަށް ބަދަލު ގެނެސްދެން ރިޔާސަތުގައި ހުންނަވާ ބެފުޅަކަށް ވާހަކަދެއްކުމުގެ ފުރުސަތު ހޯދުމުގެ ބެނުމަކީ ކޮބާތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
އެކަން ކޮށްފައި ވަނީ ރައީސް ނަޝީދުއަކީ ސިޔާސީ ބޭފުޅަކަށް ވެފައި މަޖިލީހުގައި ރިޔާސަތުގައި ހުންނަވާ އިރު ވާހަކަ ނުދެއްކޭނަމަ، ސައިލެންޓް ވެދާނެ ކަމުގެ ބިރަށްޓަކާ ކަމަށް ރިފާއު ވިދާޅުވިއެވެ.
މީގެ އިތުރުން ރިފާއު ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންނާއި، ދޭދޭ ޤައުމުތަކާއި މެދު ރައީސް ނަޝީދު ދައްކަވާ ވާހަކަތަކުގެ ސަބަބުން ގެއްލުންވާކަމަށް ވިދާޅުވެފައެވެ. އެކަންކަން ކުރައްވަނީ ގަސްތުގައިކަމަށް ވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެފަހަރު ޗައިނާގެ ލޯންގެ ވާހަަ. އަނެއްފަހަރު އަނެއް ވާހަކައެއް. ޝައްކެއްވެސް ނެތްގޮތުގައި މިކަމުން ސަރުކާރަށް ޑެމޭޖް ވާނެ. ވެދާނެ މިކަން ކުރައްވަނީ ގަސްތުގައި ކަމަށް. 2023ގައި ވެރިކަމަށް ކުރިމަތިލާނެކަން އެއޮތީ ހާމަކުރައްވާފަ. އެހެންކަމަށް ވާނަމަ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ޕޮޕިއުލަރލިޓީ ބޮޑު ވުމަކީ ގެއްލުންވާނެ ކަމެއް. އެހެންވެ އެކަން ކުރައްވަނީ ކަމަށްވެސް ވެދާނެ“
ރިފާއުވަނީ ރައްޔިތުންގެ މަޖިލީހުގައި ހިނގާ ބައެއް ކަންކަމާއި ގުޅޭ ގޮތުން ވެސް ވާހަކަދައްކަވާފައެވެ.
އެގޮތުން މިދިޔަ ސަރުކާރުގައި އެއްވެ އުޅުމުގެ މިނިވަންކަމަށް ގެނައި ބަދަލަށް ފާޑުކީ ނަމަވެސް މިއަދު އެ ޤާނޫނު އުވާލަން ސަރުކާރުން ބޭނުން ނުވާކަން ހާމަވާކަން ރިފާއު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މިނިވަން މުއައްސަސާތަކަށް މީހުން އައްޔަން ކުރުމުގައި ތްރީލައިން ވިޕް ނެރުމާއި ސިޔާސީ އެކްޓިވިސްޓުން މިނިވަން މުއައްސަސާތަކަށް އައްޔަން ކުރުން ފަދަ ކަންކަމުގައި މިދިޔަ މަޖިލީހާއި މި މަޖިލީހާއި މާބޮޑު ތަފާތެއް ނެތް ކަމަށް ރިފާއު ވިދާޅުވިއެވެ.
އަދި ބޭނުންވާ ވަކި ކަމެއް ފާސްކުރަން ވެއްޖެ ނަމަ ބޭނުން ގަޑިއަކު މަޖިލީސް ހުޅުވައިގެން މަސައްކަތްކުރާކަމަށް އޭނާ ވިދާޅުވިއެވެ.

