ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހިން 10 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހިން 10 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓު ސަރަހައްދުގައެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، އިއްޔެ ހިންގި މި އޮޕަރޭޝަނަކީ ހިޔާ ފްލެޓު ސަރަހައްދުގައި ހިންގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގެ ތެރެއިން އެ ސަރަހައްދުގައި މަސައްކަތް ކުރަމުންދިޔަ ޖުމްލަ 95 ބިދޭސީއެއްގެ ލިޔެކިޔުންތައް އިމިގްރޭޝަން އޮފިސަރުން ވަނީ ބަލައިފާސްކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ގައުމީ ސަލާމަތާ ގުޅިފައިވާ މުހިންމު ކަމެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.

މިމައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ އަދި އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު 17 ނޮވެމްބަރު 2023 އިން 3 ފެބްރުއަރީ 2026 ގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅުނު 11,496 ބިދޭސީއަކު އަނބުރާ ގައުމަށް ފޮނުވާލެވިފަވެއެވެ. މީގެ އިތުރުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ލީގަލައިޒް ކުރުމުގެ މަސައްކަތް 1 ޖެނުއަރީ 2026 ގައި ފަށާފައިވާއިރު މިހާތަނަށް 3,700 އެޕްލިކޭޝަން ލިބިފައިވެއެވެ.

އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހި 3 މެއި 2026 ގައި ފެށޭނެކަން ރައީސް އިއުލާނު ކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުންނެވެ. މި ފިޔަވަހީގެ ދަށުން ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދީ ޑީޕޯޓް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ތިން އަހަރުގެ މި އޮޕަރޭޝަން ނިމުމާއެކު، 2 މެއި 2027 ގައި ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: