ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަރުމަނުވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އެނބުރި މާލެ ވަޑައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖަރުމަނުވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސް ޝްޓައިންމަޔަރ ވަނީ  ދެ ޤައުމުގެ ދެމެދުގައި އޮތް ރަސްމީ ގުޅުން އިތުރަށް ފުޅާކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިގޮތުން ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ، ބައިނަލްއަޤުވާމީ މައިދާންތަކުގައި ދެ ޤައުމުގެ މެދުގައި އޮތް ގުޅުމާއި، ދެ ޤައުމުގެ މަސްލަހަތު އެކުލެވޭ ކަންކަމުގައި، މަތީ ފަންތީގެ މަޝްވަރާތަކާއި، ރަސްމީ އެއްބަސްވުންތަކުގެ އެހީގައި ގުޅުން ސިންދަފާތުކޮށް، އެގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މައްޗަށެވެ.

މިދަތުރުފުޅުގައި ކުރިއަށްގެންދެވި މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރާއްޖޭގައި ޖަރުމަނު ކުންފުނިތަކަށް ހުރި ފުރުޞަތުތަކާއި ބެހޭގޮތުން މައުލޫމާތު އަރުވާފައިވެއެވެ. މި ރައުންޑްޓޭބަލްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ބައްލަވާލައްވައި، ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، އިގްތިސާދީ ފުރުސަތުތައް ފުޅާވެގެންދާ މި ދަނޑިވަޅުގައި ރާއްޖޭގައި އިންވެސްޓްކުރުމަށް އެޤައުމުގެ ކުންފުނިތަކަށް ގޮވާލައްވާފައެވެ. މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ވަނީ، ވިލާތުގެ އެންމެ އިސް އެއް ޓްރެވަލް އެންޑް ޓޫރިޒަމް ގުރޫޕުކަމުގައިވާ ޑިއަރޓުއަރ ޑޮއިޝްލަންޑް ޖީ.އެމް.ބީ.އެޗް އާއި ވިޒިޓް މޯލްޑިވްސް އާ ދެމެދު، ޑެސްޓިނޭޝަން ޕްރޮމޯޝަނާއި މާކެޓިންގައި އެއްބާރުލުންދިނުމާ ގުޅޭ ފަހުމުނާމާއެއްގައިވެސް ސޮއިކުރައްވާފައެވެ.

ރައީސް ވަނީ ބަރލިންގެ ހުމްބޯލްޑްޓް ޔުނިވަރސިޓީއަށް ޒިޔާރާތްކުރައްވައި، މޫސުމީ ބަދަލުތަކަށް ވިލުންވެރިވުމުގައި ރާއްޖޭގެ ތަޖުރިބާތަކަށް ބައްލަވާލައްވައި ޚާއްޞަ ތަޤުރީރެއްކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ، ޚާރިޖީ ސިޔާސަތުގައި ކަނޑުތައް އަދާކުރާ ދައުރާ ބެހޭގޮތުން، ޖަރމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް، ޑޮއިޝް ގެޒޭލްޝާފްޓް ފުއަރ އައުސްވެއަރޓީގަ ޕޮލިޓީކް (ޑީ.ޖީ.އޭ.ޕީ)ގައި ވެސް ތަޤުރީރު ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، އެޤައުމުގައި ބޭއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސް އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި، ޖަރުމަނުވިލާތު ސަރުކާރުގެ އިސްވެރިންނާއި، ބަރލިންގައި ތިއްބަވާ ޚާރިޖީ މަންދޫބުން މި ޖާފަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޖަރުމަނުވިލާތުގައި ދިރިއުޅޭ ބައެއް ދިވެހީންވެސް މި ޖާފަތުގައި ބައިވެރިވެފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވި ދިވެހި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާއާއެކު ވަކިން ބައްދަލުކޮށް، އެ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ފުރުސަތު ދެއްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: