ދިވެހި އެންމެ ރައްޔިތަކު ބޮޑު ޤައުމެއްގައި ހިންގާ ކަމަކުން ބޮޑު ޤައުމަކުން ރާއްޖެ ހިފާފާނެކަމަށާއި، އެއީ ދުނިޔޭގައި ހިނގާފައި ހުރި ކަމެއްކަމަށް ހޯމް މިނިސްޓަރ ޝޭހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ވިޔަވަތީގެ ނަމުގައި ލާމަރުކަޒީ ނިޒާމް އިސްލާހު ކުރުމަށް ކުރާ މަސައްކަތުގެ މަޝްވަރާކުރަން ބޭއްވި ފޯރަމްގައި ހައްދު ފަހަނައެޅުމާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން، ޓެރަރިޒަމް އާއި ދެކޮޅަށް ކުރާ މަސައްކަތަކީ ދީނާ ދެކޮޅު ކަމެއް ނޫންކަމަށް ޝޭހް އިމްރާން ވިދާޅުވިއެވެ.
ޝޭހް އިމްރާން ވަނީ ޓެރަރިޒަމްގެ މައްސަލައަކީ މުސްލިމް އެެހެން ޤައުމަތަކަށްވެސް ދިމާވެފައިވާ މައްސަލައެއް ކަމަށާ، ވަގުތު އޮއްވާ އެކަމާއި މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
”ކީއްވެގެންތޯ ގުޅިފައިވާ ޤައުމުތަކުން އަރާ އަފްއާނިސްތާން ހިފަން ޖެހުނީ. ކީއްވެތޯ ސޫރިއާ ބޮޑެތި ބާރުތަކުން ވަންނަން ޖެހުނީ. ކީއްވެތޯ އިރާގަށް އަރަން ޖެހުނީ. އެހެންވީމަ މިހާލަތަށް އެންމެ ދިވެއްސަކު ކުރާ ކަމަކުން ގޮއްސިއްޔާ އަޅުގަނޑުމެން އެންމެން ނޫންތޯ އޭގައި ނިކަމެތި ވަނީ. މިއީ މީގެ ހަގީގަތަކީ“
ދީނުގެ ނަމުގައި އުފައްދާ ފިކުރަކުން އެންމެންނަށް ގެއްލުންވާތަން ބަލަން ނުތިބެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދީނުގައި އެފަދަ ގޮތަކަށް އަމަލު ކުރަން އަންގަވާފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ހިސާބަށް ކަންކަން ދިއުމަކީ ވަރަށް އަސަރު ކުރާ ކަމެއް ކަަމަށް އިމްރާން ވިދާޅުވިއެވެ. ދީނުގެ ނަމުގައި ހިންގާ ޖަރީމާތަކުން އިތުރު ކުށްތައް ކުރަން މަގުފަހިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

